ދަނޑުވެރިކަމަކީ ޤައުމެއްގެ އިޤްތިޞާދަށް ވަރަށް މުހިންމު ދައުރެއް އަދާކުރެވިދާނެ ސިނާއަތެކެވެ. ނަމަވެސް، ދިވެހިރާއްޖޭގައި މި ދާއިރާ ތަރައްޤީކުރުމަށް މީގެކުރިން އެކަށީގެންވާ މަސައްކަތްތަކެއް ކުރެވިފައެއް ނުވެއެވެ. މިކަމުގެ ސަބަބުން، ގިނަ އަދަދެއްގެ ދަނޑުވެރިކަމުގެ އުފެއްދުންތައް ރާއްޖެއަށް އިމްޕޯޓްކުރަން ޖެހިފައިވެއެވެ. މިއީ ޤައުމުގެ އިޤްތިޞާދަށް ނޭދެވޭ އަސަރުކުރާ ކަމެކެވެ.
ދަނޑުވެރިކަމަކީ ފުޅާކުރެވިދާނެ އަދި ކުރިއެރުވިދާނެ ދާއިރާއެކެވެ. ރާއްޖޭގެ ރަށްތަކުގައި ހުރި ބިންތައް ބޭނުންކޮށްގެން، އާ ޓެކްނޮލޮޖީ ބޭނުންކޮށްގެން، އަދި ދަނޑުވެރިންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދީގެން މި ދާއިރާ ކުރިއެރުވިދާނެކަމަށް މި ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކުން ފާހަގަކުރެއެވެ. ނަމަވެސް، މީގެ ކުރިން މި ދާއިރާ އޮތީ މާބޮޑު ސަމާލުކަމެއްނުދެވި ދޫކޮށްލެވިފައެވެ.
އެހެންނަމަވެސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ދަނޑުވެރިކަމުގެ ދާއިރާ ކުރިއެރުވުމަށް ޚާއްޞަ ސަމާލުކަމެއް ދެއްވައެވެ. ދަނޑުވެރިންނަށް ބޭނުންވާ ތަމްރީނާއި، އާލާތްތަކާއި، އެހެނިހެން އެހީތެރިކަން ފޯރުކޮށްދިނުމަށް ސަރުކާރުން މަސައްކަތްކުރަމުންދެއެވެ. މީގެ އިތުރުން، ދަނޑުވެރިކަމުގެ އުފެއްދުންތައް މާކެޓްކުރުމަށް ބޭނުންވާ ވަސީލަތްތައް ޤާއިމުކުރުމަށްވެސް މަސައްކަތްތަކެއް ކުރެވެމުންދެއެވެ.
ރާއްޖެ ފަދަ ބިން ކުޑަ ޤައުމެއްގެ ކާނާގެ ޔަޤީންކަން ކަށަވަރުކުރުމަށް މިފަދަ ޤައުމެއްގައި އެންމެ އެކަށީގެންވާ ގޮތައް ދަނޑުވެރިކަމުގެ އުފެންދުންތެރިކަން އިތުރުކުރެވޭނެ ޒަމާނީ ގޮތްތައް ސަރުކާރުން ދަނީ ތައާރަފް ކުރަމުންނެއެވެ. އެގޮތުން ޕައިލެޓް ޕްރިޖެކްޓެއް ހދ. ހަނިމާދޫ އެގްރިކަލްޗަރ ސެންޓަރުގައި މި ސަރުކާރުން ވަނީ ފަށާފައެވެ. މީގެ ތެރެއިން އަޖުމަ ބެލުމުގެ ގޮތުން ހަނިމާދޫ އެގްރިކަލްޗަރ ސެންޓަރުގައި 3 ވައްތަރެއްގެ ވާޑިކަލް ހައިޑްރޮޕޯނިކްސް ސެޓަޕެއް ވަނީ ގާއިމްކޮށްފައެވެ.
ރާއްޖޭގައި ގަސްތަކަށް ޖެހޭ ތަފާތު ވައްތަރުގެ ބަލިތައް ދެނެގަނެވޭނެ ލެބޯޓްރީއެއް ރާއްޖޭގައި މިހާތަނަށް ޤާއިމުކުރެވިފައެއްނެތެވެ. ގަސްތަކަށް ޖެހޭ ބަލިތައް ތަހުލީލުކޮށް އެއަށް ދޭންޖެހޭ ފަރުވާ އެންމެ އެދެވޭ ގޮތެއްގައި ފޯރޮކޮށް ނުދެވޭކަމުގެ ކަންބޮޑުވުން ދަނޑުވެރިން ފާހަގަކުރެއެވެ. ދަނޑުވެރިންގެ މި ކަންބޮޑުވުންތަކަށް ހައްލު ހޯދުމުގެ ގޮތުން ސަރުކާރުން ވަނީ ދަނޑުވެރިކަމުގެ ޤައުމީ ލެބޯޓަރީއެއް ޤާއިމުކުރުމުގެ މަސައްކަތް ފަށާފައެވެ. ސަރުކާރުގެ އަމާޒަކީ މި އަހަރު އެތަނުން ޚިދުމަތް ދަނޑުވެރިންނަށް ފޯރުކޮށްދިނުމެވެ.
ރާއްޖޭގެ ދަނޑުވެރިކަމުގެ ދާއިރާ ހަރުދަނާ ކުރުމަށް ދަނޑުވެރިކަމާއި ބެހޭ ވުޒާރާއިން ދަނީ ގިނަ ޕްރޮގްރާމްތަކެއް ހިންގަމުންނެއެވެ. އެގޮތުން ހައިޑްރޮޕޯނިކްސް ޕްރޮގްރާމްއާއި ފުޑް ސެކިއުރިޓީ ޕްރޮގްރާމް އަދި ދަނޑުވެރިން ތަމްރީނު ކުރުމުގެ ޕްރޮގްރާމް ފާހަގަކޮށްލެވެ.
މީގެ އިތުރުން ދަނޑުވެރިކަމުގައި ހަރަކާތްތެރިވާ ފަރާތްތަކަށް މާލީ ގޮތުން އެހީތެރިވުމުގެ ގޮތުން ދަނޑުވެރި ނަފާ ލޯނުގެ ނަމުގައި ޚާއްސަ ޕްރޮގްރާމެއްވެސް ދަނޑުވެރިކަމާ ބެހޭ ވުޒާރާއިން ވަނީ ފަށާފައެވެ. މިއީ ދަނޑުވެރިކަމަށް އަލައް ވަންނަ ޒުވާނުންނަށް ދަނޑުވެރިކަމުގެ މަސައްކަތް ފަށައިގަތުމާއި މިހާރު ދަނޑުވެރިކަން ކުރާ ފަރާތްތަކުގެ ތެރެއިންވެސް މަސައްކަތް އިތުރަށް ތަރައްޤީކޮށް އަދި ބޮޑެތި އިންވެސްޓްމަންޓްއަށް ބޭނުންވާ ފަރާއްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ކުރިއަތް ގެންދާ ލޯން ޕްރޮގްރާމްއެއް ކަމަށެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މަސައްކަތް ކުރާ ދަނޑުވެރިންގެ ދަފްތަރެއް އެކުލަވާލުމުގެ މަސައްކަތްވެސް ދަނޑުވެރިކަމާއި ބެހޭ ވުޒާރާއިން ދަނީ ކުރަމުންނެއެވެ.
ރާއްޖެއަށް އެތެރެކުރާ ކާބޯތަކެތީގެ ނިސްބަތް މަދުކޮށް ކާނާގެ ޔަޤީންކަން ކަށަވަރުކުރުމަށްޓަކައި އުތުރު ތިލަފަޅުގައި ދަނޑުވެރިކަމުގެ ބޮޑު މަޝްރޫޢެއް ފެއްޓެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ޢިއުލާންކުރައްވާފައެވެ. މި މަޝްރޫޢާއެކު ރާއްޖެއަށް އެތެރެކުރާ ކާބޯތަކެތީގެ ނިސްބަތް މަދުކުރެވި އެކަމަށް ކުރާ ހޭދަ ކުޑަކުރެވޭނެކަމަށް ސަރުކާރުން ވިދާޅުވެއެވެ. ހަމައެއާއެކު ކާނާގެ ޔަޤީންކަން ކަށަވަރުކުރެވި ޞިއްޙީގޮތުން ޔަޤީންކަން އޮތް ކާނާގެ ބާވަތްތައް ލިބޭނެ މަގުފަހިވެގެންދާނެކަން ސަރުކާރުން ފާހަގަކުރައްވައެވެ.
ދަނޑުވެރިކަމުގެ މަސައްކަތަކީވެސް ވަކި ޤާނޫނަކާއި އުސޫލުތަކެއްގެ ތެރެއިން ކުރެވޭ މަސައްކަތަކަށް ހެދުމުގެ މުހިންމު ކަމަކަށްދެކި ދަނޑުވެރިކަމުގެ ޤާނޫނުގެ ޑްރާޕްޓް އެކުލަވާލައި މި ސަރުކާރުން ވަނީ އެޓާނީ ޖެނެރަލް އޮފީހަށް ހުށައަޅާފައެވެ.
ދަނޑުވެރިކަމުގެ ދާއިރާގެ އިތުރުން ދެން އެންމެ ފާހަގަކޮށްލެވޭ އަނެއް ދާއިރާއަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާއި ހަވާލުވެ ވަޑައިގެން މުޅިން އަލަށް ވަކި ވުޒާރާއެއްގެ ގޮތުގައި އުފެއްދެވި ދަނޑުވެރިކަމާ ބެހޭ ވުޒާރާގެ ތެރޭގައި ތިރޭތަކެއްޗާއި ބެހޭ ބައި ހިމެނުމެވެ.
ފާއިތުވި 1 އަހަރު މި ދާއިރާއިންވެސް ވަނީ މުހިންމު މަސައްކަތަތެއް ކުރައްވާފައެވެ. އެގޮތުން ފާހަގަކޮށްލެވޭ އެއް މަސައްކަތަކީ މާލޭގޭ މަގުތަކުގައި ގިނަވެފައިވާ ބުޅާތަކަށް ރައްކާތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ވަގުތީ ކެޓް ޝެލްޓަރއެއް ހަދައި ޚިދުމަތް ދޭން ފަށާފައިވުމެއެވެ.
ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާއިން ކުރަމުންދާ މަސައްކަތްތައް ޤާނޫނާއި ހަމަތަކުގެ ދަށުން ކުރިއަށް ގެންދިޔުމަށް ޤާނޫނުތައް ހަރުދަނާކޮށް މީގެ އިތުރުން ޤާނޫނާއި ގަވައިދުތައްވެސް ދަނީ އެކުލަވާލަމުންނެއެވެ. އެގޮތުން ޖަނަވާރުން ގެންގުޅުމާއި ޖަނަވާރުންގެ ދުޅަހެޔޮކަމާއި ބެހޭ ބިލް މުރާޖާކޮށް އެޓާނީ ޖެނެރަލްގެ އޮފީހަށް ވަނީ ފޮނުވާފައެވެ.