ޚަބަރު

ޔަހޫދީން ދަނީ ދޮގުހަދައި އޮޅުވައިލަމުން: އދގެ ތުރްކު


ފަލަސްޠީނުގެ ޣައްޒާގެ ހަސްފަތާލުތަކަށް ދެމުންދާ ނިރުބަވެރި ޙަމަލާތަކާއި، އެ ތަންތަނަށް ރޭޑުޖަހައި ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކާ ގުޅޭ ގޮތުން ޔަހޫދީން ޙަޤީޤަތަކާ ޚިލާފު މަޢުލޫމާތު ފަތުރައި، އޮޅުވައިލަމުންދާ ކަމަށް ވިދާޅުވެ، އދގެ އިންސާނީ ޙައްޤުތަކާ ބެހޭ އިދާރާގެ ވެރިޔާ ފޮލްކަރ ތުކްރު ފާޑުވިދާޅުވެއްޖެއެވެ. އޭނާ މި މޭރުމުން ވިދާޅުވެފައި މި ވަނީ، ޣައްޒާގެ ކަމާލް ޢަދްވާން ހަސްފަތާލަށް ރޭޑުޖަހައި ހިންގާފައިވާ ޖަރީމާތައް ދިފާޢު ކުރަން ޒަޔަނިސްޓު އިސްރާއީލުން މަސައްކަތް ކުރަމުންދާތީއެވެ.

ޣައްޒާގެ މުސްލިމުންގެ ނަސްލުހޭދު ކުރުމަށް ޔަހޫދީ ފައުޖުން ލާއިންސާނީ ޢުދުވާނެއް ހިންގަން ފަށާފައި ވަނީ 2023ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 7ވަނަ ދުވަހުއެވެ. އެއީ، ޣައްޒާގައި ވެރިކަން ކުރާ ޙަމާސް ޖަމާޢަތް ނައްތައިލުމުގެ ނަމުގައި ފަށާފައިވާ ޢުދުވާނެކެވެ. ޣައްޒާގެ މުސްލިމުން ޝަހީދުކޮށް ނެތިކޮށްލުމަށް ޢުދުވާނީ ޙަމަލާތައް ފަށާފައި ވަނީ، އެ ދުވަހު ޙަމާސްގެ މުޖާހިދުން ޒަޔަނިސްޓުންނަށް އަމާޒުކޮށް ޖިހާދީ ޙަމަލާތަކެއް ދިނުމާ ގުޅިގެންނެވެ. އެއީ، ޔަހޫދީންގެ އަޅުވެތިކަމާއި އިސްތިޢުމާރީ ވެރިކަމަށް ކެތް ނުކުރެވިގެން ޙަމާސްގެ މުޖާހިދުން ދީފައިވާ ޙަމަލާއެކެވެ.

މި ޢުދުވާނުގެ ދަށުން ޔަހޫދީ ފައުޖުން ދާދި ފަހުން ވަނީ ޣައްޒާގެ އުތުރުގައި ހުންނަ ކަމާލް ޢަދްވާން ހަސްފަތާލަށް ރޭޑުޖަހައި، ލާއިންސާނީ ޖަރީމާތަކެއް ހިންގާފައެވެ. އަދި، އެ ތަނުގައި މަސައްކަތް ކުރަމުން ދިޔަ ގިނަ އަދަދެއްގެ ޑޮކްޓަރުންނާއި ޞިއްޙީ ޚިދުމަތްތެރިން ހައްޔަރުކޮށް، އެ ތަނުން ފޯރުކޮށްދެމުންދާ ޞިއްޙީ ޚިދުމަތްތަކަށް ހުރަސް އަޅާފައެވެ. މި ކަމާ މެދު ބައިނަލްއަޤުވާމީ މުޖުތަމަޢުން ކަންބޮޑުވުން ފާޅުކުރަން ފެށުމާ އެކު، ޔަހޫދީން ވަނީ އެ ޢުދުވާންތައް ދިފާޢު ކުރަން ޙަޤީޤަތާ ޚިލާފު ވާހަކަތަކެއް ފަތުރައި، އޮޅުވައިލުމުގެ މަސައްކަތް ފަށާފައެވެ.

ކަމާލް ޢަދްވާން ހަސްފަތާލުގައި ހިންގާފައިވާ ލާއިންސާނީ ޖަރީމާތަކުގެ ތުހުމަތުތަކުން ބަރިއްޔަވުމުގެ ގޮތުން ޖެނީވާގައި ހުންނަ އދގެ އޮފީސްތަކަށް ޒަޔަނިސްޓު އިސްރާއީލުން ކަނޑައަޅާފައި ހުންނަ ސަފީރު ދަނިޔެލް މެޣޯން ވަނީ އދގެ އިންސާނީ ޙައްޤުތަކާ ބެހޭ އިދާރާގެ ވެރިޔާ ތުރްކަށް ސިޓީއެއް ފޮނުވާފައެވެ. އަދި، އެ ސިޓީގެ ކޮޕީއެއް ސޯޝަލް މީޑިޔާގައި ޢާންމުކޮށްފައެވެ. ކަމާލް ޢަދްވާން ހަސްފަތާލަކީ ޣައްޒާގެ މިނިވަން ކަމަށް ޖިހާދު ކުރަމުންދާ ޖަމާޢަތްތައް ކަމުގައިވާ ޙަމާސާއި އިސްލާމިކް ޖިހާދުގެ މުޖާހިދުން ބޭނުން ކުރަމުން ދިޔަ ތަނެއް ކަމުގައި އޭނާގެ ސިޓީގައި ތުހުމަތު ކޮށްފައިވެއެވެ.

މި ކަމާ ގުޅޭ ގޮތުން އދގެ ސަލާމަތީ މަޖިލީހުގައި ވާހަކަފުޅު ދައްކަވަމުން ތުރްކު ވިދާޅުވީ ޔަހޫދީން ދައްކަމުންދާ ބަހަނާތަކަކީ ޤަބޫލު ކުރަން ދަތި ވާހަކަތަކެއް ކަމުގައެވެ. އެ ބަހަނާތައް ސާބިތު ކޮށްދިނުމަށް އެއްވެސް ހެއްކެއް ހުށަހަޅާފައި ނުވާ ކަމުގައެވެ. އަދި، ޔަހޫދީން ފަތުރަމުންދާ ޙަޤީޤަތާ ޚިލާފު ވާހަކަތަަކަކީ، އަސްލު ހާލަތާ ނުބައްދަލު ވާހަކަތެއް ކަމަށާއި، ޙަޤީޤަތާ ޚިލާފު ދޮގު މަޢުލޫމާތު ފަތުރައިގެން ކަމުގެ ޙަޤީޤަތް އޮޅުވައިލަން ޔަހޫދީން މަސައްކަތް ކުރަމުންދާ ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ.

"[ޣައްޒާގެ] ހަސްފަތާލުތަކާއި، ޞިއްޙީ މަރުކަޒުތަކާއި، ޞިއްޙީ ޚިދުމަތްތެރިންނަށް އަމާޒުކޮށް އިސްރާއީލުން ދެމުންދާ ޙަމަލާތަކާ ގުޅޭ ދެފުށް ފެންނަ، މިނިވަން ތަޙުޤީޤެއް ހިންގުމަށާއި، އެ ތަންތަނުގެ ބޭނުން ނަހަމަ ގޮތުގައި ހިފުމާ ގުޅޭ ގޮތުން ތަޙުޤީޤެއް ހިންގުމަށް އަޅުގަނޑު މި ގޮވައިލަނީ،" ޔަހޫދީންގެ އަމަލުތައް އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރައްވަމުން ތުރްކު ވިދާޅުވިއެވެ.

ކަމާލް ޢަދްވާން ހަސްފަތާލަށް ރޭޑުޖަހައި ޔަހޫދީ ފައުޖުން ހިންގާފައިވާ ލާއިންސާނީ ޖަރީމާތަކުގެ ތެރެއިން 240އަށްވުރެ ގިނަ މީހުން ހައްޔަރު ކޮށްފައިވެއެވެ. އެއީ، ޙަމާސްގެ މުޖާހިދުން ކަމުގައި ޔަހޫދީން ތުހުމަތު ކުރާއިރު، ހައްޔަރު ކޮށްގެން ގެންގޮސްފައިވާ މީހުންގެ ތެރޭގައި އެ ހަސްފަތާލުގެ ޑިރެކްޓަރ ޙުސާމް އަބޫ ޞަފިއްޔާ ވެސް ހިމެނެއެވެ. ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާ (ޑަބްލިޔުއެޗްއޯ)ން ވެސް ވަނީ މި ކަމާ މެދު ކަންބޮޑުވުން ފާޅުކޮށްފައެވެ.

އެ ޖަމުޢިއްޔާގެ އިސް އޮފިޝަލެއް ކަމުގައިވާ ރިޗަރޑް ޕީޕަރކޯން ވިދާޅުވީ، އަބޫ ޞަފިއްޔާ ހައްޔަރު ކޮށްގެން ގެންދިޔުމަކީ އެ ޖަމުޢިއްޔާއިން ނުހަނު ކަންބޮޑުވާ މައްސަލައެއް ކަމުގައެވެ. "އަޅުގަނޑުމެންނަށް އޭނާއާ ގުޅޭނެ އެއްވެސް ގޮތެއް ނެތް، އޭނާ ވަގުތުން މިނިވަން ކުރުމަށް [ޔަހޫދީންނަށް] ގޮވައިލަން،" އޭނާ ވިދާޅުވިއެވެ.

މި ކަމާ ގުޅޭ ގޮތުން ޔަހޫދީންގެ އެންމެ ބޮޑު މަދަދުގާރު، އެމެރިކާއިން ވެސް ވަނީ ވާހަކަ ދައްކާފައެވެ. އދގެ ސަލާމަތީ މަޖިލީހުގައި ވާހަކަފުޅު ދައްކަވަމުން އެމެރިކާއިން އދއަށް ކަނޑައަޅާފައި ހުންނަވާ ސަފީރުގެ ނައިބު ޑޮރޮތީ ޝިޔާ ވިދާޅުވީ، އަބޫ ޞަފިއްޔާ ހައްޔަރު ކޮށްފައިވާ މައްސަލަ އެމެެރިކާއިން ވަރަށް ގާތުން ބަލަމުންދާ ކަމުގައެވެ. ސަލާމަތީ މަޖިލީހުގައި މި ކަމާ ގުޅޭ ގޮތުން ވާހަކަފުޅު ދައްކަވަމުން ފަލަސްޠީނުން އދއަށް ކަނޑައަޅާފައިވާ ހުންނަވާ ސަފީރު ރިޔާޟު މަންޞޫރު ވަނީ ކީރިތި ކުރައްވާފައެވެ.

ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ޢުދުވާނުގައި ޝަހީދުކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 45,658އަށް އުފުލިފައެެވެ. އޭގެ ތެރޭގައި 17,000އެއްހާ ކުޑަކުދިން ހިމެނޭއިރު, އިތުރު 10,000އެއްހާ މީހުންގެ ހަށިތައް ސުންނާފަތި ކޮށްލާފައިވާ އިމާރާތްތަކުގެ ދަށުގައި ތާށިވެފައިވާ ކަމަށް ޣައްޒާގެ އޮފިޝަލުން ޤަބޫލު ކުރެއެވެ. ޣައްޒާ ޢުދުވާނުގައި ޔަހޫދީ ފައުޖުން ވަނީ 108,583 މީހުން ޒަޚަމު ކޮށްލާފައެވެ.