ސަރުކާރުން މާލޭގައި މިދިޔަ އަހަރު ގާއިމުކުރި ވަގުތީ ފެންހިންދާ ނިޒާމުތަކުގެ ސަބަބުން އިއްޔެ ކުރި ވިއްސާރައިގައި ފެންހިންދުމުގެ މަސައްކަތަށް ވަރަށް ބޮޑު ލުޔެއް ލިބުނު ކަމަށް އެމްއެންޑީއެފުން ވިދާޅުވެއްޖެއެވެ.
ފެންހިންދުމުގެ އޮޕަރޭޝަނާ ގުޅޭގޮތުން ޕީއެސްއެމްނިއުސްއަށް ދެއްވި އިންޓަރވިއުއެއްގައި ލެފްޓިނަންޓް ކާނަލް ފާއިޒް ރަޝާދު ވިދާޅުވީ ފެން ހިންދުމުގެ މަސައްކަތް އެމްއެންޑީއެފުން ފެށީ އިއްޔެ 11:37 ހާއިރުކަމަށެވެ. އެގޮތުން 7 ސަރަހައްދެއްވައި 27 ޕަމްޕް ބަހައްޓައިގެން ފެން ހިންދުމުގެ މަސައްކަތް ކުރިކަމަށް ފާއިޒް ވިދާޅުވިއެވެ.
ޕަމްޕުތައް ބަހައްޓާފައިވާ ސަރަހައްދުތަކުގެތެރޭގައި ވެސްޓްޕާކް، އައިޖީއެމްއެޗް ފުރަގަސް، ވިލިނގިލި ފެރީ ޓާމިނަލް ކައިރި، މާފަންނު ސްޓޭޑިއަމް ކައިރި އަދި ދަރުބާރުގެ ކައިރި ހިމެނެއެވެ. ފެން ހިންދުމަށް 27 ޕަމްޕު ބޭނުންކޮށްފައިވާއިރު، މާލެއިން ފެން ހިންދުމުގެ އޮޕަރޭޝަން ނިންމާލާފައިވަނީ މިއަދު ހެނދުނު 8:34 ހާއިރުއެވެ.
ފާއިޒު ވިދާޅުވީ އިއްޔެ ވާރޭ ވެހެން ފެށީ ހުކުރު ގަޑީގައި ކަމަށެވެ. އަދި ކުޑަ ވަގުތުކޮޅެއްގެތެރޭގައި ގިނަ އަދަދަށް ވާރޭ ވެހި ފެން ހިންދުމަށް ދަތިވިކަމަށެވެ. ނަމަވެސް ސަރުކާރުން ހަދާފައިވާ ފެންހިންދާ ނިޒާމުގެ ސަބަބުން މަސައްކަތް ވަރަށް ބޮޑަށް ލުއިވެގެން ގޮސްފައިވާކަން ފާއިޒު ފާހަގަކުރެއްވިއެވެ.
"ކުރިން މަގުހުރަސްކޮށް އަޅާ ހޮޅިތަކުގެ ބަދަލުގައި އަޅުގަނޑުމެން އެއްކަލަ ޕިޓްތަކުގައި ޕަމްޕް ބަހައްޓައިގެން މަސައްކަތް ކުރީ ބައެއް ޕިޓްތަކުގައި ހުންނާނެ ހަތް ޕަމްޕުވެސް ބަހައްޓާފައި. މިނެޓަކު 10،000 ޓަނު ބޭރުކުރާ ޕަމްޕުވެސް އަޅުގަނޑުމެން ހުންނާނެ ހެނދުނު ހެނދުނާކަހަލަ ގޮތަކަށް ނެރެ، އޭތިވެސް މައުންޓް ކުރިން. އެހެންވެ ވަރަށް ބޮޑަށް ލުއިވެގެންދިޔަ މި ޕިޓްތަކުގެ ސަބަބުން،" ފާއިޒު ވިދާޅުވިއެވެ.
ފާއިޒު ވިދާޅުވީ ކާނުގަނޑުތެރޭގައި ކުނި ހަރުލާފައި ހުރުމުން ޕަމްޕުތައް ބްލޮކްވެގެން މެދުކަނޑާލަން ޖެހޭކަމަށެވެ. ނަމަވެސް ބްލޮކްވުން ހައްލުކޮށް ކުޑަވަގުތުކޮޅެއްގެ ތެރޭގައި އަލުން މަސައްކަތް ފަށާކަމަށެވެ.
ވެލިބަސްތާޖެހުމުގެ މަސައްކަތާއި ގެތަކުގައި ބޮޑުވެފައި ހުރި ފެން ހިންދުމުގެ މަސައްކަތްވެސް އެމްއެންޑީއެފުން ވަނީ ކުރިއަށްގެންގޮސްފައެވެ. ރަށްރަށަށްވެސް އެމްއެންޑީއެފުން ވަނީ އެހީތެރިިކަން ފޯރުކޮށްދީފައެވެ. ފާއިޒު ވިދާޅުވީ ވިއްސާރައަށް އެމްއެންޑީއެފުން ދުރާލާ ތައްޔާރުވިކަމަށެވެ. އެގޮތުން ޕަމްޕުތައް އެކްޓިވޭޓްކުރި ނަމަވެސް ކޮޅިގަނޑުގަދަވުމުގެ ސަބަބުން ބޯކޮށް ވާރޭވެހި ފެން ހިންދުމުގެ މަސައްކަތްތަށް ދަތިވިކަމަށެވެ.