ޚަބަރު

"ތަރައްޤީ ގެނައުމަށް ޕާޓީގެ މަސްލަހަތު ދޫކޮށް، ޤައުމީ މަސްލަހަތު އިސްކުރަންޖެހޭ"


  • ސިޔާސީ މަސައްކަތަކީ ސާފު މަސައްކަތަށް ހަދަން ޤައުމު އިސްކުރުމަށް ރައީސް ގޮވާލެއްވި

  • އިޖްތިމާޢީ ފޭރާން ރަނގަޅު ކުރުމަށް ކުރެވޭ މަސައްކަތަށް ސިޔާސީ ފަރާތްތަކުގެ އެއްބާރުލުން ބޭނުންވާ ކަމަށް ރައީސް ވިދާޅުވި

ޤައުމަށް ތަރައްޤީއާއި ހަމަޖެހުން ގެނައުމަށް ޕާޓީތަކުގެ މަސްލަހަތު ދޫކޮށް، ޤައުމީ މަސްލަހަތު އިސްކޮށްގެން މަސައްކަތް ކުރަންޖެހޭކަމަށް ޕީއެންސީގެ ރައީސް، އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ޕީއެންސީގެ މަތީ މަޖިލީސް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ޕީޕަލްސް ނޭޝަނަލް ކޮންގްރެސް ޕާޓީގެ މަތީ މަޖިލީހުގެ އިފްތިތާޚީ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ޕީއެންސީ މިހާހިސާބަށް ގެނައުމުގައި މެންބަރުން އަދާކޮށްދެއްވާފައިވާ ދައުރަށް ޝުކުރު އަދާކުރައްވާކަމަށެވެ. އަދި މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް ކުރެއްވި ޒިޔާރަތުގައި ޕާޓީގެ މަތީ މަޖިލީހުގެ ޖަލްސާއަށް މެލޭޝިއާގެ ބޮޑުވަޒީރު ފޮނުއްވި މެސެޖެއް ރައީސުލްޖުމްހޫރިއްޔާ ވަނީ އިއްވަވައިދެއްވާފައެވެ.

ޕީއެންސީގެ މަތީ މަޖިލީހުގެ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅު މައިގަނޑު ގޮތެއްގައި ބިނާ ކުރެއްވީ އެ ޕާޓީން ގެންގުޅޭ ޤައުމު އިސްކުރުމުގެ ފަލްސަފާގެ މައްޗަށެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ރާއްޖޭގެ ސިޔާސީ މައިދާން މިހާތަނަށް ދެކެފައިވާ ކަންކަމަށް ބަލާއިރު ބައެއް ފަރާތްތައް، ޚާއްސަކޮށް ޒުވާނުންގެ މެދުގައި ސިޔާސީ މަސައްކަތަކީ "ހަޑި" މަސައްކަތެއްގެ ތަޞައްވުރު އުފެދިފައިވާ ކަމަށެވެ. ނަމަވެސް ޤައުމު އިސްކުރާނަމަ މި ތަޞައްވުރު ބަދަލުކުރެވޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އެމަނިކުފާނު ސިޔާސީ މަސައްކަތުގައި އެކި ފަރާތްތަކުން ހަރަކާތްތެރިވަމުންދާއިރު ބައެއް ފަހަރު ޤައުމަށް ގެއްލުންވާ ގޮތަށް ގަސްތުގައި ނޫންނަމަވެސް މަސައްކަތް ކުރެވޭ ކަމަށެވެ. ނަމަވެސް ޤައުމީ މަސްލަހަތު އިސްކުރާނަމަ ޤައުމަށް ގެއްލުންވާ ގޮތަށް އެކަން ނުކުރައްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"އެޔަކު ނޯންނާނެ ޤައުމު ދޫކޮށްލާފައި ޕާޓީއަށް ފައިދާވާން ހުރި ކަންކަމޭ ކިޔާފައި. އަޅުގަނޑުމެން ހިތާމަައަކީ ބައެއް ޕާޓީތަކުން ވިސްނާނުލެވި ސިޔާސީ އޮތް ޕާޓީއަށް ގެއްލުމެއް ދިނުމަށްޓަކައި، އިދިކޮޅު ބޭފުޅުން ޤައުމަށް ގެއްލުންވާ ގޮތުގައި ކަންކަން ކުރެވޭ. އެއި ގަސްތުގައި ކުރާ ކަންކަން ޤަބޫލު ނުކުރެވޭ. އަޅުގަނޑުމެން އެންމެން ކިބައިން އެދެނީ ސިޔާސީ ގޮތުން ކޮންމެ ފިކުރެއްގައި އޮތް ކަމުގައިވިއަސް ހަނދާން ކުރަންވީ. އަޅުގަނޑުމެންނަކީ ދިވެހިންކަން." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ޤައުމުގެ ތަރައްޤީއަށް ސަރުކާރުން މަަސައްކަތް ކުރަމުންދާޢިރު، ސިޔާސީ ފިކުރު ތަފާތުވިނަމަވެސް އެ އަމާޒަށް ހުރަސް ނާޅާނެ ކަމަށެވެ. އޭގެ ބަދަލުގައި އެކަން ކުރުމުގައި އެ ފަރާތަކަށް ފެންނަ އެންމެ ރަނގަޅު ގޮތް ބަޔާން ކުރާނެ ކަމަށާއި އެއީ ޒިންމާދާރު ގޮތެއްގައި ސިޔާސީ މަސައްކަތެއް ކުރުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ޤައުމީ ތަރައްޤީގެ މަސައްކަތުގައި ހުރިހާ ސިޔާސީ ޕާޓީއަކުންވެސް އަތްލެވޭ ތަރައްޤީއެއް ގެނައުމަށް އިސްކަންދޭކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ނަމަވެސް މިހާ ހިސާބަށް މިގޮތުގައި ކަންކަން ކުރަމުން އައިއިރު ޤައުމުގެ އިޖްތިމާޢީ ފޭރާމަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެހެން ކަމުން އެމަނިކުފާނު މަސައްކަތް ކުރައްވަނީ ވަށާޖެހޭ ތަރައްޤީއެއް ގެނެސް ޤައުމުގެ މިފަދަ މައްސަލަތައް ހައްލުކުރަންކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. އަދި މިކަމުގައި ހުރިހާ ފަރާތެއްގެ އެއްބާރުލުންވެސް ބޭނުންވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"މި ޕާޓީގެ ފަލްސަފާގައި މަސައްކަތް ކުރެވޭ ކަމަށްވަންޏާ ވަށާޖެހޭ ގޮތަށް ތަރައްޤީ ގެނެވޭނެ. އަޅުގަނޑު އެކަނި ވާހަކަ ދައްކައިގެން މިކަން ނުވާނެ. އަޅުގަނޑުމެން މިވަނީ އިޚްތިރާމް އަދާކުރުމުގެ ކެމްޕެއިނެއްވެސް ފަށާފައި. ހިތާމަވެރި ކަމަކީ އަޅުގަނޑުމެން ފިޔަވާ އެހެން ސިޔާސީ ޕާޓީއެއް ބައިވެރި ނުވޭ. އެއީ ކީއްވެތޯ. ހިންގާށޭ އެންމެ އެކައްޗެއް ކިޔަން " ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ޕާޓީގެ ފަލްސަފާގެ ތެރެއިން ހަމަޖެހުން ޤާއިމްކުރުމަށް ކުރެވުނު މަސައްކަތައްވެސް އެމަނިކުފާނު ވަނީ އަލިއަޅުވާލައްވާފައެވެ. އެގޮތުން ސިޔާސީ ލީޑަރުންނަށް ސިޔާސީ ހަރަކާތްތައް ހިންގުމަށް ފުރުސަތު ފަހިކޮށްދީ އެއްވެސް ވެރިޔަކު މިހާތަނަށް ޖަލަށް ނުލާކަން އެމަނިކުފާނު ތަކުރާރު ކުރެއްވިއެވެ. މީގެ އިތުރުން ރައްކާތެރިކަން ކަށަވަރުކުރުމަށްވެސް މުހިންމު މަސައްކަތްތަކެއް ކުރެވޭކަން ފާހަގަކޮށް ރައީސުލްޖުމްހޫރިއްޔާ ވަނީ ޕާޓީގެ އަދި ސަރުކާރުގެ ހުރިހާ މަސައްކަތެއްވެސް ބިނާވާނީ ޕާޓީގެ މި ފަލްސަފާގެ މައްޗަށް ކަމަށެވެ.