ޚަބަރު

މިދިޔަ އަހަރު ރާއްޖެއައި ފަތުރުވެރިންގެ އަދަދު %9 ކުރިއެރި


  • 2 މިލިޔަން ފަތުރުވެރިންގެ އަމާޒު މިދިޔަ އަހަރު ހާސިލުވި

  • އެންމެ ގިނައިން ފަތުރުވެރިން އައީ ޗައިނާއިން

2024 ވަނަ އަހަރު ރާއްޖެއަށް އައި ފަތުރުވެރިންގެ އަދަދު އޭގެ ކުރީ އަހަރާއި އަޅާބަލާއިރު %9 އިތުރުވެފައިވާކަމަށް ތަފާސްހިސާބުތަކުން ދައްކައިފިއެވެ. 2024 ވަނަ އަހަރަކީ ރާއްޖެއަށް މިހާތަނަށް އެންމެ ގިނަ ފަތުރުވެރިން އައި އަހަރެވެ.

ސަރުކާރުން 2024 ވަނަ އަހަރު ރާއްޖޭގެ ފަތުރުވެރިކަމުގައި ހާސިލްކުރަން ބޭނުންވި އަމާޒުކަމަށްވާ 2 މިލިޔަން ފަތުރުވެރިންގެ އަމާޒު މިދިޔަ ޑިސެމްބަރުމަހު ވަނީ ޙާސިލުވެފައެވެ.

ތަފާސްހިސާބުތައް ދައްކާގޮތުން 2024 ވަނަ އަހަރު ރާއްޖެއަށް 2،047،435 ފަތުރުވެރިން ވަނީ އައިސްފައެވެ. މިއީ އޭގެ ކުރީ އަހަރާއި އަޅާބަލާއިރު %9 އިތުރުވުމެކެވެ. 2023 ވަނަ އަހަރު ރާއްޖެ އައިސްފައިވަނީ 1،878،543 ފަތުރުވެރިންނެވެ.

2024 ވަނަ އަހަރު ރާއްޖޭގެ ފަތުރުވެރިކަމުން ވަނީ ގިނަ ރެކޯޑްތަކެއް ހަދާފައެވެ. މިދިޔަ އަހަރަކީ އެއް ދުވަހެއްގައި އަދި އެއް މަހެއްގައި ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އައި އަހަރެވެ. އެއް މަހެއްގައި އެންމެ ގިނަ ފަތުރުވެރިން އައީ މިދިޔަ ފެބްރުއަރީ މަހުގައެވެ. އެއީ 217،392 ފަތުރުވެރިންނެވެ.

ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތައް ދައްކާގޮތުން 2024 ވަނަ އަހަރު ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އައި 5 ޤައުމުގެ ތެރޭގައި ހިމެނެނީ ޗައިނާ، ރަޝިއާ، އިނގިރޭސިވިލާތް، ޖަރުމަނުވިލާތް އަދި އިޓަލީވިލާތެވެ.

ޗައިނާ އަދި ރަޝިއާއިން 2 ލައްކައަށްވުރެ ގިނަ ފަތުރުވެރިން ވަނީ އައިސްފައެވެ. އިނގިރޭސިވިލާތް، ޖަރުމަނުވިލާތް އަދި އިޓަލީވިލާތުން ލައްކައަށްވުރެ ގިނަ ފަތުރުވެރިން އައިސްފައިވާކަމަށް ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތައް ދައްކައެވެ.

މި އަހަރު ސަރުކާރުން އާމާޒުހިފާފައިވަނީ ފަތުރުވެރިންގެ ނަންބަރުތައް އިތުރުކުރުމުގެ އިތުރުން ފަތުރުވެރިކަމުން ރާއްޖެއަށް ލިބޭ އާމްދަނީވެސް އިތުރުކުރުމަށެވެ. އެގޮތުން ފަތުރުވެރިކަމުން ދައުލަތައް ލިބޭ އާމްދަނީ 5 ބިލިޔަން ޑޮލަރަށް އެރުވުމަކީ އަމާޒެއްކަމަށް ފަތުރުވެރިކަމާ ބެހޭ ވަޒީރު ވަނީ ވިދާޅުވެފައެވެ. އަދި ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދުން %15 ކުރިއެރުމެއް މިއަހަރު ހޯދުމަށް ވަނީ ކަނޑައަޅާފައެވެ.

ރާއްޖެ އިޝްތިހާރުކުރުމުގެ ހަރަކާތްތައް މިއަހަރު ކުރިއަށްގެންދާނީ ތަފާތު ގޮތަކަށް މީހުންނާއި ބޮޑަށް އިންޓަރެކްޓިވް ވެވޭނެގޮތަކަށްކަމަށް އެމްއެމްޕީއާރުސީން ވަނީ ވިދާޅުވެފައެވެ.