ވައިޑް ބޮޑީގެ ދެވަނަ މަތިންދާބޯޓު އަންނަ އޮކްޓޫބަރުމަހު ރާއްޖެ ގެނައުމަށް މަސައްކަތްކުރައްވަމުން ގެންދަވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ޤައުމީ އެއަރލައިން، މޯލްޑިވިއަނަށް ގެނައި ފުރަތަމަ ވައިޑް ބޮޑީ މަތިންދާބޯޓު އިފްތިތާޙުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.
ޤައުމީ އެއަރލައިނަށް ވައިޑް ބޮޑީ ދެ މަތިންދާބޯޓު އިތުރުކުރެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވަޢުދެެކެވެ.
ޤައުމީ އެއަރލައިން، މޯލްޑިވިއަނަށް ގެނައި ފުރަތަމަ ވައިޑް ބޮޑީ މަތިންދާބޯޓު އިފްތިތާޙުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ މިއަދަކީ ދިވެހި ރާއްޖޭގެ އުދުހުމުގެ ތާރީހުގައިވެސް ކުލަގަދަ ދުވަހެއްކަމަށެވެ.
"އަޅުގަނޑު ވަޢުދުވީ ވައިޑް ބޮޑީ ދެ އެއަރކްރާފްޓް އައިލޭންޑް އެވިއޭޝަނަށް ގެނެސް އޮޕަރޭޝަން ފެށުމަށް. އެގޮތުން ފުރަތަމަ އެއަކްރާފްޓް ގެނެސް މިއަދު މިމަސައްކަތް ފެށެނީ" ރައީސް ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ވައިޑް ބޮޑީ މަތިންދާބޯޓާއެކު ފަތުރުވެރިކަމުގެ އިންޑަސްޓްރީއަށް ވަރަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމަށެވެ. އަދި ރިޔާސީ ވަޢުދާއި އެއްގޮތަށް އަންނަ އޮކްޓޫބަރުމަހު ވައިޑް ބޮޑީގެ އިތުރު މަތިންދާބޯޓެއް ރާއްޖެ ގެނައުމުގެ މަސައްކަތް މިހާރު ކުރަމުންދާކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
"މިއަހަރުގެ އޮކްޓޯބަރ މަހު ދެވަނަ ބޯޓު އުދުހެން ފަށާނެ. އަޅުގަނޑަށް އެކަމުގެ ޔަޤީންކަން އެބައޮތް. އޮކްޓޯބަރ މަހަށް އުދުހުން ފެށުމަށް ވުޒާރާތަކުން ދަނީ މަސައްކަތް ކުރަމުން" ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ޤައުމީ އެއަރލައިނަށް އަންނަ ކުރިއެރުމާއެކު ފަތުރުވެރިކަމުގެ ސިނާޢަތަށް އަދި އުދުހުގެމުގެ އިންޑަސްޓްރީއަށް ކުރިއެރުންތަކެއް ލިބޭނެކަމަށެވެ. އަދި މި ފެށިގެން ދިޔަ 2025 ވަނަ އަހަރަކީ ތަރައްޤީގެ އަހަރުކަމަށާއި، އެކި ދާއިރާތަކުން ތަރައްޤީގެ މަސައްކަތް ޢަމަލީގޮތުން ފެށިގެންދާނެކަމަށެވެ.
"ތަރައްޤީގެ ކަންކަން ވަރަށް ބާރު މިނުގައި ކުރިއަރައިގެން ދާތަން ފެނިގެންދާނެ. އަގަނޑުމެން ބޭނުންވަނީ ޤައުމަށް ތަރައްޤީ އަންނަން. ތަރައްޤީއާއެކު ޤައުމުގެ ހަމަޖެހުން ޤާޢިމްވެގެންދާނެ. ހަމަޖެހުން ޤާއިމްވެ، މިނިވަންކަންކަމާއި ސިޔާދަތު ދެމެހެއްޓިގެން ދިޔުން. މި ތިން ކަންތައް ހާސިލްވެގެންދާ ވަށާޖެހޭ ތަރައްޤީއެއް ގެނައުމަށް އަޅުގަނޑުމެން މަސައްކަތް މިކުރަނީ" ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
މޯލްޑިވިއަންގެ ޚިދުމަތަށް ގެނައި ވައިޑް-ބޮޑީ މަތިންދާބޯޓަކީ އެއަރބަސް އޭ330ގެ 200 ވޭރިއަންޓްގެ ބޯޓެކެވެ. މި ބޯޓަކީ 264 މީހުންގެ ޖާގައިގެ ބޯޓެކެވެ. މި ބޯޓުގައި ގޮނޑިޖަހާފައިވަނީ 3 ކްލާހަކަށް ބަހާލައިގެންނެވެ. އެއީ ބިޒްނަސް ކްލާސް، ޕްރިމިއަމް ކްލާސް އަދި އިކޮނޮމީ ކްލާހެވެ.