ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވަޢުދާއި އެއްގޮތަށް ޤައުމީ އެއަރލައިނަށް ވައިޑް ބޮޑީ އެއަރ ކްރާފްޓެއް ގެނެސްފިއެވެ.
ޤައުމީ އެއަރލައިން، މޯލްޑިވިއަންގެ ޚިދުމަތަށް ފުރަތަމަ ފަހަރަށް ގެނައި ވައިޑް-ބޮޑީ މަތިންދާ ބޯޓަކީ 264 މީހުންގެ ޖާގައިގެ އެއަރބަސް އޭ330ގެ 200 ވޭރިއަންޓްގެ މަތިންދާބޯޓެކެވެ.
ރިޔާސީ އިންތިޚާބުގެ ކެމްޕެއިންގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުޢިއްޒު ވަނީ ޤައުމީ އެއަރލައިން މޯލްޑިވިއަނަށް 2 ވައިޑް ބޮޑީ މަތިންދާބޯޓު އިތުރުކުރައްވާނެކަމަށް ވަޢުދުވެވަޑައިގެންފައެވެ. އަދި އެމަނިކުފާނު ވެރިކަމާއި ހަވާލުވެވަޑައިގަތުމާއެކު ސަރުކާރުން އެ މަސައްކަތް ފެއްޓެވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާގެ ވަޢުދާއި އެއްގޮތަށް ޤައުމީ އެއަރލައިންގެ ފުރަތަމަ ވައިޑް ބޮޑީ މަތިންދާބޯޓު މިއަދު މިވަނީ އިފްތިތާޙުކޮށްފައެވެ.
މި ބޯޓު ވެލާނާ އެއާޕޯޓުގައި ޖައްސާފައިވަނީ މިއަދު ހަވީރު 5:00 ޖެހިއިރުއެވެ. މި ބޯޓު ވެލާނާ އެއާޕޯޓަށް ޖެއްސުމުގެ ކުރިން ރަންވޭ މަތިން ލޯ ޕާސް ދަތުރެއް ވަނީ ކޮށްފައެވެ. މި ބޯޓުގެ ލޯ ޕާސް ދަތުރު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު އަދި ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛް ހުސެއިން މުޙައްމަދު ލަތީފް އަދި ސަރުކާރާއި މޯލްޑިވިއަންގެ އިސްވެރިން ވަނީ ބައްލަވާލައްވާފައެވެ.
މި ބޯޓު ވެލާނާ އެއާޕޯޓުގެ ރަންވޭގައި ޖެއްސުމާއެކު ބޯޓަށް ވޯޓާ ސެލިއުޓެއް އަރުވާފައެވެ.
ވައިޑް ބޮޑީ މަތިންދާބޯޓު އިފްތިތާޙުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މޯލްޑިވިއަންގެ މެނޭޖިން ޑިރެކްޓަރ އިބްރާހީމް އިޔާސް ވިދާޅުވީ، މި ބޯޓު ގެނައުމަކީ ތަރީޙީ ކަމެއް ކަމަށާއި މިމަސައްކަތް ކުރުމުގައި މުޅިންވެސް ދިވެހިން ހަރަކާތްތެރިވުމަކީ ލިބިގެންދިޔަ ފަޙުރެއް ކަމަށެވެ.
މޯލްޑިވިއަން ވައިޑް ބޮޑީ އޮޕަރޭޝަންތައް ފެށުމާއިއެކު އަހަރެއްގެ މައްޗަށް 60 ހާސް ފަސިންޖަރުން ރާއްޖެ ގެނެވޭނެކަމަށް ލަފާކުރެއްވޭކަމަށް މޯލްޑިވިއަންއިން ވިދާޅުވެއެވެ. އަދި މި ބޯޓުގެ ދަތުރުތައް ފުރަތަމަ ފަށާނީ ޗައިނާގެ ޝެންހާއި، ޗެންޑޫ އަދި ބެއިޖިންއަށްއެވެ.
މޯލްޑިވިއަނުން ވައިޑް ބޮޑީގެ ދަތުރުތައް ޗައިނާގެ ތިން ސިޓީއަށް ހަފްތާއަކު ތިން ދަތުރުކުރުމަށް ކަނޑައަޅާފައިވާކަމަށް މޯލްޑިވިއަނުން ވިދާޅުވިއެވެ. މިއީ 264 މީހުންގެ ޖާގައިގެ މަތިންދާބޯޓެކެވެ. މި ބޯޓުގައި ތިން ކެޓަގަރީގެ ފަސިންޖަރުންނަށް ޚިދުމަތްދޭނެކަމަށާއި، އެއީ އިކޮނޮމީ ކްލާސް، ބިޒްނަސް ކްލާސްގެ އިތުރުން ޕްރިމިއަމް ކްލާސްއެވެ.