ޚަބަރު

ނުވަ އަހަރަށް ފަހު ކެނެޑާގެ ބޮޑުވަޒީރު ޓްރޫޑޯ މަޤާމުން އިސްތިޢުފާ ދެއްވަނީ


ކެނެޑާގެ ބޮޑުވަޒީރު ޖަސްޓިން ޓްރޫޑޯ ވެރިކަން ކުރާ ލިބެރަލް ޕާޓީގެ އިސްވެރިޔާގެ މަޤާމުން އިސްތިޢުފާ ދެއްވާނެ ކަން އިޢުލާނު ކުރައްވައިފިއެވެ.

ލިބެރަލް ޕާޓީގެ ލީޑަރުގެ ޙައިޞިއްޔަތުން ފާއިތުވި ނުވަ އަހަރު ކެނެޑާގެ ބޮޑުވަޒީރުގެ މަޤާމުގައި ހުންނެވީ ޓްރޫޑޯއެވެ. ޢުމުރުން 53 އަހަރުގެ ޓްރޫޑޯ ކެނެޑާގެ ބޮޑުވަޒީރުގެ މަޤާމާ ޙަވާލުވެވަޑައިގަތީ 2015ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައެެވެ. އޭގެ ފަހުން ބޭއްވި ދެ އިންތިޚާބު ވެސް އޭނާ ވަނީ ކާމިޔާބު ކުރައްވައިފައެވެ. އެއާއެކު އޭނާ ވެގެން ގޮސްފައި ވަނީ ކެނެޑާގައި އެންމެ ގިނަ ދުވަސް ވަންދެން ވެރިކަން ކުރެއްވި ބޮޑުވަޒީރުންގެ ތެރެއިން އެކަކަށެވެ.

ނަމަވެސް މީގެ ދެ އަހަރު ކުރިން ޢާންމުންގެ މެދުގައި ޓްރޫޑޯގެ މަޤުބޫލުކަން ވަނީ ގެއްލެން ފަށައިފައެވެ. އެއީ ޤައުމުގައި ވިއްކާ ތަކެތީގެ އަގު ބޮޑުވުމާއި ބޯހިޔާވަހިކަމުގެ ދަތިކަމާ ގުޅިގެންނެވެ.

ފާއިތުވި ދުވަސްތަކުގައި ލިބަރަލް ޕާޓީގެ ލީޑަަރުގެ މަޤާމުން ޓްރޫޑޯ ވަކިވެވަޑައިގަތުމަށް އެ ޕާޓީއަށް ނިޞްބަތްވާ ޤާނޫނުހަދާ މަޖިލީހުގެ މެންބަރުން ދިޔައީ ވަރަށް ބޮޑަށް ބާރު އަޅަމުންނެވެ. އެއީ ކުރިއަށް އޮތް އިންތިޚާބުގައި ލިބަރަލުން ބަލިވާނެ ކަމަށް ޕޯލްތަކަށް ދައްކަމުން ދާތީއެވެ. ޕޯލްތަކުން ދައްކާ ގޮތުގައި އޮކްޓޯބަރު މަސް ނިމުމުގެ ކުރިން ބޭއްވުން ލާޒިމުވާ ކެނެޑާގެ އިންތިޚާބުގައި ލިބަރަލުންގެ މައްޗަށް ކޮންސަވޭޓިވުން ބޮޑު ތަނުން ކުރި ހޯދާނެެއެވެ.

ޕޯލްތަކުން ދައްކާ ދެރަވަރު ނަތީޖާއާއި މިދިޔަ އަހަރު ބޭއްވި ޚާއްޞަ ދެ އިންތިޚާބުގައި ޔަޤީން ގޮނޑިތަކެއް ޕާޓީއަށް ގެއްލުމާ ގުޅިގެން ޤާނޫނުހަދާ މަޖިލީހުގެ މެންބަރުންގެ ކަންބޮޑުވުންތަކަށް ފަހަކާ ޖެހެންދެން ވެސް ޓްރޫޑޯ ދިޔައީ ޖަވާބުދާރީ ވެވަޑައިގަންނަވަމުންނެވެ. ނަމަވެސް ޚަރަދު ކުރާ މިންވަރު އިތުރުކުރުމަށް ޓްރޫޑޯ ހުށަހެޅުއްވުމުން މާލީ ވަޒީރުގެ މަޤާމުގައި އޭރު ހުންނެވި ކްރިސްޓިއާ ފްރީލޭންޑު ވަނީ އެކަމާ ދެކޮޅު ހައްދަވައިފައެވެ. އެއާ އެކު ޓްރޫޑޯ ވަނީ އޭނާ މަޤާމުން ދުރުކުރައްވަން މަސައްކަތް ކުރައްވައިފައެވެ. އޭގެ ފަހުން ޓްރޫޑޯ މަޤާމުން އިސްތިޢުފާ ދެއްވުމަށް ގޮވާލައި އަޑުތައް ވަނީ ގަދަ ވެފައެވެ. މާލީ ވަޒީރުގެ މަޤާމުން ފަހުން އިސްތިޢުފާ ދެއްވާފައިވާ ފްރީލެންޑު ވެސް ވަނީ ޤައުމަށް އެންމެ ފައިދާހުރި ގޮތް އިޚްތިޔާރު ކުރެއްވުމުގެ ބަދަލުގައި ޓްރޫޑޯ ވެސް ސިޔާސީ އޮއެވަރުގައި ޖެހިވަޑައިގެންފައިވާ ކަމަށް ތުހުމަތު ކުރައްވައިފައެވެ.

ނޫސްވެރިންގެ ބައްދަލުވުމެއްގައި ޓްރޫޑޯ ވިދާޅުވީ އިސްތިޢުފާ ދެއްވި ނަމަވެސް ޕާޓީން އޭނާގެ ބަދަލުގައި އެހެން ބޭފުޅަކު ޢައްޔަނު ކުރަން ދެން މަޤާމުގައި ދެމި ހުންނަވާނެ ކަމަށެވެ. ކުރިއަށް އޮތް އިންތިޚާބުގައި ހަޤީޤީ ނިންމުމެއް ނިންމުމުގެ ފުރުޞަތު ކެނެޑާއަށް ލިބެން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ޕާޓީގެ ތެރޭގައި އުފެދިފައިވާ މައްސަލަތަކުގެ ސަބަބަުން އޭނާއަށް ވެސް ހަނގުރާމަަތަކެއް ކުރަން ޖެހިފައިވާ ކަމަށާއި އެ ޙާލަތުގައި އޭނާއަކީ އިންތިޚާބުގައި ވާދަ ކުރައްވަން އެންމެ އެކަށީގެންވާ ކެންޑިޑޭޓު ކަމަށް އޭނާއަށް ޤަބޫލު ނުކުރެވޭ ކަމަށް ޓްރޫޑޯ ވިދާޅުވިއެވެ. ކުރިއަށް އޮތް އިންތިޚާބުގައި ލިބަރަލުންގެ ފަރާތުން އޭނާ ވާދަ ނުކުރައްވާ ނަމަ ޤާނޫނުހަދާ މަޖިލީހާއި ކެނެޑާގެ ސިޔާސީ މަސްރަހުގައި އުފެދިފައިވާ ނުތަނަވަސްކަން ކުޑަވެގެން ދާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ކުރިން ތާވަލު ކޮށްފައި އޮތް ގޮތުން ކެެނެޑާގެ ޤާނޫނުހަދާ މަޖިލީސް އޮތީ ޖަނަވަރީ މަހުގެ 27 ވަނަ ދުވަހު އަލުން ހުޅުވުމަށް ނިންމައިފައެވެ. ނަމަވެސް ހޯމަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޓްރޫޑޯ ވިދާޅުވީ މާރިޗު މަހުގެ 24ވަނަ ދުވަހާ ހަމައަށް ކެނެޑާގެ ޤާނޫނުހަދާ މަޖިލީސް މެދުކަނޑާލާފައިވާ ކަމަށެވެ. ކެނެޑާގެ ގަވަރުނަރު ޖެނެރަލް, އެ ޤައުމުގައި ހުންނަވާ އިނގިރޭސި ރަސްގެފާނު ޗާލްސްގެ މަންދޫބުގެ އަރިހުން މަޖިލީސް މެދުކަނޑައިލުމުގެ ޙުއްދައަށް އޭނާ އެދިވަޑައިގެންނެވި ކަމަށާއި އެ ހުށަހެޅުން އެ ކަމަނާ ޤަބޫލު ކުރައްވައިފައިވާ ކަމަށް ޓްރޫޑޯ ވިދާޅުވިއެވެ. އެހެންކަމުން މެއި މަހުގެ ކުރިން ކެނެޑާގައި އައު އިންތިޚާބެއް ބޭއްވޭނެ ކަމަކަށް ނުބެލެވެއެވެ.

އިދިކޮޅު ޕާޓީތަކުން ވީ އެންމެ އަވަހަކަށް ސަރުކާރު ވައްޓައިލާނެ ކަމުގެ އިންޒާރު ދީ އެ ކަން ހާޞިލު ކުރުމަށް ގަދައަޅާ މަސައްކަތް ކުރަމުން ދިޔަ ނަމަވެސް މާރިޗު 25ގެ ކުރިން މަޖިލީސް އަލުން ބައްދަލު ކުރުމަށް ހަމަޖެހިފައި ނުވާތީ ބޮޑުވަޒީރާ ދެކޮޅަށް އިތުބާރު ނެތްކަމުގެ ވޯޓެއް ވެސް ދެން އެންމެ އަަވަހަށް ވެސް ނެގެނީ މެއި މަހުގެ ތެރޭގައެވެ.

ކޮންސަވޭޓިވުންގެ ފަރާތުން އަންނަ އިންތިޚާބުގައި ބޮޑުވަޒީރުގެ މަޤާމަށް ވާދަ ކުރައްވަނީ ޕިއަރ ޕޮލީއެވްއެވެ. އޭނާއަކީ 2022ން ފެށިގެން ޢާންމުންގެ މެދުގައި މަޤުބޫލުކަން އިތުރުވަމުން އަންނަ ސިޔާސީ ވެރިއެކެވެ.