ޚަބަރު

ފުރަތަމަ ބޯލްބޯއީ އަކަށް، މިހާރު ކުޅިވަރާ ބެހޭ ވަޒީރު


ކުޅިވަރު ދާއިރާއަށް ވަދެވުނީ ރާއްޖޭގައި ހަރަކާތްތެރިވާ ކުލަބުތަކުގެ ސަބަބުން ކަމަށް ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ ޕީއެސްއެމް އިން ގެނެސްދިން "ފެށުން" ޕްރޮގްރާމުގައި ކުޅިވަރުގެ ހަޔާތާ ގުޅޭގޮތުން ވާހަކަފުޅުދައްކަވުމުންނެވެ.

ވަޒީރު ވިދާޅުވީ ކުރިން ލެގޫންސް ކުލަބާއި، ކުލަބު ވެލެންސިއާ ފަދަ ކުލަބުތަކާއެކު އަމިއްލަ ރަށް ކަމަށްވާ އއ. އުކުޅަހުގައި ހަރަކާތްތައް ބޭއްވުމަށް ކޭމްޕްކުރި ހިސާބުން، ކުޅިވަރު ދާއިރާއަށް ޝައުގުވެރިކަން އުފެދުނީ ކަމަށެވެ. އޭރު އެމަނިކުފާނުގެ ބައްޕާފުޅަކީ މާލޭގެ ކުލަބަތާކާ ވަރަށް ގާތްގުޅުމެއް ބާއްވަމުން އައި ބޭފުޅެކެވެ. ވަޒީރު ރާފިޢުގެ ލެންސް ކުޅިވަރަށް ހުއްޓުނީ ކުލަބުތަކުގެ ސީދާ ހަރަކާތްތައް އަމިއްލަ ރަށުގައި ހަމަލޮލުން ބަލާލަން ފުރުސަތު ލިބުނު ހިސާބުންނެވެ. އޭރު އުމުރުން އެންމެ ހަ އަހަރެވެ.

"ބައްޕަ ދެން ކުލަބަތާ ވަރަށް ގާތްގުޅެމެއް ބޭއްވި. ޚާއްސަކޮށް ލެގޫންސް އަދި ވެލެންސިއާ. އޭރު ދެން މި ކުޅިވަރަށް އަޅުގަނޑު ލޯ ހުޅުވުނީ، އޭރު ވާނީ އަޅުގަނޑުގެ އުމުރުން ހަ އަހަރު" ރާފިޢު ވިދާޅުވިއެވެ.

ކުޑައިރުގެ ހާނދާންތައް އާކުރައްވަމުން ވަޒީރު ރާފިޢު ވިދާޅުވީ އޭރު މާލެ ބަދަލުވުމަށްފަހު ހުންނެވި ގެއަކީ ކުޅިވަރުގެ ގެއެއްކަމުން، މި ދާއިރާއަށް ވަންނަށް އިތުރަށް ޝައުގުވެރި ކަމަށާއި، އޭރު ހުންނެވި ގޭގައި ވޮލީގެ ހަރަކާތްތައް ވަރަށް ގަނިއިން އޮންނަ ކަމަށެވެ. އެގޮތުން ރާއްޖޭގައި އޭރުގެ މޮޅެތި ވޮލީ ކުޅުންތެރިން، އޭރު ހުންނެވި ގެއިން ވަރަށް ގިނައިން ބައްދަލުވާ ކަމަށްވެސް ވިދާޅުވިއެވެ.

"ނަދީމް މެން، ހަބަރޭ މެން، ކުޗީ މެން، މިދަފަ ކުޅުންތެރިން ދެންއޭރު ވަރަށް ގިނައިން ބައްދަލުވާނެ." ރާފިޢު ވިދާޅުވިއެވެ.

އޭރު މާލޭގައި ވޮލީ ކުޅުމަށް ޚާއްސަކޮށްފައި ހުންނަނީ ލީލީ މަގުގައި ހުންނަ ޒުވާނުންގެ މަރުކަޒު ކަމަށާއި، އެތަނަށް ކޮންމެ ދުވަހަކު ވަޑައިގަންނަވާއިރު، އޭރު އެމަނިކުފާނަށް ޒުވާނުން މަރުކަޒުގައި އޮންނަ ދައުރަކީ ބޯލްބޯއީ އެއްގެ ދައުރުކަން ފާހަގަކުރެއްވިއެވެ. އަދި ފުރަތަމަ ބޯލްބޯއީ އެއްގެ ގޮތުގައި ފެނިގެންދިޔައިރު، އޭނާ އުމުރުން ވަނީ އަށް އަހަރު ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ. ބޯލްބޯއީ އެއްގެ ގޮތުގައި އުޅުއްވިއިރު މައިގަނޑު ކަމަކަށް އޮންނީ ބޯޅަ ހޯދަން ދުވުން ކަމަށާއި، އެހެން ނަމަވެސް ޓީމާއެކު ވަރަށް ގިނަ ވަގުތު ހޭދަކުރެއްވި ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި ޚާއްސަކޮށް ވޯމްއަޕްގައި ޓީމާއެކު ހަރަކާތްތެރިވާ ކަމަށާއި، އޭރުގެ ވޮލީ ޓީމުތައް ވޯމްއަޕް ކުރަމުން އައީ ސަލްޓަންޕާކުގައި ކަންވެސް ފާހަގަކުރެއްވިއެވެ.

ވަޒީރު ވިދާޅުވީ އެހިސާބުން ފެށިގެން ކުޅިވަރުގެ ކުޅުންތެރިންނާ ގުޅުން ބަދަހިވެ، ކުޅިވަރަށް ޝައުގުވެރިކަން އުފެދުނު ކަމަށެވެ. އަދި ސްކޫލް ދައުރުގައި ތައުލީމު ހާސިލުކުރެއްވިއިރު، ސްކޫލުގައި ވަރަށް ގިނައިން ކުރިކެޓް ކުޅެ އުޅުއްވި ކަމަށާއި، އެހެން ނަމަވެސް އެ ކުޅިވަރަކީ އެއްގޮތަކަށްވެސް އޭރު ކުޅޭ ހިތްވި ކުޅިވަރެއް ނޫން ކަމަށް އެންމެ ފަހުން ބޭއްވި ރަމަޟާން ކްރިކެޓް ކާނިވަލުގައި ކުޅިވަރާ ބެހޭ ވުޒާރާގެ ޓީމަށް ކުޅުއްވި ވަޒީރު ރާފިޢު ވިދާޅުވިއެވެ.

"އަޅުގަނޑު ހަނދާންވޭ، އޭރު އާލިޔާ ސުކޫލުގެ ޕްރިންސިޕަލަކަށް ހުންނާނީ އަލީ އަޙްމަދު. ވިދާޅުވެއްޖެ ކްރިކެޓް ބޯޅަ ހުންނާނެ ކަމަށް، ދެން އަޅުގަނޑުމެން ދިޔައިރު ޓީޓީ ބޯޅަ ހުރީ. އެދެން ވަރަށް މަޖާ ކަމަށްވީ" ސްކޫލް ދައުރުގެ ބައެއް ހަނދާންތައް އައުކުރަމުން ވަޒީރު ވިދާޅުވިއެވެ.

ތައުލީމު ހާސިލުކުރައްވަން އާލިޔާ ސުކޫލުން ފެއްޓެވި ދަތުރު ސާނަވީ ތައުލީމާ ހަމައިން އެމްއީއެސްއިން ނިންމެވިއިރު ކުޅިވަރާ ދުރުގައި ހުންނެވުމަށްފަހު، މަތީ ސާނަވީ ތައުލީމު ހާސިލުކުރައްވަން ސްރީ ލަންކާގައި ހުންނެވި ހިސާބުން އަނެއްކާވެސް ކްރިކެޓަށް ޝައުގުވެރިކަން އުފެދުނު ކަމަށް ވަޒީރު ވިދާޅުވިއެވެ. އޭގެ ފަހުން 1997 ވަނަ އަހަރު އައިޖީއެމް ހޮސްޕިޓަލާ ގުޅިވަޑައިގެންނެވި ހިސާބުން ވޭތުވިދިޔަ 24 އަހަރުގައި އެންމެ ގާތްކޮށް ކުޅިވަރެއްގެ ތެރޭގައި އުޅެވުނީ ފުޓްބޯޅަައިގައި ކަމަށްވެސް ވިދާޅުވިއެވެ.

"އޭރެ އަޅުގަނޑު ހަނދާންވާ ގޮތުން ވީބީ ސްޕޯޓްސް ކުލަބާއެކު އަޅުގަނޑު އޭއެފްސީ ކަޕުގައި އެ މީހުންނާ އެކު ބޭރަށްދާނެ. ވީބީގެ އެންމެ ފަހު ހަތަރު އަހަރު އަޅުގަނޑު ހަމަ ވޮލިންޓިއާކޮށް އުޅުނީ." ފުޓްބޯޅައިގައި ކުރި ތަޖުރިބާތައް ހިއްސާކުރައްވަމުން ރާފިޢު ވިދާޅުވިއެވެ.

ވަޒީރު ވަނީ ހިލޭ ސާބަހަށް އޭރު ރާއްޖޭގެ އެންމެ މަތީ ފަންތީގައި ވާދަކުރުމުންދިޔަ ވިކްޓަރީ ސްޕޯޓްސް ކުލަބާއެކުވެސް މަސައްކަތް ކުރައްވާފައެވެ. އޭރު ކުލަބުތަކާއެކު މަސައްކަތް ކުރެއްވުނީ އެންމެ ކުޑައިރުން ފެށިގެން އެގޮތަށް ކުލަބުތަކާ ގާތުން މަސައްކަތް ކުރެއްވުމުން ކަމަށް ގަބޫލުކުރައްވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.

އައޖީއެމްއެޗްގައި މަސައްކަތް ކުރެއްވި އިރު ޑރ. ޕީ ރާއޯ ދެއްވި ފުރުސަތަކަށް އެފްއޭއެމް އާއެކު މަސައްކަތް ކުރަން ފުރުސަތު ލިބުނު ކަމަށާއި، އެ ފުރުސަތުގައި ވަރަށް ގިނައިން ކުޅިވަރުގައި ލިބޭ އަނިޔާތަކަށް ފަރުވާ ހޯދަން ވަރަށް ގިނަ ކުޅުންތެރިން އަންނަ ކަމަށް ވަޒީރު ވިދާޅުވިއެވެ. އޭރު އެ މިނަކުފާނު އަދާކުރައްވަމުން ދިޔައީ ކްލިނިކަލް އެސިސްޓެންޓެއްގެ ވަޒީފާއެވެ.

އެފްއޭއެމްގައި ފުރަތަމަ ހަތަރު އަހަރު މަސައްކަތް ކުރެއްވިއިރު، އެ ތަނުގައި މަސައްކަތް ކުރެއްވީ ހިލޭ ސާބަހަށް ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި ސްޕޯޓްސް މެޑިސިންގެ ދާއިރާއިން އެ މަނިކުފާނަށް އެންމެ ބޮޑު އެހީތެރިކަމެއް ވރދެއްވީ ގައުމީ ޓީމާއެކު ގިނަ ދުވަސްތަކެއް ހޭދަކުރެއްވި ޑރ. އަޙްމަދު ޝަކީބުކަން ފާހަގަކުރެއްވިއެވެ.

"މިކަމުގައި އުޅޭހިތުން އަޅުގަނޑު އެފްއޭއެމްގައި އުޅުނީ. ރިލީޒްވެސް ލިބޭ، ޗުއްޓީވެސް ލިބޭ ޓީމުތަކާއެކު ފުރަން. ޝަކީއްބެ ވަރަށް އެހީތެރުވެދިން މިކަމުގައި އުޅެން." ރާފިޢު ވިދާޅުވިއެވެ.

2014 ވަނަ އަހަރު ދެކުނު ކޮރެއާގެ އިންޗަންގައި އޮތް އޭޝިއަން ގޭމްސްއަކީ ވަޒިރު ރާފިޢުގެ ޚިދުމަތް ދިވެހި އެތުލީޓުންނަށް ގޭމްސްއެއްގައި ލިބިގެންދިޔަ ފުރަތަމަ ފަހަރުއެވެ. ހުރިހާ ކުޅިވަރުތަކެއްގައި މަސައްކަތް ކުރައްވަން ފުރުސަތު ލިބިވަޑައިގެންނެވިކަން ފާހަގަކުރަމުން ވަޒީރު ވިދާޅުވީ އެހިސާބުން ކުޅިވަރުގެ ދާއިރާއަށް އެހީތެރިކަން ވަރަށް ބޮޑަށް ބޭނުންވިކަން ފާހަގަވެގެންދިޔަ ކަމަށެވެ.

ގަތަރުގެ ހައިޕާފޯމްސް ސެންޓަރެއްގައި ބޭއްވި ސްޕޯޓްސް މެޑިސިން ކޯހަކަށް ފަހު އައިޖީއެމްއެޗްގައި މަސައްކަތްކުރުމުގެ ކުރިން މެޑިސިންގެ ދާއިރާއިން އިންޑިއާގައި ރާފިޢު ވަނީ ތައުލީމު ހާސިލުކުރައްވާފައެވެ. ސްޕޯޓްސް މެޑިސިންގެ ރޮނގުން ސިންގަޕޫރުގައި ތަފާތު ކޯސްތައް ހެއްދެވި ރާފިޢު، އެ ދާއިރާއިން މާސްޓާސް ހެއްދެވީ އިނގިރޭސިވިލާތުގެ މެންޗެސްޓާއިންނެވެ.

ވާޒީރުގެ މަގާމާ ހަވާލުވުމުގެ ކުރުން އެންމެ ފަހުން މަސައްކަތް ކުރެއްވީ މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ) ގެ މެޑިކަލް ޓީމުގެ ތެރޭގައި ކަމަށާއި، ގޭމްސްތަކަށް ޓީމުތައް ތައްޔާރުކުރުމުގެ ބޮޑު ޒިންމާއާ ހަވާލުވިއިރު، ޓީމެއްގެ ގޮތުގައި ރިހިބިލިޓޭޝަން ކަންކަން ކުރިއަށްގެންދެވުނީ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) ގައި ކަން ވަޒީރު ފާހަގަކުރެއްވިއެވެ.

ކުޅިވަރުގެ ގިނަ އެތުލީޓުންނާއެކު މަސައްކަތް ކުރެއްވި ރާފިޢު ބޯލްބޯއީ އެއްގެ ގޮތުން ފެށި ދާއިރާގެ މަސައްކަތުގައި މިއަދު ހުންނެވީ މުޅި ދާއިރާގެ އެންމެ އުހުގައިއެވެ. ކުޅިވަރު ދަނޑުންނަމަ ކެޕްޓަނެވެ. އެއީ އަދުގެ ސަރުކާރުގެ ކުޅިވަރާ ބެހޭ ވަޒީރެވެ.