އަސީރުން މިނިވަން ކުރާނީ ހަނގުރާމަ ހުއްޓައިލުމަށް ޔަހޫދީން އެއްބަސްވުމުން ކަމަށް ފަލަސްޠީނުގެ ޣައްޒާގައި ވެރިކަންކުރާ ޙަމާސް ޖަމާޢަތުން އަނެއްކާވެސް ބުނެފިއެވެ.
ޣައްޒާ ޢުދުވާން ފަށާފައި ވަނީ 2023ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 7ވަނަ ދުވަހުއެވެ. އެއީ، ޣައްޒާގައި ވެރިކަން ކުރާ ޙަމާސް ޖަމާޢަތް ނައްތައިލުމުގެ ނަމުގައި ފަށާފައިވާ ޢުދުވާނެކެވެ. ޣައްޒާގެ މުސްލިމުން ޝަހީދުކޮށް ނެތިކޮށްލުމަށް ޢުދުވާނީ ޙަމަލާތައް ފަށާފައި ވަނީ، 2023 އޮކްޓޫބަރު 7ވަނަ ދުވަހު ޙަމާސްގެ މުޖާހިދުން ޒަޔަނިސްޓުންނަށް އަމާޒުކޮށް ޖިހާދީ ޙަމަލާތަކެއް ދިނުމާ ގުޅިގެންނެވެ. އެއީ، ޔަހޫދީންގެ އަޅުވެތިކަމާއި އިސްތިޢުމާރީ ވެރިކަމަށް ކެތް ނުކުރެވިގެން ޙަމާސްގެ މުޖާހިދުން ދީފައިވާ ޙަމަލާތަކެކެވެ. އެ ޙަމަލާތަކުގައި ޙަމާސުން ވަނީ ޔަހޫދީ ދައުލަތަށް ނިޞްބަތްވާ 240އެއްހާ މީހުން އަސީރުންގެ ގޮތުގައި ޣައްޒާއަށް ގެންގޮސްފައެވެ.
ޣައްޒާގައި ކުރަމުންދާ ހަނގުރާމައިގައި ޙަމަލާތައް ހުއްޓުމަކަށް ގެނައުމަށް ޤަޠަރާއި މިޞްރުން އިސްވެ މަސައްކަތް ކުރަމުންދާތާ އަހަރަކަށްވުރެ ގިނަ ދުވަސް ވަނީ ވެފައެވެ. ޔަހޫދީންގެ އެންމެ ބޮޑު މަދަދުގާރު، އެމެރިކާއިން ވެސް ދަނީ މަޝްވަރާތަކުގައި ނަމެއްގައި ބައިވެރިވަމުންނެވެ. އެމެރިކާގެ އިންތިޚާބީ ރައީސް ޑޮނަލްޑް ޓްރަންޕް މި މަހުގެ 20ވަނަ ދުވަހު އައު ދައުރަކަށް ހުވައި ކުރެއްވުމުގެ ކުރިން ޙަމަލާ ބަދަލުކުރުން ހުއްޓައިލުމާ ގުޅޭ އެއްބަސްވުމަކާ ހަމައަށް އާދެވޭތޯ ޤަޠަރާއި މިޞްރުން ދަނީ ކެނޑިނޭޅި މަސައްކަތް ކުރަމުންނެވެ.
އެމެރިކާގެ މިހާރުގެ ރައީސް ޖޯ ބައިޑަންގެ ސަރުކާރުގެ އަމާޒަކީ ވެސް ޖަނަވަރީ 20ވަނަ ދުވަހުގެ ކުރިން ދެ ފަރާތުގެ ދެމެދުގައި އެއްބަސްވުމެއް އެކުލަވައިލުމެވެ. އޭގެ ކުރިން ޢުދުވާންތަކަށް ނިމުމެއް ނުގެނެވުމަކީ ބައިޑަންގެ ސަރުކާރުގެ އަގުވެއްޓުމުގެ ގޮތުގައި ބެލެވޭނެ ކަމުގައި މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ޤަބޫލު ކުރެއެވެ. އޭގެ އިތުރުން ޓްރަންޕް ވެސް ވަނީ އޭނާ ވެރިކަމާ ޙަވާލުވެވަޑައިގަންނަވާއިރު އަސީރުން ދޫކޮށްލާފައި ނުވާ ނަމަ ޣައްޒާއާ މެދު ވަރަށް އިހާނެތިކޮށް ކަންތައް ކުރައްވާނެ ކަމުގެ އިންޒާރު ދެއްވައިފައެވެ. އެހެންކަމުން ދެ ފަރާތުގެ ދެމެދުގައި މި ވަގުތު ހިނގަމުންދާ މަޝްވަރާތަކުގައި އެންމެ ބޮޑަށް އަލިއަޅުވައިލާފައި ވަނީ ޙަމާސުން ރަހީނު ކޮށްފައިވާ އަސީރުން މިނިވަން ކުރުމަށެވެ.
ޓްރަންޕް ހުވައިކުރައްވާ ތާރީޚު ގާތްވަމުން ދިޔަ ނަމަވެސް ޞުލްޙަ ޤާއިމު ކުރުމަށް އަދިވެސް ގިނަ ހުރަސްތަކެއް އެބަ ހުއްޓެވެ. މަޝްވަރާތަކުގައި ބައިވެރިވަމުންދާ ޙަމާސްގެ މަންދޫބުން ބުނަނީ އެ ޖަމާޢަތުން އަސީރުންގެ ގޮތުގައި ގެންގޮސްފައިވާ ޔަހޫދީން މިނިވަން ކުރާނީ ހަނގުރާމަ އެއްކޮށް ހުއްޓައިލުމަށް އެއްބަސްވެ ޔަހޫދީ ފައުޖުތައް ޣައްޒާއިން ބޭލުމަށް ޔަހޫދީ ދައުލަތުން އެއްބަސްވާ ނަމަ ކަމަށެވެ. ނަމަވެސް މަޝްވަރާ ތަކުގައި ޔަހޫދީ ދައުލަތުން ދައްކާ ވާހަކައިން ހަނގުރާމަ ހުއްޓައިލުމަށް އެެއްވެސް ޝައުޤުވެރިކަމެއް ނެތްކަން ހާމަވެއެވެ.
ޙަމާސްގެ އިސް ވެރިއެއް ކަމަށްވާ އުސާމާ ޙަމްދާން ބުނީ ޙަމަލާ ބަދަލުކުރުން ހުއްޓައިލުމުގެ އެއްބަސްވުމަކާ ހަމައަށް އާދެވިފައި ނުވަނީ ޔަހޫދީ ދައުލަތުގެ ސަބަބުން ކަމަށެވެ. އެންމެ ފަހުގެ މަޝްވަރާތަކުގެ ތަފްޞީލް ދީފައި ނުވި ނަމަވެސް މަޝްވަރާތަކުގައި ޣައްޒާއަށް ދެމުންދާ ލާއިންސާނީ އަނިޔާތަކަށް ފުރިހަމަ ނިމުމެއް ގެނެސް ޔަހޫދީން އިސްތިޢުމާރު ކޮށްފައިވާ ބިންތަކުން ފޭބުމަށް ކުރަމުންދާ ޝަރުތު ހަމާޞުން ދަމަހައްޓަމުންދާ ކަމަށް އޭނާ ބުނެއެވެ. ވެރިކަން ފެށޭއިރު ހުރިހާ އަސީރުން ދޫކޮށްލާފައި ނުވާ ނަމަ ކަންތައް ކުރައްވާނެ ގޮތާމެދު ޓްރަންޕު ދެއްވާފައިވާ އިންޒާރާ ގުޅޭ ގޮތުން ޙަމްދާން ބުނީ އެމެރިކާގެ ރައީސަކު ވާހަކަ ދައްކަވަން ވާނީ އެއަށްވުރެ ހަރުދަނާކޮށް ކަމަށެވެ.
ޙަމާސުން ހަނގުރާމަ ހުއްޓައިލަން ބެނުންވާކަން ޔަޤީން ކޮށްދިނުމަށް އެ ޖަމާޢަތުން ވަނީ ޢުދުވާން ހުއްޓުމަކަށް ގެނައުމާ އެކު އެ ޖަމާޢަތުން ވަގުތުން ދޫކޮށްލާނެ 34 އަސީރެއްގެ ނަން ޒަޔަނިސްޓު ސަރުކާރާ ޙިއްޞާ ކޮށްފައެވެ.
ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ޢުދުވާނުގައި ޝަހީދުކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 45,805އަށް އުފުލިފައެެވެ. އޭގެ ތެރޭގައި 17,000އެއްހާ ކުޑަކުދިން ހިމެނޭއިރު, އިތުރު 10,000އެއްހާ މީހުންގެ ހަށިތައް ސުންނާފަތި ކޮށްލާފައިވާ އިމާރާތްތަކުގެ ދަށުގައި ތާށިވެފައިވާ ކަމަށް ޤަބޫލު ކުރެވެއެވެ. ޣައްޒާ ޢުދުވާނުގައި ޔަހޫދީ ފައުޖުން ވަނީ 108,583 މީހުން ޒަޚަމު ކޮށްލާފައެވެ. ގެދޮރު ގެއްލި ފޭލިގެ ތަކުގައި ދިރިއުޅެމުންދާ ޣައްޒާގެ ރައްޔިތުން ވަނީ ފިނި މޫސުމުގެ ގަދަ ފިންޏާ ކުރިމަތިލާން ޖެހި ގިނަ އުނދަގޫތައް ތަޙައްމަލް ކުރަމުންނެވެ.
ޢުދުވާނަށް ނިމުމެއް ގެނައުމާ ގުޅޭ މަޝްވަރާތައް ކުރަމުންދާ މި ދަނޑިވަޅުގައި ޔަހޫދީން ދަނީ ޣައްޒާ ޢާންމު ރައްޔިތުންނަށް އަމާޒުކޮށް ދެމުންދާ ނިރުބަވެރި ޙަމަލާތައް އިތުރުކޮށް ފުޅާ ކުރަމުންނެވެ. އަންގާރަ ދުވަހު އެކަނި ވެސް ޣައްޒާގެ 24 މުސްލިމުން ޝަހީދު ކޮށްލާފައިވާ ކަމަށް ޣައްޒާގެ ޞިއްޙީ ފަރުވާދޭ ޚިދުމަތްތަކުން ބުނެއެވެ. ޣައްޒާގެ ޞިއްޙީ ވުޒާރާއިން ވަނީ ޢާންމުންނަށް ބޭނުންވާ ޞިއްޙީ ފަރުވާ ދިނުމަށް ޖަަނަރޭޓަރުތައް ހިންގަން ބޭނުންވާ ތެޔޮ އަވަހަށް ފޯރު ކޮށްދިނުމަަށް ބައިނަލްއަޤްވާމި އެހީއަށް އެދިފައެވެ.