ޕެނަމާ ކެނަލާއި ގްރީންލޭންޑު އެމެރިކާގެ ބާރުގެ ދަށަށް ގެނައުމަށް އަސްކަރީ ނުވަތަ އިޤްތިޞާދީ ފިޔަވަޅުތައް އެޅުމަކީ އެކަށީގެންވާ ކަމެއް ކަމަށް ދޭހަވާ ފަދަ މޭރުމަކުން އެެމެރިކާގެ އިންތިޚާބީ ރައީސް ޑޮނަލްޑް ޓްރަންޕް ވާހަކަ ދައްކަވައިފިއެވެ.
މީގެ ދުވަސްކޮޅެއް ކުރިން ޓްރަންޕް ވަނީ ދުނިޔޭގެ ކަނޑުމަގުން ކުރާ ވިޔަފާރީގެ 2.5 އިންސައްތަ ޙިއްޞާކުރާ މައި މަގެއް ކަމަށްވާ ޕެނަމާ ކެނޭލްގެ ޚިދުމަތް ހޯދުމަށް ޕެނަމާއިން ބޮޑެތި ޢަދަދުތަކުން ފައިސާ ނަގައި ކަމަށް ބުނެ ނުރުހުން ފާޅުކޮށް އެމެރިކާގެ ބާރުގެ ދަށަށް އެ ކެނޭލް އަނބުރާ ގެންނަވާނެ ކަމުގެ އިންޒާރު ދެއްވައިފައެވެ.
ޕެނަމާ ކެނޭލްގެ ބޮޑު ބައެއް ތަރައްޤީ ކޮށްފައި ވަނީ އެމެރިކާއިންނެވެ. އަދި އެ ކެނޭލް ވަށައިގެންވާ ސަރަޙައްދުތައް އެތައް އަހަރެއް ވަންދެން ހިންގަމުން ދިޔައީ ވެސް އެމެރިކާއިންނެވެ. ނަމަވެސް 1977ވަނަ އަހަރު އެމެރިކާއާއި ޕެނަމާއާ ދެމެދު ސޮއި ކުރި ދެ އެއްބަސްވުމެއްގެ ސަބަބުން ޕެނަމާގެ ފުރިހަމަ ބާރުގެ ދަށަށް ޕެނަމާ ކެނޭލް ގެންދިއުމަށް މަގުފަހިވެގެން ދިޔައެވެ. އެ ގޮތުން އެ ކެނޭލްގެ ފުރިހަމަ ބާރު އެމެރިކާއިން ޕެނަމާއަށް ދޫކޮށްލީ އަހަރު ތަކެއް ވަންދެން ދެ ޤައުމުން އެކުގައި އެ ކެނޭލް ހިންގުމަށްފަހު 1999ވަނަ އަހަރެވެ.
އޭގެ އިތުރުން ޓްރަންޕް ވަނީ ޑެންމާކުގެ ރަށެއް ކަމުގައިވާ ގްރީންލޭންޑުގެ މައްޗަށް ބާރު ފޯރުވާ އެ ރަށަކީ އެމެރިކާގެ ބައެއްގެ ގޮތުގައި ހެއްދެވުމަށް ބޭނުންވާ ކަމަށް ވެސް ވިދާޅުވެފައެވެ. އެމެރިކާގެ އިންތިޚާބީ ރައީސް ދެ ފަހަރެއްގެ މަތިން ގްރީންލޭންޑު ގަތުމަށް ހުށަހަޅުއްވާފައި ވެއެވެ. އެއީ 2019ވަނަ އަހަރާއި މިދިޔަ އަހަރުގެ ތެރޭގައެވެ. ދެ ފަހަރު ވެސް ގްރީންލޭންޑުން ވަނީ އެ ހުށަހެޅުންތަކަށް އިންކާރު ކޮށްފައެވެ.
ޕެނަމާ ކެނޭލާއި ގްރީންލޭންޑު އެމެރިކާގެ ބާރުގެ ދަށަށް ގެނައުމަށް ކުރައްވާ މަސައްކަތަކުގައި އަސްކަރީ އަދި އިޤްތިޞާދީ ފިޔަވަޅުތައް ނާޅާނެ ކަމުގެ ޔަޤީންކަން ދެވިދާނެތޯ ނޫސްވެރިންގެ ބައްދަލުވުމެއްގައި ސުވާލު ކުރުމުން ޓްރަންޕް ވިދާޅުވީ އެ ޔަޤީންކަން ނުދެއްވޭނެ ކަމަށެވެ. ޕެނަމާ ކެނޭލާއި ގްރީންލޭންޑަކީ ވެސް އެމެރިކާގެ އިޤްތިޞާދީ ރައްކާތެރިކަމަށް މުހިންމު ދެ ސަރަޙައްދުގެ ގޮތުގައި އޭނާ ސިފަ ކުރެއްވިއެވެ. އަދި ގްރީންލޭންޑު ގަތުމަކީ އެމެރިކާގެ ޤައުމީ ސަލާމަތަށް މުހިންމު ކަމެއް ކަމަށް ވެސް ފާހަގަ ކުރައްވަމުން ޓްރަންޕް ވިދާޅުވީ ގްރީންލޭންޑު ވިއްކުމަށް ޑެންމާކުން އިންކާރު ކުރާ ނަމަ އެ ޤައުމާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އެޅުން އެކަށީގެންވާ ކަމަށެވެ.
ޓްރަންޕް މި ފަދަ މޭރުމަކުން ވާހަކަ ދައްކަވާފައި މި ވަނީ ބޭރުގެ އިތުރު ސަރަޙައްދުތަކަށް އަތްގަދަ ކުރުމުގެ ޝައުޤުވެރިކަން ވެސް އޭނާ ފާޅުކުރައްވާފައިވާ ދަނޑިވަޅެއްގައެވެ. އޭނާ ވަނީ ކެނެޑާއަކީ ވެސް އެމެރިކާގެ ސްޓޭޓަކަށް ހެދުމަށް ބޭނުންވާ ކަމަށް ވިދާޅުވެފައެވެ. އެމެރިކާގެ އެންމެ ގާތް އެއް ޤައުމުގެ ގޮތުގައި އޮތް ކެނެޑާއާ ވިޔަަފާރީގެ ގުޅުންތައް ބާއްވާ އެ ޤައުމަށް އަސްކަރީ އެހީތެރިކަން ފޯރުކޮށްދިނުމާ މެދު ވެސް ޓްރަންޕް ވަނީ ފާޑު ވިދާޅުވެފައެވެ. އަދި ކެނެޑާއިން ބޮޑެތި ޓެރިފްތައް ނަގާނެ ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފައެވެ.
އޭގެ އިތުރުން ޓްރަންޕް ވަނީ ގަލްފް އޮފް މެކްސިކޯގެ ނަން ގަލްފް އޮފް އެމެރިކާގެ ނަމަށް ބަދަލު ކުރެއްވުމަށް ބޭނުންވާ ކަމަށް ވެސް ވިދާޅުވެފައެވެ. އެއީ އެ ސަރަަޙައްދަށް ކިޔުމަށް އެންމެ އެކަށީގެންވާ ނަން ކަމަށް އޭނާ ވިދާޅުވެއެވެ. ކެނެޑާއެކޭ އެއްގޮތަށް މެކްސިކޯއަށް ވެސް ބޮޑެތި ޓެރިފްތައް ކަނޑައަޅުއްވާނެ ކަމަށް ވެސް އޭނާ ވިދާޅުވެއެވެ.
މީގެ ކުރިން ޓްރަންޕް ވަނީ އުތުރު އެމެރިކާގެ އެންމެ އުސް ފަރުބަދަ ކަމަށްވާ ޑެނާލީގެ ނަން އަނެއްކާ ވެސް މައުންޓު މިކިންލީއަށް ބަދަކުރުމަށް ވަޢުދުވެވަޑައިގެންފައެވެ. އެމެރިކާގައި އެންމެ ފުރަތަމަ ދިރިއުޅުނު ނަޞްލުގެ މީހުންނަށް އިޚްތިރާމު ކުރުމުގެ ގޮތުން މައުންޓު މިކިންލީގެ ނަން ޑެނާލީއަށް ބަދަލު ކުރެއްވީ އެމެރިކާގެ ކުރީގެ ރައީސް ބަރަކް އޮބާމާއެވެ.
އެމެރިކާގެ ރައީސްކަމާ ޓްރަންޕް ޙަވާލުވެވަޑައިގަންނަވާނީ މި މަހުގެ 20ވަނަ ދުވަހުއެވެ.