ގދ. ރަތަފަންދޫ ބަނދަރު ރަނގަޅު ފެންވަރަކަށް ތަރައްގީކޮށް ސިއްޙީ މަރުކަޒުގެ ފެންވަރު ރަނގަޅު ކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ހުވަދުއަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ހުވަދުއަތޮޅު ދެކުނުބުރި ރަތަފަންދޫއަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުންނެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ އެމަނިކުފާނުގެ ސިޔާސަތަކީ ކުޑަރަށެއް ބޮޑު ރަށެއް ބެލުމެއްނެތި ހުރިހާ ރައްޔިތުންނަށް ހަމަހަމަކަމާއެކު ޚިދުމަތް ދިނުންކަމަށާއި ރަށްރަށަށް ކުރައްވާ ދަތުރުފުޅުތަކުގެ ބޭނުމަކީވެސް ރައްޔިތުން ބޭނުންވާ ކަންކަން ގާތުން އޮޅުންފިލުވައި އަމަލީގޮތުން އެކަންކަމަށް ހައްލު ގެނައުން ކަމަށެވެ. އަދި ވެރިކަން ކުރާ ރަށުގައި ހުންނަވައިގެން ހުރިހާ ރަށަކަށް ޚިދުމަތް ދެއްވުމަކީ އެމަނިކުފާނު ގަބޫލުފުޅު ކުރައްވާ ސިޔާސަތެއް ނޫން ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ރަތަފަންދޫގައި ކުޑަ އާބާދީއެއް އޮތް ނަމަވެސް އެ ރަށަށް ބޭނުންވާ ކަންކަމަކީވެސް މުހިންމު ކަންކަން ކަމަށާއި އެ ރަށުގެ ރައްޔިތުންގެ އުއްމީދުތަކުގައި ހަގީގީ ކުލަ ޖައްސަވައިދެއްވާނެ ކަމަށެވެ. އެގޮތުން، ރަށުގެ ބަނދަރު ތަރައްގީ ކުރުމަކީ ރައްޔިތުން އެދޭ ކަމެއް ކަމަށާއި މިއަހަރު ކުރިއަށްގެންދާ ބަނދަރު މަޝްރޫޢުތަކުގެ ތެރެއިން ރަތަފަންދޫގެ ބަނދަރުވެސް ތަރައްގީ ކުރެވިގެންދާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ސިއްޙީ ދާއިރާއިންނާއި ތަޢުލީމީ ދާއިރާއިން ރަތަފަންދޫއަކީ ފާހަގަކޮށްލެވޭ ރަށެއްކަން ފާހަގަކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އެރަށުގައި މިހާރު ހުރި ސިއްޙީ މަރުކަޒަކީ ޖާގައިގެ ގޮތުންނާއި ޚިދުމަތުގެ ގޮތުން ފެންވަރު ރަނގަޅު ތަނަކަށް ހައްދަވައިދެއްވާނެ ކަމަށެވެ. އަދި ސްކޫލަށް މިވަގުތު މަލްޓި ޕާޕަސް ހޯލެއް މުހިންމު ކަމަށާއި އެ މަޝްރޫޢުގެ މަސައްކަތްވެސް ކުރިއަށްގެންދަވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
"މިއަހަރުގެ ބަޖެޓުގެ ތެރެއިން އެންމެ އިސްކަމެއް ދޭ ކަންކަމުގެ ތެރޭގައި ސިއްޙީ ދާއިރާއާއި ތައުލީމީ ދާއިރާ ހިމެނޭ. މި ރަށުގެ ސިއްޙީ މަރުކަޒުގެ ފެންވަރު ރަނގަޅުކޮށް، ސިއްޙީ މަރުކަޒު، އިމާރާތާއި ވަސީލްތަތަކުގެ ގޮތުން، މުވައްޒަފުންގެ ގޮތުން، ހުރިހާ ގޮތަކުންވެސް މި ރަށަށް ބޭނުންވާ ފެންވަރުގެ ސިއްޙީ މަރުކަޒަކަށް އެ މަރުކަޒު އަޅުގަނޑުމެން ހަދައިދޭނަން،" ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ރަތަފަންދޫގެ ޒުވާނުންނަށް ބޭނުންވާ ވަސީލަތްތައް ގާއިމުކުރުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެ ކަމަށާއި ފެންވަރު ރަނގަޅު ވޮލީ ކޯޓަކާއި އިންޑޯ ޖިމެއްގެ އިތުރުން ޒުވާނުންގެ މަރުކަޒެއް ހައްދަވައިދެއްވާނެ ކަމަށެވެ. އަދި މިހާރު ރަށުގައި ނުނިމި ހުރި ފެނާއި ނަރުދަމާގެ މަސައްކަތާއި ގިރާ ސަރަހައްދު ހިމާޔަތް ކުރުމުގެ މަޝްރޫޢުގެ މަސައްކަތް ވަރަށް އަވަހަށް ފެށޭނެ ކަމުގެ ޔަގީންކަންވެސް ރައީސުލްޖުމްހޫރިއްޔާ ދެއްވިއެވެ.
މިއަހަރާއި އަންނަ އަހަރު ރާއްޖޭގެ އެކި ރަށްރަށުގައި މުހިންމު ގިނަ މަޝްރޫޢުތައް ކުރިއަށްގެންދަވާނެކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ މިއަހަރު ބަޖެޓުގެ ތެރެއިން އިސްކަންދެއްވާނީ ވީހާވެސް ގިނަ ވަޢުދުތައް ފުއްދެވުމަށް ކަމަށެވެ.