ހަނގުރާމައާ ގުޅޭ ތިން ޙާލަތަކަށް ތައްޔާރުވުމަށް އީރާނުގެ ހަތިޔާރު އެޅި ފައުޖުތަކާ ބެހޭ އެންމެ މަތީ އިދާރާއިން ޢާންމުންނަށް އަންގައިފިއެވެ.
10 މާއްދާގެ މައްޗަށް ހިމެނޭ މި އިރުޝާދުތައް ނެރެފައި ވަނީ ހަމަލާތަކާއި އިންޒާރުތަކުގެ ސަބަބުން ލިބޭ ގެއްލުންތައް ކުޑަ ކުރުމަށް، ހަމަލާދޭ ފަރާތާ ސީދާ ކުރިމަތިލުމަކަށް ނުގޮސް ޢަމަލުކުރާނެ ގޮތް އެނގުމަށެވެ. މިއީ އީރާނުން ކޮންމެ އަހަރަކު ވެސް އާންމުކުރާ މަޢުލޫމާތެކެވެ.
އެ އިދާރާއިން ނެރުނު އިރުޝާދުތަކުގައި ބުނީ ފުރިހަމަ ހަނގުރާމައެއް ފެށިދާނެ ޙާލަތަކަށް ދިޔުމުގެ ފުރުޞަތު އޮތް އިރު، ހަމަލާ ބަދަލުކުރުން މެދުކަނޑައިލުމުގެ ފުރުޞަތު ވެސް އޮތް ކަަމަށެވެ. އަދި ދާއިމީ ގޮތަކަށް ހަނގުރާމަ ނިމުމަކަށް އައުމުގެ ފުރުޞަތު އޮތް ކަމަށް ވެސް އެ އިރުޝާދުގައި ބުނެފައިވެއެވެ.
ފުރިހަމަ ހަނގުރާމައެއްގެ ޙާލަތަށް ގޮސްފި ނަމަ ބޮޑެތި އާންމު އެއްވުންތަކާއި ހަފްލާތައް ބޭއްވުން މެދުކަނޑައިލާނެ ކަމަށް އިރުޝާދުގައި ބުނެފައިވެއެވެ. އެ ދުވަސްވަރުގެ ޙަރަކާތްތައް ޚާއްޞަ ކުރާނީ ޙާލަަތަށް ތައްޔާރުވުމަށާއި، ޒަރޫރީ ޚިދުމަތްތައް މެދުކެނޑުމެއް ނެތި ފޯރުކޮށްދެވޭނެ ކަން ކަށަވަރު ކުރުމަށާއި ވަޞީލަތްތައް ބެލެހެއްޓުމާއި ޢާންމުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށާއި ކަމާބެހޭ އިދާރާތަކުގެ މެދުގައި ކަންކަން ވިލަރެސް ކުރުމަށް ކަމަށް ވެސް ބުނެފައިވެއެވެ.
ހަނގުރާމައަށް ދާއިމީ ނިމުމެއް އައުމެއް ނެތި ވަގުތީ ގޮތުން ހަމަލާ ބަދަލުކުރުން މެދުކަނޑައިލާ ނަމަ އާންމުން އެ ޙާލަތަށް ތައްޔާރުކުރުމަށާއި މަޢުލޫމާތު ރައްކާތެރިކުރުމަށާއި އަސްކަރީ ގޮތުން ދޭ ހަމަލާތައް ނޫން އެހެން ގޮތްގޮތުން ދޭ ހަމަލާތަކާ މެދު ސަމާލުވެ ތިބުމަށް އިސްކަން ދޭނެއެވެ.
ދާއިމީ ގޮތަކަށް ހަނގުރާމަ ނިމުމަކަށް އަންނަ ޙާލަތުގައި ކަމާ ބެހޭ އިދާރާތަކުން ކުރިން ރާވާފައިވާ އަސްކަރީ ޙަރަކާތްތަކާއި ތަމްރީން ޕްރޮގުރާމުތަކާއި އާންމު ޙަރަކާތްތައް ފުރިހަމައަށް ތަންފީޛު ކުރާނެއެވެ. އެ ޙާލަތުގައި އީރާނާ ދެކޮޅަށް ދުޝްމަނުން އިސްވެ ފަށާފައިވާ ދެވަނަ އަދި ތިންވަނަ ހަނގުރާމައިގައި ކަން ހިނގާފައިވާ ގޮތް ދިރާސާކޮށް އެ ހަނގުރާމަތަކުން ފިލާވަޅު ލިބިގަނެ، ޙާލަތްތަކުގައި ޢަމަލުކުރަންވީ ގޮތަށް ބަދަލު ގެންނާނެ ކަމަށް ބުނެފައިވެއެވެ. ދެވަނަ އަދި ތިންވަނަ ހަނގުރާމައިގެ ގޮތުގައި އީރާނުން އިޝާރާތްކޮށްފައި ވަނީ 2025ވަނަ އަހަރުގެ ޖޫން މަހު ޔަހޫދީންނާއި އީރާނާ ދެމެދު ކުރި 12 ދުވަހުގެ ހަނގުރާމައާއި މި އަހަރުގެ ފެބްރުއަރީ މަހުގެ 28ވަނަ ދުވަހުން ފެށިގެން އަދިވެސް ކުރިއަށްދާ މެދުއިރުމަތީގެ ހަނގުރާމައަށެވެ.