އިނގިރޭސި ލީގު ކަޕުގެ ސެމީ ފައިނަލުގެ ފުރަތަމަ ލެގުގައި ރޭ ލިވަޕޫލްއާ ދެކޮޅަށް ކުޅުނު މެޗުން ޓޮޓްނަމް ހޮޓްސްޕަރ މޮޅުވެއްޖެއެވެ.
ލަންޑަނުގައި ހުންނަ ޓޮޓްނަމްގެ ދަނޑުގައި ކުޅުނު މި މެޗު އެ ޓީމުން ކާމިޔާބުކޮށްފައިވަނީ 1-0 ގެ ނަތީޖާއަކުންނެވެ. މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ހަތަރު މިނިޓަށް ވެފައިވަނިކޮށް އެ ޓީމަށް ކާމިޔާބު ކޮށްދީފައިވަނީ ލޫކަސް ބާރގްވެލް އެވެ.
އަދި މި މެޗުގައި ޓޮޓްނަމްގެ ޑޮމިނިކް ސޮލާންކޭ ޖެހި ގޯލެއް ވީޑިއޯ ބެލުމަށްފަހު ރެފްރީ ވަނީ އޮފްސައިޑް ގޯލެއް ކަމަށް ނިންމާފަ އެވެ.
ޕްރިމިއާ ލީގުގެ އެއްވަނައިގައި އޮތް ލިވަޕޫލްގެ ކޯޗު ސްލޮޓް ވަނީ މި މެޗަށް އެ ޓީމުގެ މުހިންމު ކުޅުންތެރިން ކަމުގައިވާ މުހައްމަދު ސަލާ އާއި ވެންޑައިކް ފަދަ ކުޅުންތެރިން ބޭނުންކޮށްފަ އެވެ. ނަމަވެސް ލީގުގައި އެ ޓީމުން ދައްކަމުންދާފަދަ މޮޅު ކުޅުމެއް މި މެޗުގައި ލިވަޕޫލްގެ ފަރާތުން ފެނިގެން ގޮސްފައެއް ނުވެއެވެ.
ޓޮޓްނަމްއިން މޮޅު ކުޅުމެއް ދައްކާފައިވާ މި މެޗުގައި އެ ޓީމުގެ ބާރގްވެލް ލަނޑު ޖެހިއިރު ލިވަޕޫލްގެ ކޮސްޓަސް ސިމިކަސް ދަނޑުން ބޭރުގައި ހުއްޓާ ކުޅުން ކުރިއަށް ގެންގޮސް އިދިކޮޅު ޓީމުން ލަނޑު ޖެހުމާއިއެކު ލިވަޕޫލްގެ ކޯޗު ސްލޮޓް ވަނީ އެކަމާ ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ. އަދި އެކަމާއި ގުޅިގެން ރެފްރީ ވަނީ އޭނާއަށް ރީނދޫ ކާޑެއްވެސް ދައްކާފަ އެވެ.
އަދި ސިމިކަސްއަށް ބާރގްވެލް ކުރި ފައުލާއިއެކު އޭނާއަށް ދެވަނަ ރީނދޫ ކާޑެއް ދައްކަން ޖެހޭނެ ކަމަށްވެސް ބައެއް ފަރާތްތަކުން ބުނެފައިވާއިރު އެ ކަމާއި ގުޅިގެން ވީޑިއޯ އެސިސްޓެންޓް ރެފްރީގެ ފަރާތުންވެސް އެއްވެސް ކަމެއް ފެނިގެން ގޮސްފައިނުވާކަމަށް ލިވަޕޫލްގެ ކޯޗު ވަނީ ބުނެފަ އެވެ.
ފުރަތަމަ ލެގް ޓޮޓްނަމް އިން ކާމިޔާބު ކޮށްފައިވާއިރު ދެވަނަ ލެގުގައި އަންނަ ފެބްރުއަރީ މަހު އެންފީލްޑްގައި މި ދެ ޓީމު ބައްދަލުކުރާ މެޗު ކާމިޔާބު ކޮށްގެން މުބާރާތުގެ ފައިނަލަށް ދިއުމުގެ ފުރުސަތު ލިވަޕޫލް އަށް އަދިވެސް އެބައޮތެވެ.
ރޭގެ މެޗުގައި ޓޮޓްނަމްގެ ކޯޗު ޕޮސްޓެކޮގްލޫ ވަނީ އެ ޓީމުގެ ޒުވާން ކުޅުންތެރިންނަށް ފުރުސަތު ދީފަ އެވެ.