ޚަބަރު

އަސީރުން މިނިވަންކުރުމުގެ މަޝްވަރާތައް ކުރިއަށް ދަނިކޮށް ޔަހޫދީ އަސީރެއްގެ ހަށިގަނޑު ފެނިއްޖެ


ފަލަސްޠީނުގެ ޣައްޒާގައި ވެރިކަން ކުރާ ޙަމާސް ޖަމާޢަތުން އަސީރުންގެ ގޮތުގައި ގެންގޮސްފައިވާ ޔަހޫދީންގެ ތެރޭގައި ހިމެނޭ ޔޫސުފް ޒަޔަދީގެ ހަށިގަނޑު ޣައްޒާގެ ބިންގަރާހެއްގެ ތެރެއިން ފެނިއްޖެއެވެ.

ޒަޔަދީ މަރުވެފައިވާ ސަބަބު ސާފުވެފައެއް ނުވެއެވެ. ނަމަވެސް އޭނާ މަރުވީ ފަހުގެ ތާރީޚެއްގައި ނޫން ކަމަށް ބެލެވެއެވެ. އޭނާގެ ހަށިގަނޑު ކައިރީގައި ޙަމާސްގެ މުޖާހިދުންގެ ހަށިތައް ކަމަށް ބެލެވޭ ހަށިތަކެއް ވެސް ވަނީ ފެނިފައެވެ.

ޣައްޒާ ޢުދުވާން ފަށާފައި ވަނީ 2023ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 7ވަނަ ދުވަހުއެވެ. އެއީ، ޣައްޒާގައި ވެރިކަން ކުރާ ޙަމާސް ޖަމާޢަތް ނައްތައިލުމުގެ ނަމުގައި ފަށާފައިވާ ޢުދުވާނެކެވެ. ޣައްޒާގެ މުސްލިމުން ޝަހީދުކޮށް ނެތިކޮށްލުމަށް ޢުދުވާނީ ޙަމަލާތައް ފަށާފައި ވަނީ، 2023 އޮކްޓޫބަރު 7ވަނަ ދުވަހު ޙަމާސްގެ މުޖާހިދުން ޒަޔަނިސްޓުންނަށް އަމާޒުކޮށް ޖިހާދީ ޙަމަލާތަކެއް ދިނުމާ ގުޅިގެންނެވެ. އެއީ، ޔަހޫދީންގެ އަޅުވެތިކަމާއި އިސްތިޢުމާރީ ވެރިކަމަށް ކެތް ނުކުރެވިގެން ޙަމާސްގެ މުޖާހިދުން ދީފައިވާ ޙަމަލާތަކެކެވެ. އެ ޙަމަލާތަކުގައި ޙަމާސުން ވަނީ ޔަހޫދީ ދައުލަތަށް ނިޞްބަތްވާ 240އެއްހާ މީހުން އަސީރުންގެ ގޮތުގައި ޣައްޒާއަށް ގެންގޮސްފައެވެ.


ޣައްޒާގައި ކުރަމުންދާ ހަނގުރާމައިގައި ޙަމަލާތައް ހުއްޓުމަކަށް ގެނައުމަށް ޤަޠަރާއި މިޞްރުން އިސްވެ މަސައްކަތް ކުރަމުންދާތާ އަހަރަކަށްވުރެ ގިނަ ދުވަސް ވަނީ ވެފައެވެ. ޔަހޫދީންގެ އެންމެ ބޮޑު މަދަދުގާރު، އެމެރިކާއިން ވެސް ދަނީ މަޝްވަރާތަކުގައި ނަމެއްގައި ބައިވެރިވަމުންނެވެ. އެމެރިކާގެ އިންތިޚާބީ ރައީސް ޑޮނަލްޑް ޓްރަންޕް މި މަހުގެ 20ވަނަ ދުވަހު އައު ދައުރަކަށް ހުވައި ކުރެއްވުމުގެ ކުރިން ޙަމަލާ ބަދަލުކުރުން ހުއްޓައިލުމާ ގުޅޭ އެއްބަސްވުމަކާ ހަމައަށް އާދެވޭތޯ ޤަޠަރާއި މިޞްރުން ދަނީ ކެނޑިނޭޅި މަސައްކަތް ކުރަމުންނެވެ. ޓްރަންޕް ވެސް ވަނީ އޭނާ ވެރިކަމާ ޙަވާލުވެވަޑައިގަންނަވާއިރު އަސީރުން ދޫކޮށްލާފައި ނުވާ ނަމަ ޣައްޒާއާ މެދު ވަރަށް އިހާނެތިކޮށް ކަންތައް ކުރައްވާނެ ކަމުގެ އިންޒާރު ދެއްވައިފައެވެ. އެހެންކަމުން ދެ ފަރާތުގެ ދެމެދުގައި މި ވަގުތު ހިނގަމުންދާ މަޝްވަރާތަކުގައި އެންމެ ބޮޑަށް އަލިއަޅުވައިލާފައި ވަނީ ޙަމާސުން ރަހީނު ކޮށްފައިވާ އަސީރުން މިނިވަން ކުރުމަށެވެ. ޒަޔަދީގެ ހަށިގަނޑު ފެނިފައި މި ވަނީ މި ދަނޑިވަޅުގައެވެ.

ޙަމާސުން ގެންދިޔަ ރަހީނުންގެ ތެރޭގައި ޒަޔަދީގެ ތިން ދަރިން ވެސް ހިމެނެއެވެ. 2023ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި ޙަމާސުން މިނިވަންކުރި އަސީރުންގެ ތެރޭގައި އޭނާގެ ދެ ދަރިން ހިމެނެއެވެ.

ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ޢުދުވާނުގައި ޝަހީދުކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 45,805އަށް އުފުލިފައެެވެ. އޭގެ ތެރޭގައި 17,000އެއްހާ ކުޑަކުދިން ހިމެނޭއިރު, އިތުރު 10,000އެއްހާ މީހުންގެ ހަށިތައް ސުންނާފަތި ކޮށްލާފައިވާ އިމާރާތްތަކުގެ ދަށުގައި ތާށިވެފައިވާ ކަމަށް ޤަބޫލު ކުރެވެއެވެ. ޣައްޒާ ޢުދުވާނުގައި ޔަހޫދީ ފައުޖުން ވަނީ 108,583 މީހުން ޒަޚަމު ކޮށްލާފައެވެ. ޔަހޫދީން ދޭ ޙަމަލާތަކުގައި ޣައްޒާގައި ތިބި އަސީރުންގެ ސަލާމަތަށް ވިސްނާ ކަމަކަށް ނުބެލެވެއެވެ. އަސީރުން ޤުރުބާން ކޮށްފައި ނަމަވެސް ޙަމާސް ނައްތާލައި ޣައްޒާގެ މުސްލިމުން ނަސްލުހޭދު ކުރުމަކީ އެމީހުންގެ އަމާޒު ކަމަށް ބެލެވެއެވެ.