ބޯލްޓިކް ކަނޑުގެ އައްސޭރިފަށުގައި އޮންނަ ކުޑަ ޤައުމެއްކަމަށްވާ އެސްޓޯނިއާއަކީ ގުދުރަތީ މުއްސަނދިކަމެއް ލިބުފައިވާ މުއްސަނދި ތާރީޚަކާއި ސަގާފަތެއް ލިބިފައިވާ ޤައުމެކެވެ.
1991 ވަނަ އަހަރު ސޯވިއެޓް ޔޫނިއަނުގެ ބާރުން މިނިވަންވުމާއެކު، އެސްޓޯނިއާގެ ސަރުކާރުން އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާއަށް ބޮޑެތި ކުރިއެރންތަކެއް ހޯދިއެވެ. ވޭތުވެދިޔަ 30 އަހަރު އެސްޓޯނިއާ ހޭދަކޮށްފައިވަނީ އެމީހުންގެ އަމިއްލަ ޚާއްޞަ އައިޑެންޓިޓީއާއި ޤައުމީ ފަޚުރުވެރިކަން އަލުން ޤާއިމުކުރުމަށެވެ. ޚާއްޞަކޮށް، އެސްޓޯނިއާގެ ރައްޔިތުން ވަނީ ދުނިޔޭގެ އެންމެ ތަރައްޤީވެފައިވާ ޑިޖިޓަލް އިންފްރާސްޓްރަކްޗަރ އަދި ގަވަރނަންސް ނިޒާމު ތަޢާރަފުކޮށްފައެވެ.
އެ ޤައުމުގައި ސަރުކާރުގެ ޚިދުމަތްތައް ފޯރުކޮށްދެނީ އޮންލައިންކޮށެވެ. ވިޔަފާރިތަކަށް އެމީހުންގެ ރިޕޯޓުތަކާއި އެޑްރެސްތައް ބަދަލުކުރެވޭއިރު، އާންމު ރައްޔިތުންނަށް ޖޫރިމަނާ ދެއްކުމާއި، ޑޮކްޓަރަށް ދެއްކުމަށް އެޕޮއިންޓްމަންޓް ހެދުމާއި، ލައިސަންސްތަކުގެ މުއްދަތު ހަމަވާ ތާރީޚު ބެލުން ފަދަ އެތައް ކަމެއް އޮންލައިންކޮށް ކުރެވެއެވެ. މި ކުރިއެރުންތަކާއެކު، އެސްޓޯނިއާއަކީ ޑިޖިޓަލް ދުނިޔޭގެ ކުރިމަގު ދައްކުވައިދޭ ނަމޫނާއެއް ކަމުގައި ގިނަ ޤައުމުތަކަކުން ދެކެއެވެ.
ދުނިޔޭގެ އެހެން ގައުމުތަކާ އަޅާބަލާއިރު، އެސްޓޯނިއާގެ %99.9 ސަރުކާރުގެ ޚިދުމަތްތަކަކީ ޑިޖިޓަލްކޮށް ދޭ ޚިދުމަތްތަކެކެވެ. މީގެ ތެރޭގައި ޓެކްސް ދެއްކުމާއި، ސިއްޙީ ރެކޯޑުތައް ބެލުމާއި، ގައުމީ އިންތިޚާބުތަކުގައި ވޯޓުލުން ހިމެނެއެވެ. އެސްޓޯނިއާއިން ވަނީ އީ-ރެސިޑެންސީ ޕްރޮގްރާމެއް ތަޢާރަފުކޮށްފައެވެ. މި ޕްރޮގްރާމުގެ ދަށުން، ބޭރު ޤައުމުތަކުގެ މީހުނަށް އެސްޓޯނިއާގައި ވަކި ޑިޖިޓަލް އައިޑެންޓިޓީއެއް ލިބި، ބައިނަލްއަޤްވާމީ ވިޔަފާރިތައް ގައުމަށް ގެނައުމަށް މަގުފަހިވެގެންދެއެވެ. މިހާތަނަށް، އެސްޓޯނިއާގައި 60،000 އަށްވުރެ ގިނަ އީ-ރެސިޑެންޓުން އެބަތިބިކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ. އެސްޓޯނިއާގެ ކޮންމެ ރައްޔިތަކަށް އައިޑީ ކާޑެއް ދޫކުރެއެވެ. މި ކާޑު ބޭނުންކޮށްގެން ޑިޖިޓަލް ސޮއިވެސް ކުރެވެއެވެ. އެސްޓޯނިއާގެ ރައްޔިތުންނަށް މި ޑިޖިޓަލް ޚިދުމަތްތައް ބޭނުންކުރަން އެނގޭކަން ޔަޤީންކުރުމަށްޓަކައި، ސަރުކާރުން ވަނީ ޅަފަތުގައި ތިބި ކުދިންނަށް ޓެކްނޮލޮޖީ އާއި ކޮމްޕިއުޓަރ ލިޓްރަސީ އުނގަންނައިދިނުން ލާޒިމުކޮށްފައެވެ.
2003 ވަނަ އަހަރު އެސްޓޯނިއާގައި ކުޑަކުޑަ ސްޓާޓްއަޕެއްގެ ގޮތުގައި ފެށުނު ސްކައިޕްއަކީ މިއަދު ދުނިޔޭގެ 300 މިލިއަނަށްވުރެ ގިނަ މީހުން ބޭނުންކުރާ ބޮޑު ވިޔަފާރިއަކަށް ވެފައިވެއެވެ. މައިކްރޯސޮފްޓްގެ ދަށަށް ގޮސްފައިވީ ނަމަވެސް، ސްކައިޕްގެ އޮފީސްތައް އަދިވެސް އެސްޓޯނިއާގެ ވެރިރަށް ޓެލިންގައި ހުރިކަން ފާހަގަކޮށްލެވެއެވެ.
އެސްޓޯނިއާގައި ހުރި އިންޓަރނެޓްގެ ބާރުމިނަކީ ދުނިޔޭގެ އެންމެ ހަލުވި އިންޓަރނެޓް ކަނެކްޝަންތަކުގެ ތެރެއިން އެއް ކަނެކްޝަނެވެ. މީހުން ދިރިނޫޅޭ ޖަންގަލީގެ ހިސާބުތަކަށްވެސް 4ޖީ އިންޓަރނެޓް ލިބެއެވެ. އަދި ހިލޭ ވައިފައި ލިބޭ ތަންތަންވެސް އެހާމެ ގިނައެވެ.
އެސްޓޯނިއާގައި އާބާދީއާ އަޅާބަލާއިރު އުފެދިފައިވާ ސްޓާޓްއަޕްތަކުގެ އަދަދު ސިލިކަން ވެލީއަށްވުރެވެސް ގިނައެވެ. މިއީ ދުނިޔޭގެ ރެކޯޑެކެވެ. އެންމެ 1.3 މިލިއަން މީހުން ދިރިއުޅޭ މި ޤައުމުގައި މިހާ ގިނަ ސްޓާޓްއަޕް އުފެދިފައިވާކަމީ އެޤަސއުމުގެ އިޤްތިޞާދަށް އެތައް ފައިދާއެއް ކުރާކަމެކެވެ.
އެސްޓޯނިއާގައި ވިޔަފާރިއެއް ފެށުމަށް ހޭދަވަނީ އެންމެ 5 މިނެޓެވެ. އެއްވެސް ތަނަކަށް ދާކަށް ނުޖެހެއެވެ. ހަމައެކަނި އިލެކްޓްރޯނިކް އައިޑީ ކާޑެއް ބޭނުންކޮށްގެން އޮންލައިންކޮށް ވިޔަފާރި ފެށިދާނެއެވެ. މީގެ އިތުރުން، ވިޔަފާރި ފެށުމަށް ބޮޑު އަދަދެއްގެ ފައިސާ ނުވަތަ ލޯނެއް ނަގާކަށްވެސް ނުޖެހެއެވެ. ޓެކްސް ދެއްކުމާއި، ޓްރެއިން ޓިކެޓް ގަތުމާއި، އަދި ވެރިން ހޮވުމުގައިވެސް އައިޑީ ކާޑު ބޭނުންކުރެވެއެވެ.
އެސްޓޯނިއާގެ ބޭންކިންގ ނިޒާމަކީވެސް ޑިޖިޓަލް ވެރިކަމުގެ ކާމިޔާބު މިސާލެކެވެ. ބޭންކުގެ ގޮފިތައް މަދުވަމުން އަންނަނީ އޭގެ ބޭނުން ނެތުމުގެ ސަބަބުންނެވެ. ބޭންކު ޓްރާންސްފަރތަކުގެ 99% ހަދަނީ މޯބައިލް ފޯނު ނުވަތަ ކޮމްޕިއުޓަރު މެދުވެރިކޮށް އިލެކްޓްރޯނިކްކޮށެވެ. މިކަމަށް ބޭނުންވަނީ ހަމައެކަނި އައިޑީ ކާޑު ނުވަތަ މޯބައިލް-އައިޑީ އެކެވެ.
އެސްޓޯނިއާގެ ޑިޖިޓަލް ވެރިކަމުގެ ނިޒާމަކީ ދުނިޔޭގެ އެހެން ޤައުމުތަކަށް ނަމޫނާއެކެވެ. މި ނިޒާމުގެ ސަބަބުން ސަރުކާރުގެ
ޚިދުމަތްތައް ލިބުމުގައި ހޭދަވާ ވަގުތު މަދުވެ، ޚަރަދު ކުޑަވެ، އަދި ޚިދުމަތުގެ ފެންވަރު ރަނގަޅުވެފައިވެއެވެ. އަދި މީގެ އިތުރުން، ވިޔަފާރިތަކަށް ފަސޭހަވެ، އާންމު ރައްޔިތުންނަށް ދިރިއުޅުމުގެ ކަންކަން ފަސޭހަވެފައިވެއެވެ. މި ރައްކާތެރި ނިޒާމުގެ ސަބަބުން އިސްޓޯނިއާއަކީ އޮންލައިންކޮށް އިންތިޚާބު ބޭއްވި ފުރަތަމަ ޤައުމެވެ.
އެސްޓޯނިއާގެ ޑިޖިޓަލް ވެރިކަމުގެ ނިޒާމަކީ ދުނިޔޭގެ އެހެން ޤައުމުތަކަށް، ޚާއްޞަކޮށް ކުދި ޖަޒީރާ ޤައުމުތަކަށް ރަނގަޅު ނަމޫނާއެކެވެ. އެސްޓޯނިއާއަކީ ޑިޖިޓަލް ވެރިކަމުގެ ރޮނގުން ދުނިޔެއަށް ނަމޫނާއެއް ދައްކުވައިދޭ ޤައުމެކެވެ.