ޚަބަރު

ކުސަނޯފް ހޯދުމަށް ސިޓީން 40 މިލިޔަން ޔޫރޯ


ފާއިތުވެދިޔަ ހަތަރު ސީޒަނުގެ އިނގިރޭސި ޕްރިމިއަރ ލީގުގެ ޗެމްޕިއަންކަން ހޯދާފައިވާ މެންޗެސްޓާ ސިޓީން ލެންސްގެ ޑިފެންޑަރު އަބްދުކާދިރު ކުސަނޯފް ހޯދުމަށް 40 މިލިޔަން ޔޫރޯގެ ފީއަކަށް އެއްބަސްވެއްޖެއެވެ.

އުޒްބެކިސްތާނަށް އުފަން އުމުރުން 20 އަހަރުގެ ކުސަނޯފް ވެގެންދާނީ ޕްރިމިއާ ލީގުގައި ކުޅޭ އުޒްބެކިސްތާނުގެ ފުރަތަމަ ކުޅުންތެރިޔާ އަށެވެ. ބެލަރޫސްގެ އެޖަޖެޓިކްއިން މީގެ 18 މަސް ދުވަސް ކުރިން ލެންސްއަށް ކުސަނޯފް ބަދަލުވެފައިވަނީ އެއް ލައްކަ ޔޫރޯގެ ފީ އަކަށެވެ.

އުޒްބެކިސްތާނުގެ ގައުމީ ޓީމަށްވެސް ކުޅެމުންދާ ޑިފެންޑަރ ވަނީ ފްރާންސްގެ ލީގުގައި މި ސީޒަނުގައި 13 މެޗު ކުޅެފައެވެ.

މި ސީޒަނުގައި ސިޓީއަށް އެދެވޭ ނަތީޖާތަކެއް ހޯދިފައިނުވާއިރު އެ ޓީމުގެ ކޯޗު ޕެޕް ގާޑިއޯލާ ވަނީ ގާތް ގާތުގައި ގިނަ މެޗުތަކެއް ކުޅެން ޖެހުމުގެ ސަބަބުން ކުޅުންތެރިންނަށް އަނިޔާގެ މައްސަލަ ކުރިމަތިވެފައިވާ ކަމަށް ތަކުރާރުކޮށް ބުނެފައެވެ.

ނިމިދިޔަ ޑިސެމްބަރ 14 ގައި މެންޗެސްޓާ ޔުނައިޓެޑް އަތުން ބަލިވި މެޗަށްފަހު ރުބެން ޑިއާސްއަށް ލިބުނު އަނިޔާގެ ސަބަބުން އޭނާ ހުރި ކުޅުމާ ދުރުގައެވެ. އަދި ކުރިއަށް އޮތް އިނގިރޭސި އެފްއޭ ކަޕްގެ ތިންވަނަ ބުރުގައި ކުޅޭ މެޗަށް ނަތަން އަކޭ އާއި ޖޯން ސްޓޯންސްއަށް ނުކުޅެވޭނެ ކަމަށް ގާޑިއޯލާ ވަނީ ބުނެފައެވެ.

މިހާރު ކުރިއަށްދާ ޖެނުއަރީ ޓްރާންސްފާ މުއްދަތުގައި ސިޓީން އިތުރު ކުޅުންތެރިން ހޯދުމުގެ މަސައްކަތް ކުރަމުންދާއިރު, ބްރެޒިލްގެ ޕަލްމޭރާސްގެ ޒުވާން ޑިފެންޑަރު ވިޓާ ރެއިޒް ހޯދުމަށްވެސް އެ ކްލަބުން މަސައްކަތް ކުރަމުންދާ ކަމަށް މީޑިއާ ރިޕޯޓުތައް ވަނީ ބުނެފައެވެ.

މީގެ އިތުރުން ޖަރުމަނުގެ އެއިންޓްރެކް ފްރެންކްފަޓަށް ކުޅެމުން އަންނަ މިސްރުގެ ފޯވާޑް އޮމަރު މާމޫޝްއަށް ޝައުގުވެރިވެ، އޭނާ ހޯދުމުގެ މަސައްކަތްވެސް ސިޓީން ދަނީ ކުރަމުންނެވެ.

ލެންސް އާއި ސިޓީން ކުސަނޯފް ވިއްކާލުމާ ގުޅޭ ގޮތުން އެއްބަސްވުމަކަށް އާދެވިފައިވާއިރު، މިހާރު ސިޓީން ގެންދަނީ ކުސަނޯފް އާއެކު ސޮއިކުރުމުގެ މަސައްކަތް ކުރަމުންނެވެ. އަދި ސިޓީން އޭނާގެ މެޑިކަލް ހެދުމަށްފަހު ވަރަށް އަވަހަށް އެ ކުލަބަށް ސޮއި ކުރާނެކަމަށް ރިޕޯޓުތައް ވަނީ ބުނެފައެވެ.