އެސްޓޯނިއާގެ ރައީސް ޑރ. އަލާރ ކާރިސްގެ ދައުވަތަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެ ޤައުމަށް ވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެއެވެ.
ރައީސް އޮފީހުން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އެސްޓޯނިއާ ކުރައްވާ ރަސްމީ ދަތުރުފުޅަކީ މި މަހުގެ 13 އިން 16އަށް ކުރައްވާ ދަތުރުފުޅެއް ކަމަށެވެ. މިއީ ދިވެހިރާއްޖޭގެ ރައީސަކު އެސްޓޯނިއާއަށް ރަސްމީ ދަތުރުފުޅެއް ކުރައްވާ ފުރަތަމަ ފަހަރެވެ.
ރައީސް އޮފީހުން ވިދާޅުވީ މި ދަތުރުފުޅުގައި ދެ ޤައުމުގެ ދޭދޭ ގުޅުން އިތުރަށް ހަރުދަނާ ކުރެއްވުމާއި ދެ ޤައުމު ގުޅިގެން މަސައްކަތް ކުރެވޭނެ ދާއިރާތަކާ ގުޅޭގޮތުން ދެ ރައީސުން މަޝްވަރާ ކުރައްވާނެ ކަމަށެވެ. އަދި މީގެ ތެރޭގައި ޑިޖިޓަލް ދާއިރާ އާއި ސައިބަރ އަދި އީ-ގަވަނެންސް ދާއިރާ އާއި މޫސުމީ ބަދަލުތަކާއި ތިމާވެއްޓާ ގުޅުންހުރި ދާއިރާތަކުން ގުޅުން ބަދަހިކުރުމަށް މަޝްވަރާ ކުރައްވާނެއެވެ.
މީގެއިތުރުން ސައިންސާއި ތައުލީމީ ދާއިރާއިންވެސް ރާއްޖެއާއި އެސްޓޯނިއާއާ ދެމެދު ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން ދެ ރައީސުން މަޝްވަރާ ކުރައްވާނެ ކަމަށްވެސް ރައީސް އޮފީހުން ވިދާޅުވެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި އެސްޓޯނިއާގެ ރައީސްގެ އިތުރުން އެ ޤައުމުގެ ޤާނޫނުހަދާ މަޖިލީހުގެ ރައީސް ލައުރީ ހުޒަރ އާއި ދައުލަތުގެ ވަޒީރުންނާވެސް ބައްދަލުކުރައްވާނެއެވެ. އެގޮތުން، އެސްޓޯނިއާގެ އެޑިއުކޭޝަން އެންޑް ރިސަރޗް މިނިސްޓަރާއި ކްލައިމެޓް މިނިސްޓަރާއި ހެލްތު މިނިސްޓަރާއި ޖަސްޓިސް އެންޑް ޑިޖިޓަލް އެފެއަރޒް މިނިސްޓަރު އަދި ފޮރިން މިނިސްޓްރީގެ ސެކްރެޓަރީ ޖެނެރަލްއާ ރައީސް ބައްދަލުކުރައްވާނެެވެ.
ރައީސްގެ މި ދަތުރުފުޅުގައި އެސްޓޯނިއާގެ ޓާޓޫއަށް ވަޑައިގެން އެ ސިޓީގެ މޭޔަރާ ބައްދަލުކުރައްވާނެއެވެ. ޓާޓޫއަކީ އެސްޓޯނިއާގެ ދެވަނައަށް އެންމެ ބޮޑު ސިޓީއެވެ. އެ ސިޓީގައި ހުންނަ ކްލިނިކަލް މެޑިސިންގެ ދާއިރާގައި އެންމެ މަގުބޫލު އެއް ޔުނިވަރސިޓީކަމަށްވާ ޔުނިވަރސިޓީ އޮފް ޓާޓޫއަށް ރައީސް ޒިޔާރަތް ކުރެއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ. އަދި އެ ޔުނިވަރސިޓީގެ ޖީނޯމް ޑާޓާ ބޭސް ސެންޓަރާއި ގްރީނަރޖީ ޑާޓާ ސެންޓަރު ރައީސް ބައްލަައިލައްވާނެއެވެ. .
ރައީސްގެ މި ޒިޔާރަތްޕުޅުގައި އީޖާދީ އަދި ޓެކްނޮލޮޖީ ދާއިރާއިން އެސްޓޯނިއާ ހޯދާފައިވާ ކާމިޔާބީއާ ގުޅޭގޮތުން މަޝްވަރާ ކުރެއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ. އަދި އެސްޓޯނިއާގެ ރައީސްއަށް ކަނޑައަޅުއްވާފައިވާ ޑިޖިޓަލް އެޑްވައިޒަރީ ކައުންސިލުން އިންތިޒާމުކުރައްވާ ވަށްމޭޒު ބައްދަލުވުމުގައިވެސް އެމަނިކުފާނު ބައިވެރިވެވަޑައިގެން ދެ ޤައުމުން ގުޅިގެން ކުރިއަށްދެވޭނެ ދާއިރާތަކާ ގުޅޭގޮތުން މަޝްވަރާ ކުރައްވާނެއެވެ.
އެސްޓޯނިއާއިން ޑިޖިޓަލް ދުނިޔެއަށް ކުރި ދަތުރަކީ ދުނިޔޭގައިވެސް ފާހަގަކުރެވޭ މަސައްކަތެކެވެ. އެ ޤައުމަކީ ޑިޖިޓަލް ގަވަރނެންސް އާއި އީ-ސަރވިސްގައި ދުނިޔޭގެ ލީޑަރުގެ ގޮތުގައި ފާހަގަކުރެވޭ ޤައުމުގެކެވެ.
ރާއްޖެއަށް ޑިޖިޓަލް ދާއިރާއިން އިންގިލާބީ ބަދަލުތަކެއް ގެންނެވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެންމެ ބޮޑު އިސްކަމެއް ދެއްވާ އެއް ކަމެކެވެ. އެގޮތުން، 2030ވަނަ އަހަރާ ހަމައަށް އެ ދާއިރާއިން ރާއްޖޭގެ އުފެއްދުންތެރިކަމުގެ %15 ހިއްސާކުރާގޮތް ހެދުމަކީ އެމަނިކުފާނުގެ އަމާޒުފުޅެކެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެސްޓޯނިއާއަށް ކުރައްވާ މި ރަސްމީ ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި ޚާރިޖީ ވަޒީރު ޑރ. އަބްދުﷲ ޚަލީލުއާއި ދާޚިލީ ސަލާމަތާއި ފަންނިއްޔާތާބެހޭ ވަޒީރު ޢަލީ އިޙްސާންވެސް ބައިވެރިވެވަޑައިގަންނަވާނެއެވެ. އަދި ރާއްޖޭގެ ޓެކްނޮލޮޖީ ދާއިރާގައި ފާހަގަކުރެވޭ ބޭފުޅުން ހިމެނިވަޑައިގަންނަވާ ވަފުދެއްވެސް ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި ބައިވެެރިވެވަޑައިގަންނަވާނެއެވެ