ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އެމެރިކާގެ ކެލިފޯނިޔާ ސްޓޭޓްގެ ލޮސް އެންޖެލީސްގެ ޖަންގަލިތަކުގައި ރޯވެފައިވާ އަލިފާންގަނޑު، ޕެސިފިކް ޕެލިސޭޑްސް އަވަށުގެ އިތުރު 400 ހެކްޓަރަށް ފެތުރިއްޖެއެވެ.
ޖަނަވަރީ މަހުގެ 7ވަނަ ދުވަހު ފެތުރެން ފެށި އަލިފާންގަނޑުގައި މިހާތަނަށް 13 މީހުން ވަނީ މަރުވެފައެވެ. މީހުން ދިރިއުޅޭ އެކި ސަރަޙައްދުތަކަށް އަލިފާންގަނޑު ފެތުރުނު ނަމަވެސް އެންމެ ބޮޑުވަރުވަމުން ދަނީ މަޝްހޫރު ގިނަ ފަންނާނުން ދިރިއުޅޭ އަގުބޮޑު އަވަށެއް ކަމަށްވާ ޕެސިފިކް ޕެލިސޭޑްސަށެވެ. ޕެލިސޭޑުގައި ފެތުރިފައިވާ ހުޅުގަނޑު މިހާތަނަށް 8,900 ހެކްޓަރަށް ފެތުރި އެތައް ހާސް އިމާރާތެއް ވަނީ އަނދާ އަޅިއަށް ވެފައެވެ.
ކެލިފޯނިއާގެ އަލިފާން ނިއްވުމާ ބެހޭ ޚިދުމަތުގެ އިސްވެރިއެއް ކަމަށްވާ ޓޮޑް ހޮޕްކިންސް ވިދާޅުވީ ޕެލިސޭޑުގެ އަލިފާންގަނޑުގެ 11 އިންސައްތަ މިހާރު ކޮންޓްރޯލު ކުރެވިފައިވާ ކަމަށެވެ. އެ ހުޅުގަނޑު މިހާރު މެންޑެވިލް ކެންޔަން އަވަށަށް ފެތުރިފައިވާ ކަމަށާއި އަގުބޮޑު އެހެން އަވަށެއް ކަމަށްވާ ބްރެންޓުވުޑަށާއި ސެން ފާނިންޑޯ ވެލީއަށް ފެތުރިދާނެ ކަމުގެ ފުރުޞަތު ވެސް އޮތް ކަމަށެވެ. އަލިފާނުގެ ހުޅުގަނޑު 405 ފްރީވޭއާ ވެސް ގާތް ވަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.
އަލިފާންގަނޑު ރޯވެފައިވާ ސަރަޙައްދުތަކުގައި ޖެހެމުންދާ ގަދަ ވައިގެ ސަބަބުން ހުޅުގަނޑު ކޮންޓްރޯލު ކުރުމަށް ވަނީ ގިނަ ދަތިތަކެއް ދިމާވެފައެވެ. ގަޑިއަކު 70 މޭލު ބާރުމިނުގައި ވައި ޖެހޭނެ ކަމަށް ބެލެވޭތީ އަލިފާނުގެ ޙާލަތު އިތުރަށް ގޯސްވުމަކީ ވަރަށް އެކަށީގެންވާ ކަމެކެވެ. އެމެރިކާގެ ޤައުމީ މޫސުމާ ބެހޭ ޚިދުމަތުން ވަނީ ބުދަ ދުވަހާ ހަމައަށް ގަދަ ވައި ޖެހޭނެކަމަށް ލަފާ ކޮށްފައެވެ. ބުރާސްފަތި ދުވަހުން ފެށިގެން ކޮންމެވެސް ވަރަކަށް ވައި މަޑުވާނެ ކަމަށް ބެލެވޭ ކަމަށް އެ އިދާރާއިން ބުނެއެވެ.
އަލިފާނުގެ ސަބަބުން ލޮސް އެންޖެލީސްގެ 57,000 އިމާރާތެއްގައި ދިރިއުޅޭ 153,000އަށްވުރެ ގިނަ މީހުންނަށް ވަނީ ގެދޮރު ދޫކޮށް ރައްކާތެރި ސަރަޙައްދުތަކަށް ދިއުމަށް އަންގާފައެވެ. އިތުރު 166,000 މީހުންނަށް ވަނީ ގެދޮރު ހުސްކޮށް އެހެން ސަރަޙައްދުތަކަށް ދާން ޖެހިދާނެ ކަމުގެ އިންޒާރު ދީފައެވެ. މީގެ ކުރިން އަލިފާނުގެ ސަބަބުން ބައި މިލިޔަނެއްހާ މީހުންނަށް ކަރަންޓު ކެނޑިފައި އޮތުމަށް ފަހު މިހާރު ކަރަންޓުގެ ޚިދުމަތް ނުލިބި ތިބީ 50,000އެއްހާ މީހުން ކަމަށް ރަސްމީ އިދާރާތަކުން ބުނެއެވެ. އެތައް މިލިޔަން މީހުން ވަނީ އަލިފާނުގެ ސަބަބުން ތަޣައްޔަރު ވެފައިވާ ވަޔަށް ހުށަހެޅިފައެވެ.
އަލިފާނުގެ ގެއްލުން 135 ބިލިއަނާއި 150 ބިލިއަނާ ދެމެދުގެ ޢަދަދަކަށް މިހާރު އަރާފައި ވާނެ ކަމަށް ގެއްލުން ހިސާބުކުރާ ބައެެއް އަމިއްލަ އިދާރާތަކުން ބުނެއެވެ. އެމެރިކާގެ ރައީސް ޖޯ ބައިޑަން ވަނީ އަލިފާނުގެ ހާދިޘާއަކީ ކާރިޘާއެއްގެ ގޮތުގައި ކަނޑައަޅުއްވައިފައެވެ. ގެއްލުމުން އަރައިގަތުމަށް ކުރާ މަސައްކަތަށް ކުރިއަށް އޮތް ހަ މަސް ދުވަހު އެމެރިކާގެ މައި ސަރުކާރުން ޚަރަދު ކުރާނެ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.