ޚަބަރު

ފެންވަރު ރަނގަޅު ކޯޓަކާއެކު ރާއްޖޭގައި ޓެނިސް ތައާރަފުކުރި ދެވަނަ ރަށަކަށް ފަރެސްމާތޮޑާ


މުޅި ރާއްޖެއަށް ޓެނިސް ފުޅާކުރުމުގެ ގޮތުން ކުރަމުންދާ މަސައްކަތްތަކުގެ ދަށުން ފެންވަރު ރަނގަޅު ކޯޓަކާއެކު ގދ. ފަރެސްމާތޮޑާއަށް ޓެނިސް ތައާރަފްކޮށް ދިގު މުއްދަތުގެ ޓްރެއިނިން ޕްރޮގްރާމެއް ފަށައިފިއެވެ.

މި މަސައްކަތުގެ ދަށުން ޓެނިސް އެސޯސިއޭޝަނުގެ އެހީތެރިކަމާއެކު ފަރެސްމާތޮޑާގައި ވަނީ ޓެނިސް ކޯޓެއް ވަނީ އަޅާފައެވެ. މި ކޯޓަކީ ޒަމާނީ ފެންވަރަށް ތައްޔާރުކޮށްފައިވާ ކޯޓެކެވެ. މި ކޯޓުގައި މިހާރު ކުރަމުންދަނީ ރޭގަނޑު މެޗުތައް ކުޅެވޭގޮތަށް ލައިޓު ހަރުކުރުމުގެ މަސައްކަތެވެ.

ފަރެސްމާތޮޑާއަށް ޓެނިސް ތައާރަފްކުރުމުގެ ގޮތުން ހާއްސަ ވަފުދެއް ދަނީ ފަރެސްމާތޮޑާގައި ހަރަކާތްތެރިވަމުންނެވެ. މީގެތެރޭގައި ރާއްޖޭގެ އެއްވަނަ ޓެނިސް ކުޅުންތެރިޔާ ފާއިހު ފަޒީލް އާއި އެސޯސިއޭޝަނުގެ އެކްސްކޯ މެމްބަރެއްގެ އިތުރުން ބޭރުގެ ކޯޗެެއް ދަނީ އެ ރަށުގައި ހަރަކާތްތެރިވަމުންނެވެ.

ފަރެސްމާތޮޑާގައި ޓެނިސް ތައާރަފުކޮށް ހުނަރުވެރި ޖީލެއް ބިނާކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން ދިގު މުއްދަތަކަށް ކޯޗެއް ބެހެއްޓުމަށް ޓެނިސް އެސޯސިއޭޝަނުން ވަނީ ނިންމާފައެވެ. އަދި އެ މަސައްކަތުގެ ދަށުން ހާއްސަ ޓްރެއިނިން ކޭމްޕެއްވެސް ވަނީ ފަށާފައެވެ.

މިއީ ހުވަދޫ ސްކޫލުގެ އެހީތެރިކަމާއެކު ފެށި ދިގު މުއްދަތުގެ ޓްރެއިނިން ކޭމްޕެކެވެ. މި ކޭމްޕު ފަށާފައިވަނީ 7 އަހާރާއި 8 އަހާރާއި ދެމެދުގެ ކުދިންނަށް ޙާއްސަކޮށްގެންނެވެ. އަދި މުސްތަގްބަލުގައި ބޮޑެތި މީހުންނަށް އަމާޒުކޮށްގެންވެސް ޓްރެއިނިން ޕްރޮގްރާމުތައް ކުރިއަށްގެންދަން ވަނީ ނިންމާފައެވެ.

މިއީ ފަހުގެ ތާރީޚުގައި މާލެ ސަރަޙައްދުން ބޭރުގައި ޓެނިސް ކުޅެން ދަސްކޮށްދިނުމުގެ ޙަރަކާތް ހިންގާ ދެވަނަ ރަށެވެ. މިކަމުގެ މަޤްޞަދަކީ މާލެ ސަރަޙައްދުން ބޭރުން އަތޮޅުތަކަށް ޓެނިސް ތަޢާރަފުކޮށް މިކުޅިވަރު ކުޅޭ ކުޑަކުދިންނާއި ޒުވާނުން އިތުރުކުރުން ކަމަށް ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން މައުލޫމާތުދެއެވެ.