ޚަބަރު

ފްލެޓު އެޅުމަށް ބިން މަދުވާތީ އިތުރަށް ބިން ހޯދަނީ


  • މިހާތަނަށް ލިބިފައިވަނީ 10،700 ފްލެޓު އެޅޭ ވަރުގެ ބިން

  • މިހާރު ކުރިއަށްގެންދަން ހަމަޖެހިފައިވާ ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކަށް ފައިސާވަނީ ހަމަޖެހިފައި

މާލޭ ސަރަހައްދުގައި ހައުސިން މަޝްރޫއު ހިންގަން މިވަގުތަށް ލިބިފައިވަނީ 10،700 ފްލެޓު އެޅޭ ވަރުގެ ބިން ކަމަށް ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ.ޢަބްދުﷲ މުއްޠަލިބް ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ.ޢަބްދުﷲ މުއްޠަލިބް ވިދާޅުވީ މިހާރު ކުރިއަށްގެންދިޔުމަށް ހަމަޖައްސާފައިވާ ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކަށް ފައިސާ ހަމަޖެހިފައިވާކަމަށެވެ.

ވަޒީރު ވިދާޅުވީ މާލޭ ސަރަހައްދުގައި 10،700 ހައުސިން ޔުނިޓު އެޅުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި އޭގެ ތެރެއިން 3،260 ޔުނިޓުގެ އަމަލީ މަސައްކަތް ފަށާފައިވާކަމަށެވެ. މާލޭ ސަރަހައްދުގައި 12،000 ހައުސިން ޔުނިޓު އެޅޭނެ ކަމަށް މިސަރުކާރުން ކުރިން ލަފާކުރިނަމަވެސް 10،700 ހައުސިން ޔުނިޓުގެ އިތުރަށް ހައުސިން ޔުނިޓް އިމާރާތްކުރަން ބޭނުންވާ ބިން މިވަގުތު ނެތްކަމަށް ވަޒީރު ވިދާޅުވިއެވެ.

"ހަގީގަތުގައި އިތުރަށް އިމާރާތްކުރުމަށް ބިންތަކެއް މިވަގުތު ލިބިފައެއް ނެތް. އެހެންނަމަވެސް މިނިސްޓްރީން އެބަ މަސައްކަތްކުރަން އެޗްޑީސީއާ ވާހަކަދައްކައިގެން އެހެން ކަންކަމަށް ކަނޑައަޅާފައި ހުރި ބިންތަކުން ވެސް ހައުސިންއަށް އިތުރު ބިންތަކެއް ލިބޭތޯ. އެއާއެކު މާލޭގައި ވެސް ހުރި ބިންތަކުގެ ތެރެއިން ހައުސިން އެޅުމަށް ނެގޭނީ ކޮން ބިންތަކެއްތޯ ބަލައި އިތުރުކުރުމުގެ މަސައްކަތް ކުރަމުން މިދަނީ،" ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ.ޢަބްދުﷲ މުއްޠަލިބް ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ މީގެ ކުރިން ހުޅުމާލެ 3 ވަނަ ފިޔަވަހީގައި 17 ފަންގިފިލާއަށް ހައުސިން ޔުނިޓްތައް ތަރައްޤީކުރަން އޮތްނަމަވެސް އެއަރޕޯޓަށް ފްލައިޓު ޖައްސަން އަންނަނީ އެދިމާލުން ކަމަށްވާތީ 3ވަނަ ފިޔަވަހިން އިމާރާތްކުރެވޭ އުސްމިން ތަފާތުކަމަށެވެ. އެތަންތަނުން 14 ފަންގިފިލާއަށް އިމާރާތް ކުރެވޭނެކަމަށް ސިވިލް އޭވިއޭޝަނުން އަންގާފައިވާ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

ވަޒީރުގެ ވާހަކަފުޅުގައި ވަނީ ދައުލަތުން ހިލޭ ބިމާއި ލުއިތައް ދީގެން ކުރިއަށް ގެންދާ ނަމަ، ކޮންޓްރޯލު އަގުތަކެއްގައި މީހުންނަށް އެ ތަންތަން ވިއްކަން އިމާރާތްކުރުމުގެ ބޮޑު ޝައުގުވެރިކަމެއް އަމިއްލަ ކުންފުނިތަކުގައި ހުރިކަމަށެވެ. އަދި އެކަމަށް މަގުފަހިކުރުމަށް މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

ގުޅީފަޅާއި ހުޅުމާލޭގެ ތިންވަނަ ފިޔަވަހިން އާންމުންނަށް ގޯތި ދީފައިވާކަން ފާހަގަކުރައްވައި ވަޒީރު ވަނީ އެ ފަރާތްތަކަށް އެ ތަންތަން ތަރައްގީކޮށް، އެ ތަންތަނުގައި އުޅެވޭނެ މަގެއް ހޯދައިދިނުމަށް ސަރުކާރުން މަސައްކަތްކުރާނެ ކަމަށެވެ.