ޚަބަރު

ޓެކްނޮލޮޖީގެ ދާއިރާއިން އެއްބާރުލުންދިނުމަށް ރާއްޖެއާއި އެސްޓޯނިއާއާ ދެމެދު ސޮއިކޮށްފި


  • މިއެއްބަސްވުމުގެ ދަށުން އައި-ޓީ، އާޓިފިޝަލް އިންޓެލިޖެންސް ދާއިރާ ކުރިއެރުވުން ހިމެނޭ

  • އެސްޓޯނިއާއަކީ ޑިޖިޓަލް ދުނިޔޭގައި ކުރިއަރާފައިވާ ޤައުމެއް

ޓެކްނޮލޮޖީގެ ދާއިރާގެ މަސައްކަތްތަކުގައި އެއްބާރުލުން ދިނުމަށް ދިވެހިރާއްޖެއާ އެސްޓޯނިއާ ދެމެދު ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު މިހާރު އެސްޓޯނިއާއަށް ކުރައްވަމުންދާ ދަތުރުފުޅުގެތެރެއިން މި އެއްބަސްވުމުގައި ދިވެހިރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިޙުސާންއެވެ. އެސްޓޯނިޔާގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓްރ އޮފް ޖަސްޓިސް އެންޑް ޑިޖިޓަލް އެފެއާޒް ލީސާ-ލީ ޕަކޯސްޓާއެވެ.

މި އެއްބަސްވުމަކީ އިންފޮމޭޝަން ޓެކްނޮލޮޖީ، އާޓިފިޝަލް އިންޓެލިޖެންސް ސްމާޓް ޓެކްނޮލޮޖީސް އަދި ސައިބަރ ސެކިއުރިޓީގެ ދާއިރާއިން އެއްބާރުލުން ދިނުމާ ބެހޭ އެއްބަސްވުމެކެވެ.

އެސްޓޯނިއާއަކީ ދުނިޔޭގައި، ޑިޖިޓަލް ޓެކްނޮލޮޖީގެ ދާއިރާގައި އެންމެ ކުރިއަރާފައިވާ އެއް ޤައުމެވެ. އެގޮތުން އެސްޓޯނިއާއިން ޑިޖިޓަލް ދުނިޔެއަށް ކުރި ދަތުރަކީ ދުނިޔޭގައިވެސް ފާހަގަކުރެވޭ މަސައްކަތެކެވެ. އެޤައުމަކީ ޑިޖިޓަލް ގަވަރނަންސާއި އީ-ސަރވިސްގައި ދުނިޔޭގެ ލީޑަރުގެ ގޮތުގައި ފާހަގަކުރެވޭ ޤައުމެކެވެ.

ރައީސްގެ މި ދަތުރުފުޅުގެ އެންމެ ބޮޑު ބޭނުމަކީވެސް ދިވެހިރާއްޖޭގެ ހިންގުމުގައި ޒަމާނީ ޓެކްނޮލޮޖީއާއި ޒަމާނީ ގޮތްތަކާއި އީޖާދީ ވިސްނުންތައް ކުރިއެރުވުމަށް، އެކަމަށް މަޝްވަރާކުރައްވާ އެހީތެރިކަމާއި އެއްބާރުލުން ހޯއްދެއްވުމަށެވެ.

ރާއްޖެއަށް ޑިޖިޓަލް ދާއިރާއިން އިންގިލާބީ ބަދަލުތަކެއް ގެންނެވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެންމެ ބޮޑު އިސްކަމެއް ދެއްވާ އެއް ކަމެވެ. އެގޮތުން، 2030ވަނަ އަހަރާ ހަމައަށް އެ ދާއިރާއިން ރާއްޖޭގެ އުފެއްދުންތެރިކަމުގެ %15 ހިއްސާކުރާގޮތް ހެދުމަކީ އެމަނިކުފާނުގެ އަމާޒެކެވެ.