ޚަބަރު

މިދައުރު ތެރޭގައި ތަޢުލީމީ ދާއިރާއާއި ޞިއްހީ ދާއިރާ ޑިޖިޓަލްކުރާނަން: ރައީސް


  • މިދައުރުގެތެރޭގައި ޕަބްލިކް ސަރވިސްގެ ހުރިހާ ޚިދުމަތެއް ޑިޖިޓަލް ކުރުމަކީ އަމާޒެއްކަމަށް ވިދާޅުވި

  • ތަރައްޤީވެފައިވާ ޤައުމަކަށް ރާއްޖެވުމަށް ޑިޖިޓަލައިޒޭޝަން މުހިންމު ދައުރެ އަދާކުރާނެކަމަށް ވިދާޅުވި

މިދައުރުގެ ތެރޭގައި ތަޢުލީމީ ދާއިރާއާއި ޞިއްހީ ދާއިރާ އެއްކޮށް ޑިޖިޓަލްކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ އެމަނިކުފާނު އެސްޓޯނިއާއަށް ކުރެއްވި ދަތުރުފުޅު ނިންމަވާ ފުރާވަޑައިގަތުމުގެ ކުރިން ޕީއެސްއެމް ނިއުސްއަށް ދެއްވީ ބަސްދީގަތުމެއްގައެވެ.

އެސްޓޯނިއާއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަސްފަހު ޕީއެސްއެމް ނިއުސްއަށް ދެއްވި ބަސްދީގތުމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އެމަނިކުފާނު ބޭނުންފުޅުވަނީ ރާއްޖޭގެ ޕަބްލިކް ސަރވިސް އެއްކޮށް ޑިޖިޓަލައިޒްކުރައްވަންކަމަށެވެ. އަދި ރާއްޖޭގައި އެތައް އަހަރެއްގައި ކަރުދާހުން ހުރި އާކައިވް ޑިޖިޓަލައިޒް ކުރެވި ޑިޖިޓަލް އަރކައިވްއަކަން ހަދަން ބޭނުންފުޅުވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ 2040އާ ހަމައަށް ދާއިރުގައި ދިވެހިރާއްޖެއަކީ ތަރައްޤީވެފައިވާ ޤައުމަކަށް ހެދުމަށްޓަކައި ކުރިއަށް ގެންދިއުމަށް ބޭނުންވާ ކަންކަމުގެ ތެރޭގައި ޑިޖިޓަަލައިޒޭޝަން ވަރަށް މުހިންމު ދައުރެއް އަދާކުރާނެ ކަމަށެވެ.

" ޑިޖިޓަލް ދާއިރާއިން އަޅުގނޑުމެންގެ އިޤްތިސާދު ފުޅާކުރަން ބޭނުން. އަޅުގަނޑު ކަނޑައަޅާފައި އޮންނާނެ ކުރިއަށް އޮތް ފަސް އަހަރުތެރޭގައި ތަރައްޤީކުރަމުން ގޮސް އެންމެ މަދުވެގެން %15 އަޅުގަނޑުމެންގެ ޖީޑީޕީއަށް ހިއްސާކުރާނީ ޑިޖިޓަލް އިކޮނޮމީންކަމަށް. އެއީ ބްރޯޑަރ ޕޮލިސީ. ބްރޯޑަރ ވިޝަން. 2040އާ ހަމައަށް ދާއިރުގައި ދިވެހިރާއްޖެއަކީ ޑިވެލޮޕް ކަންޓްރީއަކަށް ހެދުމަށްޓަކައި ކުރިއަށް ގެންދިއުމަށް ބޭނުންވާ ކަންކަމުގެ ތެރޭގައި ވަރަށް މުހިންމު ދައުރެއް އަދާކުރާނެ ކަމެއް" ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އަރޓިފިޝަލް އިންޓެލިޖެންސަކީ ވަރަށް މުހިންމު ދައުރެއް އަދާކުރާ އެއްޗެއްކަމަށެވެ. އެހެންކަމުން ރާއްޖޭގައިވެސް އޭއައި މާސްޓަރ ޕްލޭނެއް ހެދި ޤައުމުތަރައްޤީ ކުރުމުގައި އޭއައި މުހިންމު ދައުރެއް އަދާކުރާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި އެކަމަށްޓަކައި ކުރަންޖެހޭ ހުރިހާ ކަމެއްވެސް ކުރިއަށް ގެންދަވަނެކަމަށްވެސް ވިދާޅުވިއެވެ. އަދި މިދަތުރުުޅުގައިވެސް އެސްޓޯނިއާއިން މިކަންކަން ކުރާގޮތްތަށް އެނގިގެންދިޔަކަށް ވިދާޅުވިއެވެ. އަދި އެސްޓޯނިއާއިން ކުރިއަށް އޮތްތާނގައި ރާއްޖެއަށް އެހީތެރިކަން ލިބޭނެކަމުގެ ޔަޤީންކަން ދީފައިވާ ކަމަށާއި އެއީ ޤައުމު އަޅުގަނޑުމެން މިބޭނުންވާ މިސްރާބުން ގެންގޮސް އެމަޤްސަދު ހާސިލްކުރުމުގަ ލިބޭ ވަރަށް ބޮޑު ކުރިއެރުމެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

"އިރާދަކުރެއްވިއްޔާ ކުރިއަށް އޮތްތާނގައި މިއަހަރުތެރޭގައި ޚާއްސަގޮތެއްގައި ޑިޖިޓަލައިޒް ކުރުމަށްޓަކައި ސަރުކާރުގެ ހުރި ހުރިހާ ޚިދުމަތްތަކެއް، ޕަބްލިކް ސަރވިސްގެ ހުރިހާ ކަމެއް ،ތައުލީމީ ދާއިރާ، ސިއްޙީ ދާއިރާ އެއްކޮށް އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް 3، 4 އަހަރުތެރޭގައި ބޭނުންވާ ގޮތަށް ބަދަލުކުރާނަން އިރާދަކުރެއްވިއްޔާ. އެކަމުގައި އަޅުގަނޑަށް ޔަޤީން ދިވެހި ރައްޔިތުން އެއްބާރުލުން ދެއްވާނެ. އެއީ މިގަ އެންމެ މުހިންމު ތަންކޮޅަކީ. ރައްޔިތުންގެ ފުރިހަމަ އެއްބާރުލުން އަދި މުވައްޒަފުންގެ އެއްބާރުލުން." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ދިވެހިރާއްޖެއަކީ ޖުމްލަކޮށް ހުރިހާ ޕަބްލިކް ސަރވިސް ޚިދުމަތްތަކެއް ޑިޖިޓަލައިޒްވެފައިވާ ޤައުމަކަށް ހެދުމަކީ އަމާޒެއް ކަމަށާއި، ދިވެހި ހުރިހާ ރައްޔިތުންގެ އެއްބާރުލުމާއެކީގައި ކުރިއަށް އޮތް މިދައުރުގެ ބާކީ އޮތް އަހަރުތަކުގައި މިކަން ހާސިްލކުރެވިގެންދާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ޑިޖިޓަލައިޒުކުރާނަމަ އެންމެ މުހިންމު ކަމެއް ދޭންޖެހޭ ޞިއްޙި ދާއިރާއާއި ތަޢުލީމީ ދާއިރާކަމަށެވެ. މިދެދާއިރާއިންވެސް އެސްޓޯނިއާގައި ކަންކަން އޮތީ ވަރަށް ފުރިހަމައަށް ކަމަށް ރައީސް ވިދާޅުވިއެވެ. ޚާއްސަކޮށް އެސްޓޯނިއާއަކީ ބަލިތަކުން ދިފާޢުވުމަށް ޕްރިވެންޓިވް ހެލްތު ކެއަރގެ ދާއިރާއިން ދުނިޔޭގައިވެސް އެންމެ ކުރިއެރުން ހޯދާފައިވާ އެއްޤައުމުކަމަށް ރައީސް ވިދާޅުވިއެވެ.