ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ކަށަވަރުވާނަމަ ދިވެހިންނަށް ކުރިއެރުން ލިބޭ ކޮންމެ މަގަކުން ކުރިއަށް ދާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެސްޓޯނިއާއަށް އެމަނިކުފާނު ކުރެއްވި ދަތުރުފުޅާ ގުޅޭގޮތުން ޕީއެސްއެމް ނިއުސްއަށް ދެއްވި ބަސްދީގަތުމެއްގައި ރައީސުލްޖުމްހޫރިއްޔާވަނީ އަވަށްޓެރި ޤައުމުތަކާއެކުވެސް ރަޙުމަތްތެރިކަމުގެ ގުޅުން ބާއްވާނެކަމަށް ވިދާޅުވާ ވިދާޅުވުން ތަކުރާރުކުރައްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އަވަށްޓެރި ޤައުމުތަކަކީ އަބަދުވެސް ރާއްޖޭގެ އެންމެ ގާތް ރަހުމަތްތެރިންކަމަށެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ދިވެހިންނަށް އިސްކަން ލިބޭ އަދި ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ކަށަވަރުވާނަމަ ޤައުމަށް ފައިދާވާ ހުރިހާ މަގުތަކެއް ބަލަން ބޭނުންފުޅުވާކަމަށެވެ. އަދި ރާއްޖޭގެ ތަރައްޤީއަށާއި ރައްޔިތުންނަށް ކުރިއެރުން ލިބޭ މަގުތައް ފަހިވާގޮތަށް އެހީތެރިކަންދޭ ހުރިހާ ޤައުމަކާއެކުވެސް ގާތްގުޅުން ބާއްވަވާނެކަމަށްވެސް ރައީސް ވިދާޅުވިއެވެ.
"އަވަށްޓެރިން ވަރަށް މުހިންމުވާނެ އަޅުގަނޑުމެންނަށް އިނގޭތޯ. އެހަގީގަތެއް ބަދަލެއް ނުވާނެ. އަވަށްޓެރިންނަކީ އަޅުގަނޑުމެންގެ އެންމެ ގާތް ރަހުމަތްތެރިން. އެކަން އެހެންއޮވެމެ އެބަޖެހޭ އަޅުގަނޑު ޤަބޫލްކުރާގޮތުގައި ދިވެހިންނަށް އެންމެފައިދާވާ ހުރިހާ މަގެއް ފަހިކުރަން." ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އެމަނިކުފާނުގެ ވެރިކަމުގެ މިދައުރުގެ ތެރޭގައި މެނިފެސްޓޯގައި އިޢުލާންކޮށްފައިވާ ވިޝަން ހާސިލްކުރަން ބޭނުންފުޅުވާކަމަށެވެ. އަދި އެސްޓޯނިއާއަށް ކުރެއްވި ދަތުރުފުޅުގައި އެމަގަށް ވާޞިލްވުމަށްޓަކައި އެޤައުމުގެ ރައީސާއި އެކި އިދާރާތަކުން އެއްބާރުލުން ލިބިވަޑައިގެންނެވިކަމަށް ވިދާޅުވިއެވެ.
އަވަށްޓެރި ޤައުމުތަކުގެ އިތުރަށް އެހެން ޤައުމުތަކާއެކު ގުޅުން ބަދަހިކުރައްވަނީ ދިވެހިންނަށް ފައިދާ ހޯދާދިނުމަށް ކަމަށާއި ދިވެހި ރައްޔިތުންނަށް ކުރިއެރުން ލިބޭ ކޮންމެ މަގަކުން ކުރިއަށް ދިޔުމަށް ހުރިހާ ޤައުމުތަކެއްވެސް މުހިންމުކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.