ކުރަންޖެހޭ މަސައްކަތްތައް ރަނގަޅަށް ކުރުމަކީ މީހާގެ އީމާންކަން ފުރިހަމަކަމުގެ ޢަލާމާތެއް ކަމަށް މިއަދުގެ ހުކުރު ޚުޠުބާގައި ވިދާޅުވެއްޖެއެވެ.
މިއަދުގެ ހުކުރު ޚުތުބާގެ މައުޟޫއަކީ "ބާތިލުގޮތުގައި މުދާ ކެއުން" މިއެވެ.
ހުކުރު ޚުޠުބާގައި ވިދާޅުވީ މުދަލަކީ މާތް ﷲ އެކަލާނގެ އަޅުތަކުން އިމްތިހާނުކުރެއްވުމަށްޓަކައި ލައްވާފައިވާ ސަބަބެއް ކަމަށާއި މުދަލަކީ މާތްﷲ އެކަލާނގެ އަޅުތަކުންނަށް ދެއްވާ ބޮޑު ނިޢުމަތަކަށްވާއިރު، އެއީ ބިނާކުރުމަށާއި، ފަނާކުރުމަށް ބޭނުންކުރެވިދާނެ ވަސީލަތެއް ކަމަށެވެ. އެހެންކަމުން މުދަލަށް ރައްކާތެރިވާންޖެހޭނެ ކަމަށެވެ.
އިސްލާމްދީނުގައި މުދާ ހޯދުމަށާއި، މުދާ ހޭދަކުރުމަށް ހަރުދަނާ ނިޒާމެއް ލައްވާފައިވުމާއެކު، އެހެން މީހުންގެ މުދަލަށް އަރައިގަތުން ވަނީ ޙަރާމްކުރައްވާފައެވެ. އެގޮތުން މުދަލަށް ޚިޔާނާތްތެރިވުމާއި، މުދާ ފޭރުމާއި،ވައްކަންކުރުމާއި، ޓެކުމާއި، ރިޝްވަތުނެގުމާއި ރިބާކެއުމާއި ޖުވާކުޅުން ފަދަ ކަންކަމުން މުދާ ހޯދުމަކިީ މި ދީން ހަރާމް ކުރައްވާފައިވާ ކަންތައްތަކެއް ކަމަށް ވަނީ ވިދާޅުވެފައެވެ.
ޚުޠުބާގައި ވިދާޅުވީ ބާތިލުގޮތުގައި މުދާ ކެއުމުގެ ތެރޭގައި ތިމާ ކުރަންޖެހޭ މަސައްކަތް ނުކުރުމާއި މަސައްކަތުގެ ގަޑީގައި ވަގުތު ބޭކާރުކުރުން ހިމެނޭކަމަށެވެ. އަދި ކުރަންޖެހޭ މަސައްކަތްތައް ރަނގަޅަށް ކުރުމަކީ ތިމާގެ އީމާންކަން ފުރިހަމަކަމުގެ ޢަލާމާތެއް ކަމަށާއި، މިފަދަ މީހަކު ނަމަ އޮފީހަށް ގޮސް އެތާނގެ މަސައްކަތާ ނުގުޅޭ ކަންކަމުގައި މަޝްޢުލުވެއެއްނޫޅެނެ ކަމަށްވެސް ވަނީ ވިދާޅުވެފައެވެ.
މީގެއިތުރުން ޚުތުބާގައި ވަނީ، ރިޝްވަތުގެ ނުބައިކަމަުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން، ދައުލަތުގެ މުދަލަށް ޚިޔާނާތްތެރިވުމުގެ ތެރޭގައި ރިޝްވަތު ނެގުން ވާކަމަށާއި، އެއީ ހައްޤު ބާތިލަށް ހަދައި، އަދި ބާތިލު ހައްޤުކަމަށް ފުރޮޅައިލާ އާލާތެއްކަން ވަނީ ފާހަގަކުރައްވާފައެވެ.
އަދި އެއީ ތަފާތު ނަންނަމުގައި ވަރަށް ގިނަ ސިފަސިފައިގައި، މީހުން މަޅީގައި ޖެއްސުމަށާއި، ބޭއިންސާފުން ކަންތައްތައް ކުރުވުމަށް ބޭނުންކުރާ ތޫނު ހަތިޔާރެއްކަމަށެވެ. ހަދިޔާއެއް ނުވަތަ ސައެއް ނުވަތަ އެހެން ނަމެއްގައި ދިން ނަމަވެސް އެ ވާނީ ރިޝްވަތަށް ކަމަށް ޚުޠުބާގައި ވިދާޅުވިއެވެ. އަދި ދުނިޔެމަތީގައި އެކަމުގެ އުޤޫބާތުން ސަލާމަތްވި ނަމަވެސް އާޚިރަތުގެ އުޤޫބާތުން އެމީހާ ސަލާމަތް ނުވާނެކަން ކަށަވަރުވާކަމަށް ވެސް މިއަދުގެ ހުކުރު ޚުޠުބާގައި ވިދާޅުވިއެވެ.