ޚަބަރު

ހިމާޔަތް ކޮށްފައިވާ މަޑީގެ ބާވަތްތަކަށް ކާން ނުދިނުމަށް އީޕީއޭއިން އިލްތިމާސްކޮށްފި


  • މަޑިއަށް ކާން އެޅުމަކީ އެތަކެތީގެ ގުތުރަތީ އާދަތަކަށް ނޭދެވޭ އަސަރުކުރާނެ ކަމެއް

  • މިފަދަ ހާދިސާތައް އިތުރުވުމަކީ ފަތުރުވެރިކަމަށްވެސް އަސަރުކުރާނެ ކަމެއް

ރާއްޖޭގެ އެކި އަތޮޅުތަކުގައި ހިމާޔަތްކޮށްފައިވާ މަޑީގެ ބާވަތްތަކަށް ޤަވާއިދާ ޚިލާފަށް ކާންދިނުން އިތުރުވެފައިވާތީ އެކަން އެގޮތަށް ނުކުރުމަށް އެންވަޔަރަމެންޓަލް ޕްރޮޓެކްޝަން އެޖެންސީ، އީޕީއޭއިން އިލްތިމާސްކުރައްވައިފިއެވެ.

އީޕީއޭއިން ވިދާޅުވީ، ރާއްޖޭގައި އުޅޭ އެންމެހައި މަޑީގެ ބާވަތްތަކަކީ "ގުދުރަތީ ގޮތުގައި ނުވަތަ ތަބީއީ ގޮތުގައި ހިމާޔަތްކޮށް ރައްކާތެރިކުރާ ދިރޭތަކެއްޗާއި ބެހޭ ގަވާއިދު"ގެ ދަށުން ހިމާޔަތްކޮށްފައިވާ ދިރުންތަކެއް ކަމަށެވެ. އަދި މިގަވާއިދުގައި ރައްކާތެރި ކުރެވިފައިވާ ދިރުންތަކަށް ގެއްލުންލިބިދޭ އެންމެހައި ކަންކަން މަނާކުރެވިފައިވާކަމަށެވެ.

މަޑީގެ ބާވަތްތަކަށް ކާންދިނުމާއި، ކާން އެޅުމަކީ އެތަކެތީގެ ގުތުރަތީ އާދަތަކަށް ނޭދެވޭ އަސަރުކުރާނެ ކަމެއްކަން ދިރާސާތަކުން ދައްކާކަމަށާއިި، މިތަކެތި ބަލާލުމަށާއި މިތަކެއްޗާއެކީ މޫދުގައި ފީނުމަކީ ދިވެހިންނާއި ފަތުރުވެރިންގެ މެދުގައި މަގުބޫލު ތަޖުރިބާއެއް ކަމުގައި ވީނަމަވެސް މި ހަރަކާތްތަކުގެ ސަބަބުން އިންސާނުންނަށް އެކި ކަހަލަ އަނިޔާވެ އަދި ބައެއް ފަހަރު ފުރާނައަށް ނުރައްކާތެރިވާފަދަ ހިތާމަވެރި ހާދިސާތައް މެދުވެރިވާކަމަށްވެސް އީޕީއޭއިން ވަނީ ފާހަގަކުރައްވާފައެވެ.

މިފަދަ ހާދިސާތައް ހިނގަން މެދުވެރިވާ މައިގަނޑު އެއް ސަބަބަކީ މިފަދަ ސަރަޙައްދުތަކަށް ގިނަ އަދަދެއްގެ މިޔަރު އެއްވުމުން މަޑި ނުވަތަ މިޔަރަށް ކާންދޭން އުޅުމުގެ ތެރޭގައި މިޔަރު ދަތް އެޅުމުންކަން އީޕީއޭއިން ވަނީ ފާހަގަކުރައްވާފައެވެ. އަދި މަޑި ކަށި ހެރިގެން ވެސް ހާދިސާތައް ހިނގުމަށް މަގުފަހިވާކަމަށާއި މިފަދަ ހާދިސާތައް އިތުރުވުމަކީ ފަތުރުވެރިކަމަށްވެސް އަސަރުކުރާނެ ކަމެއްކަމަށްވެސް އެ އެޖެންސީން ވިދާޅުވިއެވެ.

ރާއްޖެއަށް ޒިޔާރަތްކުރާ ގިނަ އަދަދެއްގެ ފަތުރުވެރިން، މަޑިއާއި މިޔަރަށް ކާންދިނުން ހުއްޓުވުމަށާއި އަދި މިކަމާ ގުޅިގެން ހިތްހަމަނުޖެހުން ފާޅުކޮށް އެ އެޖެންސީއަށް ޝަކުވާ ހުށަހަޅާފައިވާ ކަމަށްވެސް އީޕީއޭއިން ވިދާޅުވެއެވެ.

އެހެންކަމުން މަޑީގެ ބާވަތްތައް ބެލުމަށްޓަކައި ކުރިއަށްގެންދާ އެންމެހާ ހަރަކާތްތަކަކީ ރާއްޖޭގައި މަޑީގެ ބާވަތްތައް ޙިމާޔަތް ކުރުމަށް ހެދިފައިވާ ގަވާއިދުތަކާއި އުސޫލުތަކާ އެއްގޮތަށް ހިންގޭ، އިންސާނުންނަށް ރައްކާތެރި އަދި ތިމާވެއްޓާއި ރައްޓެހި ހަރަކާތްތަކަކަށް ހެދުމަށް އެ އެޖެންސީއިން ވަނީ އިލްތިމާސްކުރައްވާފައެވެ.

އީޕީއޭއިން ވިދާޅުވީ، މި ގަވާއިދުތަކާ ޚިލާފުވާ ފަރާތްތަކާމެދު "ގުދުރަތީ ގޮތުގައި ނުވަތަ ތަބީއީ ގޮތުގައި ހިމާޔަތްކޮށް ރައްކާތެރިކުރާ ދިރޭތަކެއްޗާއި ބެހޭ ގަވާއިދު"ގެ ދަށުން ފިޔަވަޅު އަޅާނެކަމަށެވެ.