ޚަބަރު

އިމްރާން ޚާނާ ދެކޮޅަށް އަނެއްކާ ވެސް ޚިޔާނާތުގެ ޙުކުމެއް, 14 އަހަރަށް ޖަލަށް


ބިމުގެ ޚިޔާނާތާ ބެހޭ މައްސަލައެއް ސާބިތުވެ ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާނާ ދެކޮޅަށް އަނެއްކާ ވެސް ޖަލު ޙުކުމެއް އިއްވައިފިއެވެ.

2023ވަނަ އަހަރުގެ އޮގަސްޓު މަހުން ފެށިގެން ޖަލު ޙުކުމެއް ތަންފީޒު ކުރައްވަމުންދާ ޚާންގެ މައްޗަށް އައު ޙުކުމެއް އިއްވާފައި ވަނީ އޭނާ ޙުކުމް ތަންފީޒު ކުރަމުންދާ ރަވަލްޕިންޑީ ޖަލުގައި ބޭއްވި އަޑުއެހުމެއްގައި ޕާކިސްތާނުގެ އެންޓި-ކޮރަޕްޝަން ކޯޓަކުންނެވެ. ޚާނާ ދެކޮޅަށް ކުށް ސާބިތުވާ ކަމަށް ނިންމާ ކޯޓުން ވަނީ އޭނާ 14 އަހަރަށް ޖަލަށް ލުމަށް ޙުކުމް ކޮށްފައެވެ. ޚާންގެ އިތުރުން އޭނާގެ އަނބިކަނބަލުން ބުޝްރާ ބީބީ ވެސް މައްސަލައިގައި ކުށްވެރިވާ ކަމަށް ކަނޑައަޅައި އޭނާ ވެސް ހަތް އަހަރަށް ޖަލަށް ލުމަށް އެ ކޯޓުން ވަނީ ނިންމައިފައެވެ. ޙުކުމް އިއްވުމާ އެކު ކަފާލާތުގެ ދަށުން ދޫކޮށްލާފައި ހުރި ބީބީ ވަނީ ވަގުތުން ހައްޔަރުކޮށް ޚާނާ އެއް ގޮޅިއަކަށް ގެންގޮސްފައެވެ.

ޚާނާ ދެކޮޅަށް އުފުލި ދަޢުވާގައި 2018ވަނަ އަހަރުން 2022ވަނަ އަހަރާ ހަމައަށް އޭނާ ބޮޑުވަޒީރުގެ މަޤާމުގައި ހުންނެވި ދުވަސްވަރު އެ ޤައުމުގެ ރިއަލް އެސްޓޭޓު ޑިވެލޮޕަރަކު ޚާނާއި ބީބީއަށް ބޮޑެތި ބިންތަކެއް ދީފައިވާ ކަމަށް ތުހުމަތު ކޮށްފައި ވެއެވެ. އެއީ ޕާކިސްތާނުގެ ވެރި ރަށް އިސްލާމްއާބާދާ ކައިރި ސަރަޙައްދަކުން 24 ހެކްޓަރުގެ ބިމަކާއި އިސްލާމްއާބާދުގައި ހުންނަ ޚާންގެ ގެ ކައިރި ސަރަޙައްދަކުން އިތުރު ބިމެކެވެ. އެ ބިންތަކުގެ ބަދަލުގައި ބިންތައް ދިން ޑިވެލޮޕަރަށް ޚާނާއި ބީބީ ޤާނޫނާ ޚިލާފަށް ކަންތައްތަކެއް ކޮށްދެއްވާފައިވާ ކަމަށް ދަޢުވާގައި ބުނެފައި ވެއެވެ. އެ ތުހުމަތުތައް އެ ދެމަފިރިކަނބަލުން ދޮގު ކުރައްވައެވެ.

ޚާންގެ ސިޔާސީ ޕާޓީ, ޕާކިސްތާން ތަހްރީކް އިންސާފް(ޕީޓީއައި)ން ބުނީ އެ ބިންތަކަކީ އަމިއްލަ ފައިދާއަށް ދީފައިވާ ބިންތަކެއް ނޫން ކަމަށާއި އެ ބިންތަކަކީ ވެރިކަމުގެ ދުވަސްވަރު ޚާނާއި ބީބީ ޤާއިމު ކުރެއްވި އަމިއްލަ ވެލްފެއަރ ޖަމުޢިއްޔާއެއް ކަމަށްވާ އަލް-ޤާދިރު ޓްރަސްޓުން ބިނާ ކުރާ ތަޢުލީމީ މަރުކަޒަކަށް ދީފައިވާ ބިންތަކެއް ކަމަށެވެ. ނަމަވެސް ދަޢުވާ ހުށަހެޅި ފަރާތުން ތުހުމަތު ކުރާ ގޮތުގައި އެ ޖަމުޢިއްޔާ އުފެއްދީ ވެސް އޮޅުވާލައިގެން ބިންތައް ހޯދުމުގެ ބޭނުމުގައެވެ. ޚާން އަތުން ދެ ބިން އަތުލުމަށް ކޯޓުން ހުރި ޙުކުމުގައި ޢަމުރު ކޮށްފައި ވެއެވެ.

ޚާނާ ގާތް ބޭފުޅެއް ކަމަށްވާ އުމަރު ޢައްޔޫބު ވިދާޅުވީ ކޯޓުގެ ނިންމުން ޕީޓީއައިއިން އިސްތިޢުނާފު ކުރާނެ ކަމަށެވެ. ޙުކުމާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޚާން ވަނީ އެ ޙުކުމަކީ ޖޯކެއްގެ ގޮތުގައި ސިފަ ކުރައްވައިފައެވެ. އޭނާ ވިދާޅުވީ ޤައުމުގައި އޮތް ހުދުމުހުތާރު ވެރިކަމާ ދެކޮޅަށް ކުރާ މަސައްކަތުގައި ޖަލުގައި ކިތަންމެ ގިނަ ދުވަކަހު ހުންނަވަން ޖެހުނަސް ހުންނަވާނެ ކަމަށެވެ. ޙުކުމުން ސަލާމަތް ވުމަށް އެއްވެސް ޑީލެއް ނުހައްދަވާނެ ކަމަށާއި އޭނާއާ ދެކޮޅަށް އުފުލާފައިވާ ހުރިހާ ދޮގު ދަޢުވާއަކާ ވެސް ކުރިމަތި ލައްވާނެ ކަމުގެ ޔަޤީންކަން އޭނާ ދެއްވިއެވެ. އަދި މި ޙާލަތުގައި އޭނާއަށް ތާއީދު ކުރާ މީހުން މާޔޫސްވެ ހާސް ނުވުމަށް ވެސް އޭނާ އެދިލެއްވިއެވެ.

2022ވަނަ އަހަރު ޚާންގެ ވެރިކަން ގެއްލުނު ހިސާބުން ފެށިގެން އޭނާ ގެންދަވަނީ އެކި ކަހަލަ ދަޢުވާތަކާ ކުރިމަތިލައްވަމުންނެވެ. އޭނާގެ ޕާޓީން ބުނީ އެ ދަޢުވާތަކަކީ 2022ވަނަ އަހަރު ޚާންގެ ވެރިކަމުން ވައްޓާލުމުގެ ކުރިން، އަސްކަރިއްޔާގެ ވެރިންނާ އޭނާ ދެބަސްވެވަޑައިގަނެފައިވާތީ ސިޔާސީ މައިދާނުން އޭނާ އެއްކިބާކުރުމަށް ކުރާ މަސައްކަތްތަކެއް ކަމަށެވެ. މައްސަލަތަކުގައި ޙާނާ ދެކޮޅަށް ޙުކުމް އިއްވާފައިވާ ގިނަ މައްސަލަތަކުގައި ޚާންގެ ކުށެއް ނެތް ކަމަށް ފަހުން ވަނީ ސާބިތުވެފައެވެ. އައި ގިނަ ޢަދަދެއްގެ މައްސަލަތަކުގައި އޭނާއާ ދެކޮޅަށް އިއްްވާފައިވާ ޙުކުމްތައް ވަނީ ސަސްޕެންޑު ކޮށްފައެވެ.

ޚާނަށް ތާއީދު ކުރާ މީހުން ދަނީ ޕާކިސްތާނުގައި ބޮޑެތި މުޒާހަރާތައް ބާއްވަމުންނެވެ. އެންމެ ފަހުގެ ޙުކުމް އިއްވާފައި މި ވަނީ ޕީޓީއައިއާއި ސަރުކާރާ ދެމެދު ދެ ފަރާތުން ޞުލްޙަވުމުގެ މަޝްވަރާތައް ކުރިއަށް ދަނިކޮށެވެ. މަސްރަހު ދިރާސާ ކުރާ ތަޖުރިބާކާރުން ވަނީ މުޒާހަރާތައް ހުއްޓައިލުމުގެ ބަދަލުގައި ޚާނަށް ޤާނޫނީ ލުުއިތަކެއް ދިނުމަށް ސަރުކާރުން ހުށަހެޅުމަކީ އެކަށީގެންވާ ކަމެއް ކަމަށް ބުނެފައެވެ.