ޚަބަރު

އަސްކަރީ އެއްބަސްވުމެއްގައި ސޮއިކޮށް ރަޝިޔާއާއި އީރާނުން އިތުުރަށް ގުޅުން ބަދަހިކޮށްފި


ރަޝިޔާއާއި އީރާނުން ކުރިއަށް އޮތް 20 އަހަރު ދުވަހަށް އަސްކަރީ ގުޅުން ބަދަހިކުރަން އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. އަސްކަރީ ގުޅުން ވަރުގަދަ ކުރުމުގެ އެއްބަސްވުމުގައި ދެ ޤައުމުން ސޮއި ކޮށްފައި ވަނީ މިދިޔަ ޖުލައި މަހުގެ ތެރޭގައި އީރާނުގެ ވެރިކަމާ ޙަވާލުވެވަޑައިގެންނެވި މަސްޢޫދު ޕީޒިޝްކިޔާން ރަޝިޔާއަށް ކުރައްވަމުން ގެންދަވާ ފުރަތަމަ ރަސްމީ ދަތުރުގެ ތެެރެެއިންނެވެ.

މި އަސްކަރީ އެއްބަސްވުމުގެ ދަށުން ދެ ޤައުމުން އެކި ދާއިރާތަކުން އެއްބާރުލުން ދީ ގުޅުން ބަދަހި ކުރާނެއެވެ. އެ ގޮތުން ސަލާމަތީ ޚިދުމަތްތަކާއި އަސްކަރީ ތަމްރީންތަކާއި އަސްކަރީ ބަނދަރުތަކަށް ޒިޔާރަތް ކުރުމަށް ދެ ޤައުމުން ވަނީ އެއްބަސްވެފައެވެ. ދެ ޤައުމުން ވެސް އެ ޤައުމެއްގެ އެއްވެސް ސަރަޙައްދެއް އަނެއް ޤައުމަށް ގެއްލުންވާ ފަދަ ގޮތަކަށް ބޭނުން ކުރުމުގެ ޙުއްދައެއް ނުދޭނެއެވެ. އަދި ދެ ޤައުމުން ކުރެ އެއްވެސް ޤައުމަކަށް ޙަމަލާ ދޭ ބޭރުގެ ޤައުމަކަށް ވާގިވެރި ވެސް ނުވާނެއެވެ. ދެ ޤައުމަށް ކުރިމަތިވާ އަސްކަރީ ނުރައްކަލާ ދެކޮޅަށް އެކުގައި މަސައްކަތް ކުރުމަށް ވެސް އެއްބަސްވުމުގައި ބުނެއެވެ.

ނަމަވެސް އެ އެއްބަސްވުމުގައި ދެ ޤައުމުން ކުރެ ޤައުމަކަށް އެހެން ޤައުމަކުން ޙަމަލާ ދީފި ނަމަ ކަންތައް ކުރާނެ ގޮތް ބަޔާން ކޮށްފައެއް ނުވެއެވެ. ހަމަ އެއާ އެކު ދެ ޤައުމުގެ ދެމެދުގައި ހަތިޔާރު ބަދަލު ކުރުމާ ގުޅޭ ބައެއް ވެސް އެއްބަސްވުމުގައި ހިމަނާފައެެއް ނުވެއެވެ. ނަމަވެސް ދެ ޤައުމު ޙިއްޞާވާ ގޮތަށް އަސްކަރިއްޔާއާ ގުޅުން ހުރި ފަންނީ ދާއިރާތަކުން އެކުގައި މަސައްކަތް ކުރުމަށް ދެ ފަރާތުން އެއްބަސްވެއެވެ.

ރަޝިޔާ-ޔޫކްރެއިން ހަނގުރާމަ ފެށި ފަހުން ރަޝިޔާއިން ދަނީ އެމެރިކާއާ އެކު ނުތަނަވަސްކަން އޮންނަ ޤައުމުތަކާއެކު ގުޅުން ބަދަހި ކުރަމުންނެވެ. އެ ގޮތުން އުތުރު ކޮރެޔާއާއި ބެލަރުސްއާއި ޗައިނާއާ އެކު އަސްކަރީ ގުޅުން ބަދަހި ކުރުމުގެ އެއްބަސްވުންތަކުގައި ރަޝިޔާއިން ވަނީ ސޮއި ކޮށްފައެވެ.

ރަޝިޔާއާއި އީރާނާ ދެމެދު ސޮއި ކޮށްފައިވާ އެއްބަސްވުމަކީ ހުޅަނގުގެ ޤައުމުތަކުން ކަންބޮޑުވާނެ އެއްބަސްވުމެކެވެ. އެއްބަސްވުމުގައި ހަތިޔާރާ ބެހޭ ބައެއް ހިމަނާފައި ނުވި ނަމަވެސް ހުޅަނގުގެ މައި ކަންބޮޑުވުމަކީ ރަޝިޔާއާއި އީރާނުން ހަތިޔާރު ބަދަލު ކުރުމެވެ. ޔޫކްރެއިނާއެކު ރަޝިޔާއިން ކުރަމުންދާ ހަނގުރާމައިގައި އީރާނުން އުފައްދާފައިވާ ގިނަ ޢަދަދެއްގެ ޑްރޯން އެ ޤައުމުން ދަނީ ބޭނުން ކުރަމުންނެވެ. އެމެރިކާއިން ވަނީ ޔޫކްރެއިން ހަނގުރާމައިގައި ބޭނުން ކުރުމަށް ކުރު ރާސްތާ ބެލިސްޓިކް މިސަައިލު އީރާނުން ރަޝިޔާއަށް ފޯރުކޮށްދޭ ކަމަށް ވެސް ތުހުމަތު ކޮށްފައެވެ. ނަމަވެސް ރަޝިޔާއާއި އީރަނުން ބުނަމުން ދަނީ ދެ ޤައުމުގެ ދެމެދުގައި އޮންނަ ގާތް ގުޅުމަކީ އެހެން ޤައުމަކަށް އަމާޒުކޮށް ބާއްވާ ގުޅުމެއް ނޫން ކަމަށެވެ.