ޢާއިލާތަކުގެ ހާލަތު ރަނގަޅު ކުރުމާއެކު، އިޖުތިމާޢީ ދުޅަހެޔޮކަން ކަށަވަރުކުރުމަށް ކުރިއަށްގެންދާ "ހާލު ކިހިނެއް؟" ޕްރޮގްރާމު މިއަހަރު މުޅި ރާއްޖެއަށް ފުޅާކުރުމަކީ އަމާޒެއްކަމަށް އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.
"ހާލު ކިހިނެއް؟" ޕްރޮގްރާމަކީ މިހާތަނަށް ރައްޔިތުންގެ ޙާލަތު ބެލުމަށް އެންމެ ގާތުން ހިންގާ ޕްރޮގްރާމްކަމަށާއި އެކަން ރައްޔިތުން ވަރަށް ބޮޑަށް ބަލައިގެންފައިވާކަމަށް އިޖުތިމާޢީ އަދި އާއިލީ ތަރައްޤީއާއި ބެހޭ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ.
ހާލު ބެލުން ޕްރޮގްރާމަކީ ދައުލަތުގެ ޚާއްސަ ސަމާލުކަމާއި، ރައްކާތެރިކަން ބޭނުންވާ ފަރާތްތައް ދެނެގަނެ، އެމީހުންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދީ، މުޖުތަމަޢުގެ އިޖްތިމާޢީ ދުޅަހެޔޮކަން ކަށަވަރުކޮށްދިނުމުގެ މަޤްޞަދުގައި ފަށާފައިވާ ޚާއްސަ ޕްރޮގްރާމެކެވެ. އިޖުތިމާޢީ އަދި އާއިލީ ތަރައްޤީއާއި ބެހޭ ވުޒާރާއިން މި ޕްރޮގްރާމް ފަށާފައިވަނީ މިދިޔަ މޭ މަހުގެ 30 ވަނަ ދުވަހުއެވެ.
"ހާލު ކިހިނެއް؟" ޕްރޮގްރާމުގެ މަސައްކަތްތަކާ ގުޅޭގޮތުން ޕީއެސްއެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމުގައި ވާހަކަދައްކަވަމުން އިޖުތިމާޢީ އަދި އާއިލީ ތަރައްޤީއާއި ބެހޭ ވުޒާރާގެ ޑެޕިއުޓީ މިނިސްޓަރ ނަޒީހާ އަޙްމަދު ވިދާޅުވީ، މިހާތަނަށް ހުޅުމާލޭ ހިޔާ ފްލެޓް ސަރަޙައްދުގެ އިތުރުން ރާއްޖޭގެ 14 އަތޮޅެއްގައި މި ޕްރޮގްރާމް ފެށިފައިވާކަމަށެވެ. އަދި މީހުން ދިރިއުޅޭ 10،000 އަށްވުރެ ގިނަ ގޭބިސީއަށް އެ ވުޒާރާގެ ޓީމްތައްގޮސް ހާލު ދެނެގަތުމުގެ މަސައްކަތްކޮށްފައިވާކަމަށް ނަޒީހާ ވިދާޅުވިއެވެ.
"އަޅުގަނޑުމެން ދެކޭގޮތުގައި 7 މަހުގެ ތެރޭގައި 10،000 ގޭބިސީއަކަށް، އާއިލާއަކަށް ޒިޔާރަތްކޮށް އެބޭފުޅުން ހާލު ބެލެވުމަކީ ބޮޑު ކާމިޔާބީއެއް. މި ޕްރޮގްރާމުގެ ތެރެއިން ވިޒިޓްތަކާއި ކޯލްތަކުން އަޅުގަނޑުމެންނަށް ދެނެގަނެވޭ ފަރާތްތަކުގެ މަޢުލޫމާތުތައް އެބަ ބެލެހެއްޓޭ. މި ޕްރޮގްރާމުގެ ތެރެއިން އަޅުގަނޑުމެންނަށް އެބަ ދެނެގަނެވޭ އެހީތެރިކަން ބޭނުންވާ ފަރާތްތައް، އެހެންނަމަވެސް ހަވާސާވެފައިވާ ފަރާތްތައް. މީގެ ތެރޭގައި ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތައް އެބަ ފާހަގަވޭ. އެފަރާތްތަކަށް މިދަނީ އެހީތެރިކަން ފޯރުކޮށްދެމުން." ނަޒީހާ ވިދާޅުވިއެވެ.
ނަޒީހާ ވިދާޅުވީ، މިދިޔަ 7 މަހުގެ ތަޖުރިބާއަށް ބަލާއިރު، މިހާތަނަށް ޒިޔާރަތްކުރެވުނު އާއިލާތަކުންވެސް މި ހަރަކާތް ވަރަށް އުފަލާއެކު ބަލައިގަންނަކަން ފާހަގަކުރެވިފައިވާކަމަށެވެ. ޚާއްސަކޮށް އާއިލާތަކުގެ ކަންބޮޑުވުންތައް ސީދާ ވުޒާރާގެ މުވައްޒަފުން އެ އާއިލާތަކުގެ ގާތަށްގޮސް އޮޅުންފިލުވާ، އެހީތެރިކަން ފޯރުކޮށްދޭން މަސައްކަތްކުރާތީ، އެއީ ލިބޭ ހިތްހަމަޖެހުމެއްގެ ގޮތުގައި އެ އާއިލާތަކުންވެސް ފާހަގަކުރާކަމަށް ނަޒީހާ ވިދާޅުވިއެވެ.
"އަޅުގަނޑުމެންނަށް ފާހަގަވޭ އެބޭފުޅުންވެސް ވަރަށް ބަލައިގަންނަ، ވަރަށް އެޕްރިޝިއޭޓްކުރާކަމެއް މިއީ. ދައުލަތުގެ ފަރާތުން ވުޒާރާއެއްގެ ފަރާތުން އާއިލާތައް ކައިރިއަށްގޮސް އެބޭފުޅުންގެ ދިރިއުޅުމުގެ ހާލަތު އޮތީ ކިހިނެއްތޯ، ކަންބޮޑުވުންތައް ހުރީ ކިހިނެއްތޯ، ކޮންކަމެއްގައިތޯ އެހީތެރިކަން ބޭނުންވަނީ، މިފަދަ ކަންކަން މި ވުޒާރާއިން ބަލާތީވެ، ވަރަށް ބަލައިގަނޭ. އަދި ނުލިބޭ އެއްވެސް ނެގެޓިވް ފީޑް ބެކެއް." ނަޒީހާ ވިދާޅުވިއެވެ.
ނަޒީހާ ވިދާޅުވީ، މިއަހަރު "ހާލު ކިހިނެއް؟" ޕްރޮގްރާމް މުޅި ރާއްޖެއަށް ފުޅާކުރުމަކީ އެ ވުޒާރާގެ އަމާޒެއްކަމަށެވެ. އަދި މި ޕްރޮގްރާމުގެ ތެރެއިން އާއިލާތަކަށް ޒިޔާރަތްކޮށް އެއްކުރެވޭ މަޢުލޫމާތުތަކުގެ އަލީގައި، ކަމާގުޅޭ އެންމެހާ ސްޓޭކް ހޯލްޑަރުން ހިމެނޭހެން މަހާސިންތާއެއް ބޭއްވި، އެކުގައި މަސައްކަތްކުރެވޭނެ ގޮތްގޮތަށް ދެނެގަނެވިގެންދާނެކަމަށް ނަޒީހާ ވިދާޅުވިއެވެ.
"މި ޕްރޮގްރާމުގެ ތެރެއިން މުޅި ރާއްޖެ އެއްކޮށް ކަވަރ ވީމަ އަޅުގަނޑުމެން މި ގަސްތުކުރަނީ އަޅުގަނޑުމެންނަށް މި ލިބޭ މައްސަލަތަކާއި ކަންބޮޑުވުންތައް ސެކްޓަރތަކަށް ކިޔައިދީ އޮޅުންފިލުވައިދިނުމަށް މަހާސިންތާއެއް ބޭއްވުމަށް. މީގެ އިތުރުންވެސް މިއަހަރަށް ކުރިއަށްގެންދެވޭ ކަންކަމުގެ ތެރޭގައި އެހީތެރިކަން ބޭނުންވާ އާއިލާތަކަށް މިދެވޭ އެހީތެރިކަން އިތުރަށް ހަރުދަނާކުރުމަށް ކުރެވިދާނެ ކަންކަން ދެނެގަނެ، އެކަންކަން ކުރިއަށްގެންދެވޭނެ." ނަޒީހާ ވިދާޅުވިއެވެ.
"ހާލު ކިހިނެއް؟" މި ޕްރޮގްރާމް މިހާތަނަށް ފެށިފައިވާ އަތޮޅުތަކަކީ: ހއ، ހދ، ނ، ރ، ބ، ޅ، ފ، ދ، ތ، ލ، ގއ، ގދ، އަދި ފުވައްމުލައް ސިޓީއާއި އައްޑޫ ސިޓީގައެވެ.
އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ވިދާޅުވީ މި ޕްރޮގްރާމް ކުރިއަށް ގެންދިއުމުގައި، ރައްޔިތުންނަށް ޚިދުމަތްދޭ މުއައްސަސާތަކާއި، ކަމާގުޅުންހުރި އިދާރާތަކާއި އަތޮޅު ކައުންސިލްތަކާއި، ރަށު ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކާއެކު އެ ވުޒާރާއިން ގިނަ މަސައްކަތްތަކެއް ކުރަމުންދާކަމަށެވެ.