ޚަބަރު

އައްޑޫ ސިޓީން ކަރަންޓު ކެނޑޭ މައްސަލަ ދޮޅު މަހެއްހައި ދުވަސްތެރޭ ހައްލުކުރަނީ


  • ކަރަންޓު ކެނޑޭ މައްސަލަ ހައްލުކުރުމަށް އިތުރު ޖެންސެޓެއް ބޭނުން ކުރަން ވަނީ ފަށާފައި

  • ރޯދައަށް ދާއިމީ ހައްލެއް ލިބޭނެ

އައްޑޫ ސިޓީން ކަރަންޓު ކެނޑޭ މައްސަލަ ދޮޅު މަހެއްހައި ދުވަސްތެރޭ ހައްލުވާނެކަމަށް ފެނަކައިގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ނަޖާހް ވިދާޅުވެއްޖެއެވެ. އައްޑޫ ސިޓީގެ ކަރަންޓުގެ މައްސަލައަށް ދާއިމީ ހައްލެއް ނުލިބި، ރަށުން ކަރަންޓު ކެނޑުމުގެ މައްސަލަ ކުރިމަތިވާތާ އަހަރުތަކެއްވަނީ ވެފައެވެ.

އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކަށް ކަރަންޓު ފޯރުކޮށްދޭ ސެންޓްރަލް ޕަވަރ ހައުސްގައި ބޭނުންކުރާ 20 ޖަނަރޭޓަރުގެ ތެރެއިން 5 ޖަނަރޭޓަރަކަށް ވަނީ މައްސަލަ ކުރިމަތިވެފައެވެ. އައްޑޫ ސިޓީގައި މިވަގުތު 26.8 މެގަވޮޓްގެ ކަރަންޓު ކެޕެސިޓީ ޤާއިމުކޮށްފައިވީނަމަވެސް އޭގެތެރެއިން ބޭނުންކުރެވޭ ހާލަތުގައި ހުރީ 15.5 މެގަވޮޓްގެ ކެޕޭސިޓީއެވެ.

ފެނަކައިގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ނަޖާހް ވިދާޅުވީ އައްޑޫ ސިޓީއިން ކަރަންޓު ކެނޑޭ މައްސަލަ ކުރިމަތިވަމުންދާތީ އެކަން ވަރަށް ގާތުން ބަލަމުންދާކަމަށެވެ. އެގޮތުން ކަރަންޓު ކެނޑޭ މައްސަލަ ހައްލުކުރުމަށް އިތުރު ޖެންސެޓެއް މަރާމާތުކޮށް ބޭނުން ކުރަން މިހާރު ފަށާފައިވާކަމަށް ވިދާޅުވިއެވެ. ނަޖާހް ވިދާޅުވީ އެ ޖެންސެޓާއެކު މިހާރު ލޯޑް މެނޭޖް ކުރެވި ވަގުތީ ހައްލެއް ގެނެވިފައިކަމަށެވެ.

ނަޖާހު ވިދާޅުވީ އައްޑޫ ސިޓީންން ކަރަންޓު ކެނޑޭ މައްސަލައަށް ދާއިމީ ހައްލެއް ގެނައުމުގެ މަސައްކަތް ވަރަށް ބާރު ސްޕީޑުގައި ކުރިއަށް ދާކަމަށެވެ. އެގޮތުން ރޯދައަށް ތައްޔާރުވުމުގެ ޕްރޮގްރާމްގެ ތެރެއިން މައްސަލަ ޖެހިފައިވާ އިތުރު 2 ޖެންސެޓު މަރާމާތު ކުރުމުގެ މަސައްކަތް ކުރަމުންދާކަމަށާއި އިތުރު އައު ޖެންސެޓެއްވެސް ގެނައުމުގެ މަސައްކަތް ކުރަމުންދާކަމަށް ވިދާޅުވިއެވެ.

އައްޑޫގެ އިތުރުވަމުންދާ އާބާދީއާއެކު ކަރަންޓު ބޭނުން ކުރާ މިންވަރުވެސް އިތުރުވަމުންދާއިރު، އެސިޓީގެ ކަރަންޓުގެ މައްސަލައަށް ދެމެހެއްޓެނިވި ހައްލެއް މުހިންމުކަމަށް ނަޖާހް ވިދާޅުވިއެވެ.

"މި ޕްރޮޖެކްޓް ނިމުނީމަ މިބަލަނީ އައްޑޫގައި ދާއިމީ ހައްލަކަށް ދާނެކަމަށް. ކަރަންޓު ބޭނުންކުރާ މިންވަރު އަހަރެއްގެ މައްޗައް 10 އިންސައްތަ ނުވަތަ 12 އިންސައްތަ އިތުރުވޭ. ލޯންގް ޓާމަށް ބަލާއިރު ޚާއްސަކޮށް އައްޑޫ ފަދަ ބޮޑު އާބާދީ ދަނީ އިތުރުވަމުން. ލޯންގް ޓަރމަށް މީގެ ކުރިންވެސް އެބަހުރި މަސައްކަތްތަކެއް ކުރެވިފައި" ނަޖާހް ވިދާޅުވިއެވެ.

ފެނަކައިގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ނަޖާހު ވިދާޅުވީ ސަރުކާރު ވެރިކަމާ ހަވާލުވިފަހުން ބައެއް ޕްރޮޖެކްޓް ފަށާފައި އެބަހުރިކަމަށެވެ. އެގޮތުން މަސައްކަތް ކުރަމުންދަނީ އެ ޕްރޮޖެކްޓްތަކުގެ ފީސިބިލިޓީތައް ބަލައި، މާލީ ވުޒާރާއާ މަޝްވަރާކޮށްގެން ޕްރޮޖެކްޓް އަލުން ހިނގޭނެ ގޮތެއް ހޯދުންކަމަށެވެ. ރައީސުލްޖުމްހޫރިއްޔާގެ ލަފާއާއެއްގޮތްވާ ގޮތުގެ މަތިން މާލީ ވުޒާރާއާ ގުޅިގެން ދިގުމުއްދަތަކަށް އައްޑޫ ސިޓީގެ ކަރަންޓުގެ މައްސަލަ ހައްލުކުރުމަށް މަސައްކަތް ކުރަމުންދާކަމަށް ނަޖާހު ވިދާޅުވިއެވެ.

އައްޑޫ ސިޓީގެ ކަރަންޓުގެ މައްސަލައަށް ދާއިމީ ހައްލެއް ގެނައުމަށް އެސިޓީގައި 32 މެގަވޮޓްގެ ޕަވަރ ހައުސްއެއް އެޅުމުގެ މަސައްކަތް ވަނީ ފަށާފައެވެ. އެ މަސައްކަތްވެސް ހުއްޓި ދިގުމުއްދަތެއް އޮތުމަށްފަހު، އެ މަސައްކަތް އަވަސްކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އަދުގެ ސަރުކާރުން ގެންދަވަނީ އަޅުއްވަމުންނެވެ.