ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސްގެ މަސައްކަތް ތާވަލާއި އެއްގޮތަށް ކުރިއަށްދާކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ ބާރުގެ ދަށުން ރާއްޖޭގެ ޑިވެލޮޕްމެންޓް ބޭންކު އުފައްދާވާފައި ވަނީ މިދިޔަ މެއި މަހުގެ 16 ވަނަ ދުވަހުއެވެ. ސަރުކާރުގެ އަމާޒަކީ މޯލްޑިވްސް ޑިވަލޮޕްމެންޓް ބޭންކަކީ ސަރަޙައްދީ ގޮތުން ފާހަގަކޮށްލެވޭ ތަނަކަށް ހެދުމެވެ.
އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވީ، ޑިވެލޮޕްމަންޓް ބޭންކް ތަރައްޤީކުރަމުންދަނީ 3 ފޭސްއަކަށް ބަހާލައިގެން ކަމަށެވެ. އެގޮތުން ފުރަތަމަ ފޭސްގައި އުމްރާނީ ވަސީލަތްތައް ޤާއިމްކުރުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ. ބޭންކްގެ މަސައްކަތް ޝެޑިއުލާ އެއްގޮތަށް ކުރިއަށްދާކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ.
1/3 The rollout of the Development Bank of Maldives is structured into three phases, with the first phase - the institutional setup, which is progressing on schedule.
— Mohamed Saeed (@em_saeed) January 19, 2025
2 ވަނަ ފޭސްގައި އިންފްރާސްޓްރަކްޗަރ ޕްރިޖެކްޓްތަކަށް އިންވެސްޓަރުން ހޯދުމުގެ މަސައްކަތް ކުރާނެކަން ވަޒީރު ފާހަގަކުރެއްވިއެވެ. އަދި އެއަށްފަހުން ޑިވެލޮޕްމަންޓް ބޭންކްގައި ރީޓެއިލް ޚިދުމަތްތައް ލިބޭނެ އިންތިޒާމްތައް ހަމަޖައްސަވާނެކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ. މީގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދު އިތުރަށް ހަރުދަނާވެ ވަރުގަދަވާނެކަން ވަޒީރު ފާހަގަކުރެއްވިއެވެ.
ދިވެހިރާއްޖޭގެ ތަރައްޤީގެ ބޭންކެއް ޤާއިމްކުރުމުގެ ބޭނުމަކީ ސަރުކާރުގެ ސިޔާސަތުތަކާ އެއްގޮތްވާ ގޮތުގެ މަތީން ދެމެހެއްޓެނިވި އިޤްތިޞާދީ އަދި އިޖުތިމާޢީ ތަރައްޤީއަށް އިންވެސްޓުކުރުމާއި ޢުމްރާނީ ތަރައްޤީއަށް ބޭނުންވާ ފައިސާ ހޯދުމެވެ. އަދި ސިންޑިކޭޝަން ފައިނޭންސް މެދުވެރިކޮށް ޕީއެސްއައިޕީ މަޝްރޫޢުތަކަށް ފައިސާ ފޯރުކޮށްދިނުމުގައި ދިމާވާ ގޮންޖެހުންތައް ޙައްލުކުރުމާއި ދިވެހިރާއްޖޭގެ ބޭންކިންގ ނިޒާމުގައި ބޭރު ފައިސާ ބެހެއްޓުމުގެ ޝައުޤުވެރިކަން އިތުރު ކުރުމަކީވެސް މިފަދަ ބޭންކެއް ޤާއިމްކުރުމުގެ އެއް ބޭނުންކަމަށް ސަރުކާރުން ވިދާޅުވެއެވެ.