ޔަހޫދީ ދައުލަތާއި ޙަމާސާ ދެމެދު ވެފައިވާ ޢުދުވާން ހުއްޓައިލުމުގެ އެއްބަސްވުން ތަންފީޒު ކުރުމާ އެކު 15 މަސް ދުވަސް ވަންދެން ޣައްޒާގެ ރައްޔިތުން ތަޙައްމަލް ކުރަމުން ދިޔަ ވޭނީ ޙާލަތު މި ވަނީ ނިމުމަކަށް އައިސްފައެވެ. ޣައްޒާގެ މުސްލިމުން ނަސްލުހޭދު ކުރުމަށް މުޅި ޣައްޒާ ސުންނާފަތިކޮށް ބިމާ ހަމަކޮށްލިއިރު ވެސް ހަނގުރާމަ ފެށުނީއްސުރެ މިއަދާ ހަމައަށް ވެސް ޣައްޒާގެ ރައްޔިތުން ދައްކަމުން ދިއައީ އާދަޔާ ޚިލާފު ހިތްވަރެކެވެ. ލޯ ކުރިމަތީގައި ޢާއިލާ ކަތިލެވި ތުއްތު ކުދިންނާއި އަންހެނުން ޝަހީދު ކުރަމުން ދިޔަ އިރު ވެސް ޣައްޒާގެ ދެ މިލިޔަނަކަށް ވުރެ ގިނަ ރައްޔިތުން ދައްކަމުން ދިޔައީ ކެތްތެރިކަމާއި ވަކީލު ކުރުމުގެ ލާމަސީލު މިސާލެކެވެ.
ޔަހޫދީންގެ ބަރު ހަތިޔާރުތަކުގެ ކުރިމަތީގައި ޣައްޒާގެ ރައްޔިތުން ކިތަންމެ ކުޑަވެފައި ނިކަމެތިވި ނަމަވެސް ޣައްޒާގެ ރައްޔިތުންގެ ހިތްވަރާއި ޣައްޒާގައި ވެރިކަން ކުރާ ޙަމާސުން ފަހަތަށް ޖެހުމެއް ނެތި ޔަހޫދީންނާ ދެކޮޅަށް ކުރި މަސައްކަތްތަކުގެ ސަބަބުން ޔަހޫދީންނަށް އެންމެ ފަހުން މި ވަނީ ޙަމާސުން ކުރި ޝަރުތުތަކަށް އެއްބަސްވެ ކުޑަކުޑަ ޣައްޒާގެ ކުރިމަތީގައި ބަލިކަށިކަން ދައްކަން ޖެހިފައެވެ. މިއީ ފަލަސްޠީނުގެ ބިންތައް ފޭރިގަތުމަށް އެތައް ޒަމާނެއް ވަންދެން ޒަޔަނިސްޓުން ކުރަމުންދާ ހަނގުރާމައިގައި ލިބުނު އިންޤިލާބީ ކުރިއެރުމެއްކަން ޔަޤީނެވެ.
15 މަހަށް ދެމިގެންދިޔަ ހަނގުރާމައިގައި ޣައްޒާއަށް މެދުކެނޑުމެއް ނެތި ކުރިމަތިވަމުން ދިޔަ ޢުދުވާންތަކުގައި 46,899 މީހުންވަނީ ޝަހީދުވެފައެވެ. އޭގެ ތެރޭގައި 17,000އެއްހާ ކުޑަކުދިން ހިމެނޭއިރު, އިތުރު 10,000އެއްހާ މީހުންގެ ހަށިތައް ސުންނާފަތި ކޮށްލާފައިވާ އިމާރާތްތަކުގެ ދަށުގައި ތާށިވެފައިވާ ކަމަށް ޣައްޒާގެ އޮފިޝަލުން ޤަބޫލު ކުރެއެވެ. ޣައްޒާ ޢުދުވާނުގައި ޔަހޫދީ ފައުޖުން ވަނީ 110,725 މީހުން ޒަޚަމު ކޮށްލާފައެވެ.
ހަނގުރާމައިގެ ޙާލަތުގައި ޣައްޒާގެ ރައްޔިތުން ދިޔައީ ބަނޑުހައިހޫނުކަމާއި ބަލިމަޑުކަން ތަޙައްމަލް ކުރަމުންނެވެ. ބޭސް ފަރުވާ ކުރެވޭނެ ގޮތެއް ނެތެވެ. ކާބޯތަކެއްޗާއި ބޭހުގެ ދަތިކަން އިންތިހާއަށް ކުރިމަތިވެ, ގެދޮރު ގެއްލި ފޭލިގެތަކުގައި ދިރިއުޅެމުން ދިޔަ މީހުންނަށް ފިނި މޫސުމުގެ ފިންޏާ ކުރިމަތިލަމުން ދިޔައީ ވެސް އެއްވެސް ހުރަހެއް ނެތިއެވެ. ދުނިޔޭގެ ކުރިމަތީގައި މުޅި ޣައްޒާ ފަނާ ކުރަމުން ދިޔައިރުވެސް ޔަހޫދީންގެ ޖައްބާރު ކަމަށް ނިމުމެއް ގެނައުމަށް މުޅި ދުނިޔެ އޮތީ ނުކުޅެދިފައެވެ. ޣައްޒާގެ ހައްޤުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ވަކާލާތު ކުރަމުން ދިޔަ ނަމަވެސް ޣައްޒާއިން ޔަހޫދީންނާ ކުރިމަތިލަމުން ދިއައީ ހަމަ އެކަންޏެވެ. މި ހައްސާސް ދަނޑިވަޅުގައި ވެސް ޣައްޒާގެ ރައްޔިތުން ޙާލަތަށް ފެތިލައި އިންތިޒާމް ވެލިއެވެ. އަމިއްލަ ޙާލައިގެން އުޅެން ދަސްކޮށް ދުނިޔެއަށް ދައްކަމުން ދިޔައީ ދިރިހުރުމަށްޓަކައި ގަދަ އަޒުމަކާއެކު ބަޔަކު ކުރަމުން ދިޔަ މަސައްކަތެވެ.
ޙަމަލާ ބަދަލުކުރުން ހުއްޓައިލުމުގެ އެއްބަސްވުން ޤާއިމު ކުރުމުގައި ޔަހޫދީންގެ މައްޗަށް ބާރު ފޯރުވާ, ޙަމާސްގެ ޝަރުތުތަކަށް އެމީހުން އެއްބަސް ކުރުވުން ވެގެން ގޮސްފައި މި ވަނީ ޙަމާސަށް ލިބުނު ވަރަށް ބޮޑު ކާމިޔާބީއަކަށެވެ. އެއްބަސްވުމެއް ޤާއިމު ކުރުމަށް ކުރި މަސައްކަތުގައި ޙަމާސުން ތަކުރާރުކޮށް ބުނަމުން ދިޔައީ އެ ޖަމާޢަތުން ގެންގޮސްފައިވާ ޔަހޫދީންގެ އަސީރުން ދޫކޮށްލާނީ ޔަހޫދީން ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވާނަމަ ކަމަށެވެ. ގޮތް ދޫ ނުކޮށް، ފަހަތަށް ޖެހުމެއް ނެތި ޔަހޫދީން ކުރިމަތީގައި ޙަމާސުން އެމީހުންގެ ހިތްވަރު ދައްކައިލިއެވެ. ޔަހޫދީން ޣައްޒާއަށް ކިތަންމެ ބޮޑު ގެއްލުންތަކެއް ދެމުން ދިޔަ ނަމަވެސް ޙަމާސުން ފައި ވިއްދައިގެން ތިބީ އެމީހުން ބޭނުންވާ ގޮތަށް ކަންތައްތައް ނިންމުމަށެވެ. އެންމެ ފަހުން ޔަހޫދީންނަށް މަޖުބޫރުވީ ޙަމާސުން ހުށަހެޅި ހުށަހެޅުންތަކަށް އެއްބަސްވާށެވެ. މިއީ ޔަހޫދީންގެ އަސްކަރީ މަޤުސަދުތަކަށް ލިބުނު ބޮޑު ގެއްލުމުގެއްގެ ގޮތުގައި މަސްރަހު ދިރާސާ ކުރާ ތަޖުރިބާކާރުން ޤަބޫލުކުރެއެވެ. ކަންތައްތައް ހިނގައި ދިޔަ ގޮތް ދައްކުވައިދެނީ ކިތަންމެ އުނދަގޫ ޙާލަތެއްގައި ތިބި ނަމަވެސް ބައިނަލްއަޤްވާމީ މަޝްވަރާތަކުގައި ޙަމާސަށް ނުފޫޒު އޮތް މިންވަރެވެ.
ހަނގުރާމަ ހުއްޓައިލުމުގެ އެއްބަސްވުން ތަންފީޒު ކުރުމާއެކު މުޅި ޣައްޒާގައި ދަނީ އުފާ ފާޅު ކުރަމުންނެވެ. ޣައްޒާގެ އެކި ސަރަޙައްދުތަކުގައި ފަލަޞްޠީނުގެ ދިދަތައް ހިފައިގެން އުފާވެރިކަމުގެ ލަވަތައް ދަނީ ކިޔަމުންނެވެ. ހަވާ އަރުވައި ޖައްވު ވަނީ ޖަރީ ކޮށްލައިފައެވެ. ކިތަންމެ ކުޑަ ވަގުތު ކޮޅަކަށް ނަމަވެސް ޣައްޒާގެ ރައްޔިތުން ތަހައްމަލް ކުރަމުން ދިޔަ އުނދަގޫތަކަށް ތަސައްލީއެއް ލިބުނީއެވެ.
ނަމަވެސް ޔަހޫދީން ދިރިއުޅޭ ސަރަޙައްދުތަކުގައި މަންޒަރު ތަފާތެވެ. ޢުދުވާން ހުއްޓާލުމުގެ އެއްބަސްވުމާ ގުޅިގެން އެ މީހުންގެ މެދުގައި ވަނީ ޚިޔާލު ތަފާތުވުމާއި ބައިބައިވުން އުފެދިފައެވެ. ޔަހޫދީންގެ ގިނަ ބަަޔަކު ޤަބޫލު ކުރާ ގޮތުގައި އެ އެއްބަސްވުމަކީ އެ މީހުންނަށް ލިބުނު ބަލިކަށިކަމެކެވެ. މިއީ ޔަހޫދީންގެ ކަނާތު ފިޔައިގެ ސިޔާސީ ވެރިންގެ ވެސް ވިސްނުމެވެ. އަދި ޢާންމުންގެ ގިނަ ބައެއްގެ ޝުޢޫރެވެ. މި ޙާލަތުގައި ޢުދުވާން ހުއްޓައިލުމާ ގުޅޭ އެއްބަސްވުމާމެދު ނުރުހުންވެ ޔަހޫދީންގެ ޤަައުމީ ސަލާމަތާބެހޭ ވަޒީރު އިޓަމާ ބެން ގެވިއަރ ވެސް ވަނީ ސަރުކާރުން އިސްތިޢުފާ ދީފައެވެ. އޭނާ ބުނީ ޒަޔަނިސްޓު ސަރުކާރުން އެ އެއްބަސްވުން ޤާއިމު ކުރުމަކީ ޔަހޫދީންގެ ސަލާމަތީ މަސްލަހަތަށް ޚިޔާނާތްތެރިވުން ކަމަށެވެ. އޭނާގެ އިސްތިއުފާއިން ހާމަ ކޮށްދެނީ ޔަހޫދީންގެ ވެރިކަން ކުރާ ކޯލިޝަނުގެ ތެރޭގައި ޚިޔާލު ތަފާތުވުންތައް އިތުރުވެފައިވާ މިންވަރެވެ. އަދި ހަނގުރާމައިގެ ޙާލަތާމެދު ޔަހޫދީންގެ ބޮޑުން ހިތްހަމަނުޖެހިފައިވާ މިންވަރެވެ.
އެއްބަސްވުން ތަންފީޒު ކުރުމާއެކު ޣައްޒާއަށް ބޭނުންވާ އިންސާނީ އެހީ ފޯރުކޮށްދިނުމަށް މި ވަނީ މަގުފަހިވެފައެވެ. ބަނޑަށް ޖެހިފައިވާ މީހުންގެ ހައިހޫނުކަން ފިލުމުވަށް ބޭނުންވާ ގޮދަނާއި ކާބޯތަކެތި މިހާރު ވަނީ ޣައްޒާއަށް ވައްދަން ފަށައިފައެވެ. އެއްބަސްވުމުގެ ދަށުން ކާބޯތަކެއްޗާއި ބޭހާއި ތެލާއި އެހެނިހެން ސާމާނު ހިފައިގެން ދުވާލަކު 600 ޓުރަކު ޣައްޒާއަށް ވަންނާނެއެވެ.
ޢުދުވާން ހުއްޓައިލުމުގެ އެއްބަސްވުމުގެ ދަށުން އަސީރުން ބަދަލުކުރުމަށް ހަމަޖެހިފައިވަނީ ތިން މަރުޚަލާއަކަށް ބަހާލައިގެންނެވެ. ކޮންމެ މަރުޚަލާއެއް ވެސް 42 ދުވަހަށް ދެމިގެން ދާނެއެވެ. ފުރަތަމަ މަރުަޚަލާގައި ޙަމާސުން ޖުމްލަ 33 އަސީރުން ދޫކޮށްލުމަށް ހަމަޖެހިފައިވެއެވެ. މި މަރުޚަލާގައި ދޫކުރާނީ އަންހެނުންނާއި ކުޑަކުދިންނާއި އުމުރުން 50 އަހަރުން މަތީގެ މީހުންނެވެ. އޭގެ ބަދަލުގައި 2,000އަށް ވުރެ ޤައިދީން ޔަހޫދީން މިނިވަން ކުރާނެއެވެ.
ޢުދުވާން ހުއްޓައިލުމުގެ އެއްބަސްވުން ތަންފީޒު ކޮށް ފުރަތަމަ ދުވަހު ޙަމާސުން ތިން އަސީރުން ދޫކޮށްލާނެއެވެ. އޭގެ ބަދަލުގައި ޔަހޫދީންގެ ޖަލުތަކުގައި ތިބި ފަލަޞްޠީނުގެ ރައްޔިތުންގެ ތެރެއިން އަސީރަކަށް 30 ޤައިދީންގެ މަގުން 90 ޤައިދީން މިނިވަން ކުރާނެއެވެ. އެއްބަސްވުން ތަންފީޒު ކުރާތާ ހަތްވަނަ ދުވަހު ޙަމާސުން އިތުރު ހަތަރު އަސީރުން ދޫކޮށްލާނެއެވެ. މިހެން ގޮސް ކޮންމެ ހަތް ދުވަހުން ތިން އަސީރުން ދޫކުރަމުން ދާނެއެވެ. ދިރިތިބި އަސީރުން ދޫކޮށް ނިމުމުން މަރުވެފައިވާ އަސީރުންގެ ހަށިތައް ރައްދު ކުރަން ފަށާނެއެވެ.
ޣައްޒާއާއި ޙަމާސް މިއަދު ވެގެން ގޮސްފައި މި ވަނީ ބޮޑެތި ދަތިތަކާއި ލާއިންސާނީ އަނިޔާތަކާ ދެކޮޅަށް ހިތްވަރާއެކު މަސައްކަތްކޮށް ކާމިޔާބު ހޯދޭނެ ކަމުގެ ރަމްޒަކަށެވެ. ޢުދުވާން ހުއްޓައިލުމުގެ އެއްބަސްވުމަކީ ފަލަޞްޠީނުގެ މައްސަލައަށް ދާއިމީ ޙައްލެއް ކަމުގައި ނުވެދާނެއެވެ. ނަމަވެސް އެ އެއްބަސްވުމުގެ ސަބަބުން ދަތި އުނދަގޫ ޙާލަތެއްގައި އިންސާނީ އެހީ ލިބުމުގެ ފުރުޞަތު ފަހިވެ އަނިޔާތައް މި ވަނީ ހުއްޓުމަކަށް އައިސްފައެވެ. ފާއިތުވި ދުވަސްތަކުގައި ޙަމާސުން ކުރި ހިތްވަރުގެ ސަބަބުން ޔަހޫދީންގެ ހިތުގައި ޣައްޒާއާ މެދު ނުތަނަވަސްކަން އުފެދި ޖެހިލުންވުން އިތުރުވާނެ ކަން ޔަޤީނެވެ.