ޗެމްޕިއަންސް ޓްރޮފީ ކްރިކެޓް މުބާރާތަކީ ޝަރަފުވެރި މުބާރާތެކެވެ. ކްރިކެޓްގެ އެންމެ ވަރުގަދަ އަށް ގައުމު ވާދަކުރާ މުބާރާތް މި ފަހަރުގެ ބާއްވަން ހަމަޖައްސާފައިވަނީ ޕާކިސްތާނުގަ އެވެ. އެކަމަކު އެ ގައުމުގައި މުބާރާތް ބޭއްވިދާނެ ކަމާމެދު މިހާރު ވަނީ ސުވާލު އުފައްދަން ފަށައިފަ އެވެ.
އެންމެ ބޮޑު މައްސަލައަކީ މުބާރާތަށް ދަނޑުތައް ނުނިމުގެ މައްސަލަ އެވެ. އިންޓަނޭޝަނަލް ކްރިކެޓް ކައުންސިލުން ޕާކިސްތާނަށް މިހާރު ދީފައިވަނީ އެންމެ ފަހުގެ މުހުލަތެވެ. އެއީ އަންނަ ހޮނިހިރު ދުވަހުގެ ކުރިން ދަނޑުތަކުގެ އެންމެހާ މަސައްކަތްތައް ނިންމަށެވެ.
އަންނަ މަހުގެ 19 ވަނަ ދުވަހު ފަށާ މި ފަހަރުގެ މުބާރާތުގެ މެޗުތައް ޕާކިސްތާނުގެ ތިން ސިޓީއެއްގައި ކުޅެން ވަނީ ނިންމައިފަ އެވެ. އެއީ ކަރާޗީ އާއި ލާހޯރު އަދި ރާވަލްޕިންޑީގަ އެވެ. މީޑިއާ ރިޕޯޓްތައް ބުނާގޮތުން މިއިން އެއްވެސް ދަނޑެއްގެ މަރާމާތުގެ މަސައްކަތް އަދި މިހާތަނަށް ނިންމާނުލެވެ އެވެ.
ލާހޯރުގައިވަނީ މަޝްހޫރު ގައްދާފީ ސްޓޭޑިއަމެވެ. ޕާކިސްތާނުން ބުނާ ގޮތުގައި މިއީ މިހާރު ދުނިޔޭގެ ފެންވަރުގެ ތަނަކަށް ބަދަލުކުރެވިފައިވާ ދަނޑެކެވެ. ޗޭންޖިންރޫމާއި ހޮސްޕިޓަލިޓީ ބޮކްސް އާއި އޮފީސްތައް ގާއިމްކުރެވި، ކުޅިބަލާ މީހުންނަށް ކަމުދާނެ ގޮތަށް ދަނޑު ވަނީ ފެއްސާއި ހުދުން ގޮނޑި ޖަހައި ތައްޔާރުކުރެވިފަ އެވެ. މީގެ ކުރިން ދަނޑުގެ ވަށައިގެންވާ ނަރުދާ ޖެހި ފެންސް ވަނީ ނަގައި އެއްލާލައިފަ އެވެ. ބޭނުމަކީ ކުޅުންތެރިންގެ މަންޒަރުތައް ސަޕޯޓަރުންނަށް ވީހާ ސާފުކޮށްދިނުމެވެ.
އިންޖިއަނަރުންނާއި ސިފައިން ގުޅިގެން މިހާރު ކުރަމުންދަނީ ސްޓޭޑިއަމުގެ ގަޑި ހަރުކުރުމުގެ މަސައްކަތެވެ. ސްޓޭޑިއަމުގެ މާކިއުރީ ލައިޓްތައް ވަނީ ލެޑަށް ބަދަލުކުރެވިފަ އެވެ. މިހާރު ދުވާލު ވެސް ދިއްލާލެވޭނެ އެވެ. ސްޓޭޑިއަމުގެ ވަށައިގެންވާ މަގުތައް ވެސް ދަނީ ޒީނަތްތެރި ކުރެވެމުންނެވެ.
މިހެންވެ ޕާކިސްތާނުގެ ކްރިކެޓް ބޯޑުގެ ޑިރެކްޓަރ އިންފްރާންސްޓްރަކްޗާ ޖަވަދް ގާޒީ ވިދާޅުވީ ހާސްވާންޖެހޭ ވަރުގެ ކަމެއްނެތް ކަމަށެވެ.
ނަމަވެސް މީޑިއާތަކުން ކިޔަނީ ތަފާތު ވާހަކައެކެވެ. އެމީހުން ބުނާ ގޮތުގައި ގައްދާފީ ސްޓޭޑިއަމުގައި ބަހައްޓާ އައު ސްކްރީނުގެ މަސައްކަތް އިއްޔެއާ ހަމައަށް އަދިވެސް ނުނިމެ އެވެ. ލައިޓް ސިސްޓަމް ވެސް ލެޑަށް ބަދަލުކޮށް ނުނިމެ އެވެ. ލައިޓް ސިސްޓަމަކީ ދުވާލުގެ މެޗުތަކަށް ވެސް ކޮންމެހެން މުހިންމު އެއްޗެކެވެ. ސަބަބަކީ މިހާރު ހުރި ލައިޓް ސިސްޓަމަކީ މި ޒަމާނުގެ ބްރޯޑްކާސްޓިން އަށް ފެތޭ އަލިހުރި ހައި ކޮލިޓީ އެއްޗަކަށްނުވާތީ އެވެ.
ދެން އޮތީ ސްޓޭޑިއަމުގެ ދެ ވަނަ ބުރީގެ މައްސަލަ އެވެ. އަދިވެސް ގޮނޑިތައް ހަރުކޮށް ނުނިމެ އެވެ. މި މަސައްކަތް މިހާރު ނިންމަން ކަނޑައަޅާފައިވަނީ މި މަހުގެ 28 ވަނަ ދުވަހަށެވެ. ސްޓޭޑިއަމުގައިވާ ޗޭންޖިން ރޫމްތަކުގެ އަމަލީ މަސައްކަތް އެއްކޮށް ނިންމާލެވޭނީ މިމަހުގެ 27 އަށެވެ. އަދި ސްޓޭޑިއަމުގައި ދަވާދާއި ކުލަ ލައި އެއްކޮށް ނިންމާލެވޭނެ ކަމަށް ބެލެވެނީ މި މަހުގެ 30 ވަނަ ދުވަހަށެވެ.
މީޑިއާތަކުން މި ޒާތުގެ ވާހަކަ ދައްކަމުން ބުނަނީ މަސައްކަތް މި މަހުގެ ހޮނިހިރަށް ނިންމާނުލެވިއްޖެނަމަ މުޅި މުބާރާތް ޑުބާއީ އަށް ބަދަލު ކުރުމުގެ ފުރުސަތު ބޮޑު ކަމަށެވެ. ޑުބާއީ އަކީ އިންޑިޔާއިން އެ ގައުމުގެ ގައުމީ ޓީމު ޕާކިސްތާނަށް ނުފޮނުވާތީވެ އިންޑިޔާގެ މެޗުތައް ކުޅޭނެ ގައުމެވެ.
މީޑިޔާތަކުގެ މި ފަދަ ފާޑުކިއުންތަކުގެ ސަބަބުން ޕާކިސްތާނުން މިހާރު ވަނީ ރުޅިއައިސްފަ އެވެ. އެންމެ ފަހުން އިއްޔެ ވަނީ މީޑިއާތައް ދަނޑުތަކަށް ވަނުން މަނާކޮށްފަ އެވެ. ދެން ވަދެވޭނީ ޕާކިސްތާން ކްރިކްޓް ބޯޑުން ދޭ ހުއްދައެއްގެ ދަށުންނެވެ. ފޮޓޯ ނަގައި ވީޑިއޯ ކުރެވޭނީ އެމީހުންގެ ހާޒިރުގަ އެވެ. އެމީހުން ނުރިހާ މަންޒަރަކާއި ފޮޓޯއެއް ޝާއިއު ނުކުރެވޭނެ އެވެ. ބޭނުންހާ ވާހަކައެއް ވެސް ނުދެއްކޭނެ އެވެ.
ޕާކިސްތާނުގެ ކްރިކެޓް ބޯޑުން ބުނީ މި ވަރަށް ފިޔަވަޅުތައް ހަރުކަށި ކުރަން ޖެހުނީ ގައުމުގެ އަގު ވައްޓާލަން އުޅޭތީ ކަމަށެވެ. އެ ގައުމުގެ ކްރިކެޓަށާއި މުޅި ޕާކިސްތާނުގެ ނަމަށް ހުތުރުވާ ބާވަތުގެ ކަންކަން ކުރާތީ ކަމަށެވެ. މިއީ މުޅިން ގޯސް ވާހަކަނުވެ ހިނގައިދާނެ އެވެ.
މި ފަހަރުގެ ޗެމްޕިއަންސް ޓްރޮފީ އަކީ 1996ގެ ފަހުން ޕާކިސްތާނުގައި ބާއްވާ ދުނިޔޭގެ ފެންވަރުގެ ބޮޑު މުބާރާތެވެ. މި މުބާރާތުގެ އިންތިޒާމްތައް ގޯސްވެއްޖެނަމަ ނުވަތަ ދޯދިޔާކަންކަން މާބޮޑަށް ފާޅު ކުރަށް ފަށައިފިނަމަ ދެން މިއިން ޒަމާނަކު ޕާކިސްތާނުގައި މުބާރާތެއް ނުބޭއްވި ހިނގައިދާނެ އެވެ.