ހަށިހެޔޮ ރާއްޖޭ ޕްރޮގްރާމް ގއ. ވިލިނގިލީގައި ފެށިގެން ކުރިއަށްދާއިރު މޫދު ކަސްރަތުތަކާއެކު މުހިންމު ސެޝަންތަކެެއް ކުރިއަށް ގެންދެއެވެ.
މި ސެޝަންތައް ނަންގަވައިދެއްވަނީ ކަސްރަތު ދާއިރާގެ ތަޖުރިބާކާރު އިންސްޓްރަކްޓަރެއް ކަމުގައިވާ ކެޕްޓަން އިސްމާޢީލް އަޙްމަދު އާއި އިންސްޓްރަކްޓަރ ޔަމްނާ މުޙައްމަދުއެވެ.
"ހަށިހެޔޮ ރާއްޖެ" ޕްރޮގްރާމަކީ ރާއްޖޭގެ އާބާދީއަކީ ދުޅަހެޔޮ އާބާދީއަކަށް ހެދުމުގެ މަޤްސަދުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ޚާއްސަ އިސްނެންގެވުމުގެ މަތިން ކުޅިވަރާއި ހަށިހެޔޮކަމާބެހޭ ވުޒާރާގެ ފިޓްނަސް އެންޑް ރެކްރިއޭޝަން ޑިޕާޓްމަންޓުގެ ބެލުމުގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ހިންގާ ޤައުމީ ޕްރޮގްރާމެކެވެ.
މިސެޝަންތަކުގައި ބައިވެރިންނަށް މޫދާއި އެއްގަމުގައި ކުރާނެ ކަސްރަތުތަކާއި މޫދުގައި ކަސްރަތު ކުރާނެ ފަންނީ އުކުޅުތައް ދަސްކޮށްދެއެވެ. އަދި ކަސްރަތުކުރުމުގައި އެރަށަކުން ލިބެން ހުރި ވަސީލަތްތަކުގެ ފުރިހަމަ ބޭނުން ހިފާނެގޮތް ޕްރޮގްރާމުގެ ބައިވެރިނަށް ވަނީ ކިޔައިދީފައެވެ. އަދި އަލަށް ފަށައިގަންނަ ފަރާތްތަކަށް ބޭނުންވާ މައުލޫމާތާއި ތަމްރީނުވެސްދެއެވެ.
ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން އިންސްޓްރަކްޓަރ، ކެޕްޓަން އިސްމާޢީލް އަޙްމަދު ވިދާޅުވީ މި ޕްރޮގްރާމްގެ ބައިވެރިންނަށް އެކި ދާއިރާތަކުން މަޢުލޫމާތު ފޯރުކޮށްދީ، ޢަމަލީ ތަމްރީނުތައް ދެމުންދާކަމަށެވެ. އެގޮތުން އެއްގަމާއި މޫދުގައި ކުރިއަށްގެންދެވޭނެ ތަފާތު ކަސްރަތުތައް ބައިވެރިންނަށް ކިޔައިދޭކަން ފާހަގަކުރެއްވިއެވެ. މީގެއިތުރުން މި ތަމްރީނުތައް ފުރިހަމަކުރާ ފަރާތްތަކުން އެނބުރި ރަށަށް ގޮސް ރަށު ފެންވަރުގައި ކަސްރަތު ޕްރޮގްރާމްތައް ހިންގައި ދުޅަހެޔޮ މުޖުތަމަޢެއް ބިނާކުރުމަށް މަސައްކަތްކުރާނެ ކަމަށް އުއްމީދުކުރައްވާ ކަމަށާއި، ޚާއްޞަކޮށް އެ މާހައުލަކުން ލިބެން ހުންނަ ވަސީލަތްތައް ބޭނުންކޮށްގެން ކަސްރަތު ކުރުމަށް ބާރުއަޅަން މި ޕްރޮގްރާމްގެ ތެރެއިން އިސްކަންދޭކަން އޭނާ ފާހަގަކުރެއްވިއެވެ.
މިފަދަ ޕްރޮގްރާމްތަކުގެ ޒަރިއްޔާއިން އެސަރަޙައްދެއްގެ ސްޕޯޓްސް ކައުންސިލަރުން އެއްތަނަކަށް ޖަމާވެ އެކުގައި ތަމްރީނު ހޯދުމަކީ ރަށު ފެންވަރުގައި އަދި އަތޮޅު ފެންވަރުގައި ކަސްރަތު ހަރަކާތްތައް ރާވައި ހިންގުމަށް ލިބޭނެ ލުޔެއްކަމަށް ކެޕްޓަން އިސްމާޢީލް ވިދާޅުވިއެވެ. މީގެކުރިން ބާއްވާފައިވާ ޕްރޮގްރާމްތަކުގެ ތަޖުރިބާގެ އަލީގައި މިހާރު ކުރިއަށްދާ ޕްރޮގްރާމްތަކަށް ވަނީ މުހިންމު ބަދަލުތަކެއް ގެނެސްފައެވެ. އެގޮތުން ފޯރުކޮށްދޭ މައުލޫމާތާއި ތަމްރީނުތައް ބައިވެރިންނަށް އެހެން ފަރާތްތަކަށް އުނގަންނައިދިނުމުގެ ޤާބިލުކަން ހުރި މިންވަރު ވަޒަންކުރުމުގެ މަސައްކަތްވެސް ކުރިއަށްދެއެވެ.
"ޕްރޮގްރާމްގެ ބައިވެރިން ކުލާސްތައް ނަގައިދިނުން، ޓްރެއިނިން ޓީޗިންގ ނުވަތަ ޓީޕީ ބައި ފުދޭވަރަކަށް ބޮޑައް ކުރިއަށް ގެންދާގޮތައް ވަނީ ހަމަޖެހިފައި. ޓީޗިންގ ޕްރެކްޓިސްބައި ފުދޭވަރަކަށް އެބަގެންދެވޭ. ކޮންމެ ކަސްރަތެއް ބުނެދެވިފައި ދަރިވަރުން ގްރޫޕްތަކަށް ބަހާލެވިފައި އެ ޓީމުގެ ބެއިވެރިން ބަދަލުވާގޮތައް ކުލާސްތައް ނަގައިދިނުން ކުރިއަށް ގެންދަން" އިސްމާއިލް އަޙްމަދު ވިދާޅުވިއެވެ.
ކޮންމެ ރަށެއްގައިވެސް މި ޕްރޮގްރާމް ރާވާ ހިންގާނީ އެރަށެއްގައި ހުންނަ ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާގެ ކައުންސެލަރުންކަމަށް އެ ވުޒާރާއިން ވިދާޅުވެއެވެ. ގއ. ވިލިނިގިލީގައި ހަށިހެޔޮ ރާއްޖެ ޕްރޮގްރާމް ކުރިއަށްގެންދަނީ މިހަފުތާ ބަންދުގައެވެ. މި ހަރަކާތުގައި ގއ. އަދި ގދ އަތޮޅުގެ ރަށްރަށުގެ ސްޕޯޓްސް ކައުންސެލަރުންނާއި، ވިލިގިނލީގެ މުއައްސަސާތައް ހިމެނޭގޮތަށް ޖުމްލަ 40 ފަރާތަކުން ވަނީ ބައިވެރިވެފައެވެ.
ސަރުކާރުގެ އަމާޒަކީ މިއަހަރު ނިމުމުގެ ކުރިން "ހަށިހެޔޮ ރާއްޖެ" ޕްރޮގްރާމު ރާއްޖޭގެ ހުރިހާ ރަށެއްގައި ހިންގައި ނިންމުމެވެ. ދެން މި ހަރަކާތް ކުރިއަށް ގެންދާނީ ރާއްޖޭގެ އެންމެ ދެކުނުގައި ހިމެނޭ ފުވައްމުލައް ސިޓީ އަދި އައްޑޫގައެވެ.