ޚަބަރު

"ހާލު ކިހިނެއް؟" ޕްރޮގްރާމް ކުޅުދުއްފުށި ސިޓީގައި ފަށައިފި


  • "ހާލު ކިހިނެއް؟" ޕްރޮގްރާމް ފަށާފައިވަނީ މިއަދު

އޯގާތެރި މުޖުތަމަޢެއް ބިނާކުރުމަށް ރައީސުލްޖުމްޙޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ތަޞައްވުރުގެދަށުން ރައްޔިތުންގެ ޙާލަތު ދެނެގަނެ، ގާތުން ޚިދުމަތް ފޯރުކޮށްދިނުމުގެ ގޮތުން ފެށި "ހާލު ކިހެނެއް؟" ޕްރޮގްރާމް، ކުޅުދުއްފުށި ސިޓީގައި ފަށައިފިއެވެ.

ރާއްޖޭގެ އުތުރުން އެންމެ އާބާދީ ބޮޑު ކުޅުދުއްފުށި ސިޓީގައި "ހާލު ކިހެނެއް؟" ޕްރޮގްރާމް އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ފަށާފައިވަނީ މިއަދުއެވެ.

ކުޅުދުއްފުށި ސިޓީގައި "ހާލު ކިހިނެއް؟" ޕްރޮގްރާމް ފެށުމުގެ ގޮތުން، އިޖުތިމާޢީ އަދި އާއިލީ ތަރައްޤީއާއި ބެހޭ ވުޒާރާގެ ޓީމުތަކުން ވަނީ އެސިޓީއަށް ޒިޔާރަތްކޮށް ކައުންސިލާ ބައްދަލުކުރައްވައި، އެ މަސައްކަތް ކުރިއަށްގެންދާނެގޮތާއި ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ.

މި ބައްދަލުވުމުގައި ކުޅުދުއްފުށީ ސިޓީގެ ގެތަކަށް ޒިޔާރަތްކުރުމާއި، ނާޒުކު ހާލަތްތަކުގައި ދިރިއުޅޭ ފަރާތްތައް ދެނެގަނެ، އެ ފަރާތްތަކުގެ ހާލަތު ރަނގަޅުކުރުމަށް ގުޅިގެން މަސައްކަތްކުރެވޭނެ ގޮތްތަކާއި ބެހޭގޮތުން ވެސް ވަނީ މަޝްވަރާކޮށްފައިއެވެ.

އިޖުތިމާއީ އަދި އާއިލީ ތަރައްޤީއާ ބެހޭ ވުޒާރާގެ ޓީމުތަކުން ވަނީ ކުޅުދުއްފުށީގެ ގެތަކަށް ޒިޔާރަތްކޮށް ރައްޔިތުންގެ ހާލު ބަލައި، ނާޒުކު ހާލަތްތަކުގައި ދިރިއުޅޭ ފަރާތްތައް ދެނެގަތުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައިއެވެ.

އެވުޒާރާއިން ވިދާޅުވީ "ހާލު ކިހިނެތް؟" ޕްރޮގްރާމް ކުޅުދުއްފުށި ސިޓީގައި ކާމިޔާބުކަމާއެކު ކުރިއަށްގެންދިައުމަށް އެސިޓީގެ ސިޓީ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ މެމްބަރުން އެހީތެރިކަން ފޯރުކޮށްދެމުންގެންދަވާކަމަށެވެ.

"ހާލު ކިހިނެއް؟" ޕްރޮގްރާމުގެ ތެރެއިން ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގެ ގެތަކަށް ޒިޔާރަތްކޮށް ހާލު ބަލައި ދައުލަތުގެ އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ.

މި ޕްރޮގްރާމް މިހާތަނަށް މާލޭ ސިޓީގެ އިތުރުން، ހއ، ހދ، ނ، ރ، ބ، ޅ، ފ، ދ، ތ، ލ، ގއ، ގދ އަތޮޅުގެ ރަށްތަކުގެ އިތުރުން ފުވައްމުލަކު ސިޓީއާއި އައްޑޫ ސިޓީގެ ގެތަކަށް ޒިޔާރަތްކޮށްވަނީ ކުރިއަށްގެންގޮސްފައެވެ.

އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ވިދާޅުވީ މި ޕްރޮގްރާމް ކުރިއަށް ގެންދިއުމުގައި، ރައްޔިތުންނަށް ޚިދުމަތްދޭ މުއައްސަސާތަކާއި، ކަމާގުޅުންހުރި އިދާރާތަކާއި އަތޮޅު ކައުންސިލްތަކާއި، ރަށު ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކާއެކު އެ ވުޒާރާއިން ގިނަ މަސައްކަތްތަކެއް ކުރަމުންދާކަމަށެވެ.

އަދި އެކަކު އަނެކެއްގެ ހާލު ބަލައި އެހީތެރިކަން ފޯރުކޮށްދިނުމުގެ ރީތި ސިފަތައް ދިވެހި މުޖުތަމަޢުގައި އަށަގެންނެވުމާއެކު، ސަރުކާރާއި ރައްޔިތުންނާއި ދެމެދު ގުޅުން ބަދަހިކޮށް އިތުބާރު އުފެއްދުމަކީ މި ޕްރޮގްރާމުން ހާސިލްކުރަން ބޭނުންވާ ނަތީޖާކަމަށްވާއިރު، މިފަދަ މުހިންމު ޕްރޮގްރާމެއް ކުރިއަށްގެންދިއުމުގައި، މުޖުތަމަޢުގެ އެހީތެރިކަމާ ފުރިހަމަ އެއްބާރުލުން ދިނުމަށް އިޖުތިމާޢީ އަދި އާއިލީ ތަރައްޤީއާއި ބެހޭ ވުޒާރާއިން އެދެއެވެ.