ރާއްޖޭގައި އިއާދަކުރަނި ހަކަތައާއި ދެމެހެއްޓެނިވި ތަރައްޤީގެ ފުރުޞަތުތައް ފަހިކުރުމަށް ޖަޕާނާއެކު މަޝްވަރާކުރައްވައިފިއެވެ.
މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާއި ބެހޭ ވަޒީރު ޠާރިޤް އިބްރާހީމްވަނީ ޖަޕާނުގެ އަސަކުރާ ތަކެކަޒޫ އާއި އެޤައުމުގެ ވަފުދަކާ ބައްދަލުކުރައްވާފައެވެ.
މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާއި ބެހޭ ވުޒާރާގައި ބޭއްވެވި މިބައްދަލުކުރެއްވުމުގައި މައިގަނޑުގޮތެއްގައި މަޝްވަރާކުރައްވާފައިވަނީ ޖަޕާނުގެ އެހީއާއި އިންވެސްޓްމަންޓްގެ ޒަރީޢާއިން ދިވެހިރާއްޖޭގައި އިއާދަކުރަނިވި ހަކަތައާއި ލޯ އެމިޝަން ތަރައްޤީގެ ފުރުޞަތުތައް ކުރިއެރުވުމާގުޅޭގޮތުންނެވެ.
Minister @Thoriqibrahim met with Mr. Asakura Takekazu and his delegation from Japan.
— Min. of Climate Change, Environment and Energy (@MoEnvmv) January 20, 2025
Discussions centred on progressing renewable energy and low emission development opportunities through Japanese aid and investments. pic.twitter.com/lRIeZz1QcP
މި ބައްދަލުކުރެއްވުމުގައި ވަޒީރު ޠާރިޤް އިބްރާހީމްވަނީ ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކުރުމަށް މަސައްކަތްކުރައްވާނެ ކަމަށް ވިދާޅުވެފައެވެ. އަދި ޖަޕާނުގެ ވަފުދުން ވަނީ ދިވެހިރާއްޖެއަކީ ތިމާވެށި ރައްކާތެރިކުރުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރަމުންދާ ޤައުމެއްކަން ފާހަގަކޮށް މިދާއިރާއިން ދިވެހިރާއްޖެއަށް އެހީތެރިވުމުގެ ޝައުޤުވެރިކަން ފާޅުކުރައްވާފައެވެ.
މި ބައްދަލުވުމަކީ ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ހަރުދަނާކޮށް، ތިމާވެށި ރައްކާތެރިކުރުމުގެ ދާއިރާއިން އިތުރު ފުރުޞަތުތައް ހޯދުމަށް މަގުފަހިވާނެ ބައްދަލުވުމެއްކަން ދެ ފަރާތުންވެސް ވަނީ ފާހަގަކުރައްވާފައެވެ.
2028 ވަނަ އަހަރާ ހަމައަށް އަންނައިރު ރާއްޖޭގައި ބޭނުންކުރެވޭ ކަރަންޓުގެ %33 އިއާދަކުރަނިވި ހަކަތައަށް ހެދުމަށް ސަރުކާރުން ގެންދަވަނީ މަސައްކަތް ކުރައްވަމުންނެވެ. އެގޮތުން ރާއްޖޭގައި ޤާއިމްކޮށްފައިވާ އިއާދަކުރަނިވި ހަކަތައަށް މިދިޔައަހަރުވަނީ 17 މެގަވޮޓް އިތުރުކޮށްފައެވެ. މިއާއެކު ރާއްޖޭގައި އިއާދަކުރަނިވި ހަކަތަ ބޭނުންކުރާ މިންވަރު، 53 މެގަވޮޓުން 70 މެގަވޮޓަށް ވަނީ އިތުރުވެފައެވެ.