ޚަބަރު

ރ.ވާދޫ ކައުސިލުން ރަށުގެ ތަރައްޤީއަށް ކުރާ މަސައްކަތަށް ރައީސްގެ ތައުރީފް


  • ރައީސވަނީ ވާދޫ ކައުންސިލާ ބައްދަލުކުރައްވާފައި

  • ކައުންސިލުން ވަނީ ރަށަށް ކުރިމަތިވެފައިވާ ދަތިތައް ރައީސާ ހިއްސާކުރައްވާފައި

ވާދޫ ކައުސިލުން ރަށުގެ ތަރައްޤީއަށް ކުރާ މަސައްކަތްތަކަށް ތަޢުރީފުކުރައްވާ އެގޮތުގައި މަސައްކަތްތައް ކުރިއަށްގެންދިއުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އެދިވަޑައިގެންފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވާދޫ ކައުންސިލްގެ މަސައްކަތްތަކަށް ތަޢުރީފުކުރައްވާފައިވަނީ އެމަނިކުފާނު ރ. އަތޮޅަށް ފެއްޓެވި ދަތުރުފުޅުގެ ތެރެއިން މިއަދު ވާދޫއަށް ވަޑައިގެން އެރަށުގެ ކައުންސިލާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާއި ރަށުގެ މުއައްސަސާތަކުގެ އިސްވެރިނާއި ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރ.ވާދޫ ކައުންސިލް އިދާރާގައި ކުރިއަށް ދިޔަ މިބައްދަލުކުރެއްވުމުގައި ކައުންސިލުން ވަނީ ރަށުގެ މުޞްތަޤްބަލަށްޓަކައި އިއާދަކުރަނިވި ހަކަތައިގެ މަޝްރޫޢު ކުރިއަށްދާ ގޮތް ހިއްސާކުރައްވައި އެމަސައްކަތް ފުރިހަމަ ކުރުމަށް ބޭނުންވާކަން ފާހަގަކުރައްވާފައެވެ. މީގެ އިތުރުން ރަށް ގިރުމުގެ މައްސަލައަށް އަވަސް ޙައްލެއް ބޭނުންވާކަމަށާއި، ރަށުގެ ސިއްޙީ މަރުކަޒަށް ބޭނުންވާ ޚިދުމަތްތަކާއި، ރަށުގެ ޒުވާނުންނަށް ޚާއްޞަކޮށް ކުޅިވަރުގެ ދާއިރާ ކުރިއެރުވުމަށް ބޭނުންވާ ކަންކަން ކައުންސިލުންވަނީ ޙިއްޞާކުރައްވާފައެވެ. މީގެއިތުރުންވެސް ރަށަށް އަރައި ފޭބުމުގައި ހުރި ދަތިކަން ފާހަގަކުރައްވައި ބަނދަރުގެ މަސައްކަތް އަވަހަށް ފުރިހަމަކޮށްދެއްވުމަށްވެސްވަނީ އެދިވަޑައިގެންފައެވެ.

މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އިއާދަކުރަނިވި ހަކަތަ ބޭނުންކުރުން އިތުރުކުރުމަކީ ސަރުކާރުގެ މުހިންމު އަމާޒެއްކަމަށެވެ. އަދި ވާދޫގައި މިހާރު ކުރިއަށްދާ ސޯލާ ޕްރޮޖެކްޓް ނިމޭއިރު މުޅި ރަށުގެ ކަރަންޓުގެ މައްސަލައަށް ޖުމްލަގޮތެއްގައި ފުރިހަމަ ޙައްލެއް ލިބިގެންދިއުމަށް ބޭނުންވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މީގެއިތުރުން މިބައްދަލުކުރެއްވުމުގައި ފާހަގަކުރެއްވި ކަންކަން ބައްލަވާނެކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މިއަދުގެ ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުން ވަނީ ވާދޫގެ ތަރައްޤީއަށް ކުރިޔަށްގެންދާ މަޝްރޫޢުތަކުގެ އެންމެ ފަހުގެ މަޢުލޫމާތުތައް ހިއްސާކުރައްވާފައެވެ.