ސައުދީ ޕްރޯ ލީގުގައި އިއްޔެ އަލް ހަލީޖްއާ ދެކޮޅަށް ކުޅުނު މެޗުގައި ކްރިސްޓިއާނޯ ރޮނާލްޑޯ ކާމިޔާބުކުރި ދެ ލަނޑާއެކު 3-1 ގެ ނަތީޖާއަކުން އަލް ނަސްރު މޮޅުވެއްޖެއެވެ.
މި މެޗުން އަލް ނަސްރު މޮޅުވުމާއެކު އެ ޓީމަށް ވަނީ ލީގުގައި މިހާތަނަށް ކުޅުނު 16 މެޗުން ލިބިފައިވާ 32 ޕޮއިންޓާއެކު އެ ޓީމަށް ވަނީ ތާވަލުގެ ތިންވަނަ މަގާމް ލިބިފަ އެވެ. އެއްވަނައިގައި އޮތް އަލް ހިލާލް އަށް 43 ޕޮއިންޓް ލިބިފައިވާއިރު ދެވަނައިގައި އޮތް އަލް އިއްތިހާދު އަށް ލިބިފައިވަނީ 40 ޕޮއިންޓެވެ.
ސައުދި އަރަބިއްޔާގެ ދަމާމް ގައި ކުޅުނު މި މެޗުގެ 34 ވަނަ މިނިޓުގައި އަލް ހަލީޖްގެ ސައީދު އަލް ހަމްސަލް އަށް ރެފްރީ ވަނީ ރަތް ކާޑެއް ދައްކާ ދަނޑުން ފޮނުވާލާފަ އެވެ.
އަލް ހަލީޖް އިން އެއް ކުޅުންތެރިއަކު މަދުކޮށް ކުޅެމުންދިއުމުގެ ފައިދާ ނަގާ ދެވަނަ ހާފުގެ ކުޅުން ފެށުނުތާ 20 ވަނަ މިނިޓުގައި ކްރިސްޓިއާނޯ ރޮނާލްޑޯ ވަނީ ލަނޑެއް ޖަހާ އެ ޓީމަށް ކުރި ހޯދަދީފަ އެވެ.
ނަމަވެސް މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ދިހަ މިނިޓަށް ވެފައިވަނިކޮށް އަލް ހަލީޖް އަށް ލިބުނު ޕެނަލްޓީ އަކުން ކޮންސްޓަންޓިނޯސް ފޯޓޫނީސް ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ އެއްވަރުކޮށްފަ އެވެ.
މި މެޗުގައި ދެވަނަ ފަހަރަށް އަލް ނަސްރު އިން ލީޑު ނަގާފައިވަނީ މެޗުގެ 81 ވަނަ މިނިޓުގައި ސުލްތާން އަލް ގާންއާމް ކާމިޔާބުކޮށްދިން ލަނޑުންނެވެ. އަދި މެޗުގެ އިތުރު ވަގުތުގެ ކުޅުމުގައި ކްރިސްޓިއާނޯ ރޮނާލްޑޯ ވަނީ އިތުރު ލަނޑެއް ޖަހާ މެޗުގެ ނަތީޖާ 3-1 އަށް ބަދަލުކޮށް މި މެޗުން އަލް ނަސްރު އަށް ތިން ޕޮއިންޓް ކަށަވަރު ކޮށްދީފަ އެވެ.