ޚަބަރު

ފަތުރުވެރިންގެ އަދަދު 132،000އަށް، އެންމެ ބޮޑު ކުރިއެރުމެއް ޗައިނާ ފަތުރުވެރިންގެ އަދަދަށް


  • ފަތުރުވެރިންގެ އަދަދު ވަނީ %9.4 އިތުރުވެފައި

  • އެންމެ ގިނައިން ފަތުރުވެރިން އަންނަނީ ރަޝިއާއިން

  • އެންމެ ބޮޑު ކުރިއެރުމެއް ލިބިފައިވަނީ ޗައިނާ ފަތުރުވެރިންގެ އަދަދަށް

އަހަރުގެ މިހާތަނަށް ރާއްޖެއަށް 132،000 އަށްވުރެ ގިނަ ފަތުރުވެރިން އައިސްފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައިފިއެވެ. މި އަދަދަކީ މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް އައިސްފައިވާ 120،919 ފަތުރުވެރިންނާ އަޅާ ބަލާއިރު %9.4 އިތުރު އަދަދެކެވެ.

ފަތުރުވެރިކަމާބެހޭ ވުޒާރާއިން އެންމެ ފަހުން ނެރެފައިވާ ޑެއިލީ އަޕްޑޭޓު ރިޕޯޓުގައިވާގޮތުން އަހަރުގެ މިހާތަނަށް ރާއްޖެއަށް ވަނީ ޖުމްލަ 132،235 ފަތުރުވެރިން އައިސްފައެވެ. އަދި މިހާރު ރާއްޖެއަށް އެވްރެޖްކޮށް ކޮންމެ ދުވަހަކު 6،612 ފަތުރުވެރިން އާދެއެވެ.

އަހަރުގެ މިހާތަނަށް ރާއްޖެއަށް އެއް ދުވަސްތެރޭ އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން އައިސްފައިވަނީ މިމަހުގެ 12ވަނަ ދުވަހުއެވެ. އެގޮތުން އެދުވަހު ރާއްޖެއަށްވަނީ 8،174 ފަތުރުވެރިން އައިސްފައެވެ.
ތަފާސްހިސާބުތައް ދައްކާގޮތުން ރާއްޖެއަށް އައިސްފައިވާ ފަތުރުވެރިންގެ %69.3 ފަތުރުވެރިން ޗުއްޓީ ހޭދަކޮށްފައިވަނީ ރިސޯޓުތަކުގައެވެ.

ފަތުރުވެރިކަމުގެ ފެސިލިޓީތަކުގެ ހިސާބުތައް

• ރިސޯޓު: 91،637 ފަތުރުވެރިން
• ހޮޓެލް: 3،306 ފަތުރުވެރިން
• ގެސްޓުހައުސް: 33،991 ފަތުރުވެރިން
• ސަފާރީތަކަށް: 3،256 ފަތުރުވެރިން

ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދަށް ބޮޑު ކުރިއެރުމެއް ލިބިފައިވާއިރު، ރާއްޖެއަށް މިހާރު އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން އަންނަނީ ރަޝިއާއިންނެވެ. އަދި ޗައިނާއިން އަންނަ ފަތުރުވެރިންގެ އަދަދަށް ބޮޑު ކުރިއެރުމެއް ލިބި މިހާރު ލިސްޓުގެ 2 ވަނައަށްވަނީ ޖެހިލާފައެވެ. އަހަރު ފެށުނު އިރު ޗައިނާ އޮތީ ލިސްޓުގެ 9 ވަނައިގައެވެ.

އަހަރުގެ ފުރަތަމަ 5 ދުވަހު އެންމެ ގިނައިން ފަތުރުވެރިން އައިސްފައިވާ ޤައުމުތައް:

• ރަޝިއާ – 16073 ފަތުރުވެރިން
• ޗައިނާ– 14203 ފަތުރުވެރިން
• އިޓަލީ – 14053ފަތުރުވެރިން
• އިނގިރޭސިވިލާތް- 11885ފަތުރުވެރިން
• ޖަރުމަނުވިލާތް – 8064 ފަތުރުވެރިން

މިދިޔަ އަހަރަކީ ރާއްޖޭގެ ފަތުރުވެރިކަމުގައި ކާމިޔާބު އަހަރެކެވެ. އެގޮތުން މިދިޔަ އަހަރު ރާއްޖެއަށް ރެކޯޑު އަދަދަކަށް ފަތުރުވެރިން އައިސްފައިވާއިރު ސަރުކާރުން އެ އަހަރަށް ކަނޑައަޅައިފައިވާ 2 މިލިޔަން ފަތުރުވެރިންގެ އަމާޒުވެސް ވަނީ ހާސިލްކޮށްފައެވެ.

ސަރުކާރުން މިއަހަރަށް ކަނޑައަޅާފައިވަނީ 2.2 މިލިޔަން ފަތުރުވެރިން ގެނައުމަށެވެ. އަދި މި އަމާޒު ހާސިލްކުރުމަށް ރާއްޖޭގ ފަތުރުވެރިންކަން އިޝްތިހާރުކޮށް ޕްރޮމޯޓުކުރުމަށް ގިނަ ފަރަކާތްތަކެއް ކުރިއަށްގެންދިޔުމަށްވަނީ ނިންމާފައެވެ.