ކުޅިވަރު

މޮޅުނުވަނީ ފަހަތުގައި ތިބެގެން ކުޅޭ ޓީމުތައް އަތުން: ޝެޒްނީ


ބާސެލޯނާއަށް މޮޅުވާން އުނދަގޫވަނީ ފަހަތުގައި ތިބެ، ޑިފެންސް ކުރާ ޓީމުތަކާ ދެކޮޅަށް ކުޅޭއިރު ކަމަށް ޢޭ ޓީމުގެ ގޯލްކީޕަރު ވޮސިއެޗް ޝެޒްނީ ބުނެފިއެވެ.

ސީޒަނުގެ ފަހު ބަޔަށް ބާސެލޯނާ އަށް ގެނައި ޕޮލެންޑްގެ ތަޖުރިބާކާރު ކީޕަރު މިހެން ބުނީ ޗެމްޕިއަންސް ލީގުގައި ބެންފީކާ އަތުން ފަހަތުން އަރައި 5-4 އިން މޮޅުވި މެޗަށް ފަހު އެވެ. އޭނާ ބުނީ ސްޕެނިޝް ލީގުގައި ބާސެލޯނާ އަށް އާދައިގެ ޓީމުތައް އަތުން މޮޅުނުވެވެނީ ވެސް އެ ސަބަބާ ހުރެ ކަމަށެވެ.

"އަހަރުމެން ލީގުގައި ވަރަށް ދަށްކޮށް މިއުޅެނީ. އެއީ ތެދެއް. އެކަމަކު ޗެމްޕިއަންސް ލީގުގައި އަހަރުމެންގެ ނަތީޖާތައް ވަރަށް ރަނގަޅު. އެހެން އެވަނީ ޗެމްޕިއަންސް ލީގުގައި ކުޅޭ ޓީމުތަކުން ފަހަތުގައި ނުތިބެ ކުރިއަރާތީވެ ފަހަތުން އަހަރުމެންނަށް ވަރަށް ގިނަ ޖާގަ ލިބޭ. ސްޕެނިޝް ލީގުގައި ކުޅޭ ގިނަ ޓީމުތަކުން ތިބެނީ ފަހަތުގައި،" ޝެޒްނީ ބުންޏެވެ.

ޗެމްޕިއަންސް ލީގުގައި ބާސެލޯނާ އަކީ ލިވަޕޫލް ނެގުމަށްފަހު އެންމެ ގިނަ ޕޮއިންޓް މިހާތަނަށް ހޯދާފައިވާ ޓީމެވެ. ޝެޒްނީ ބުނީ ޗެމްޕިއަންސް ލީގު ފަދަ ބޮޑު މުބާރާތަކަށް އޭނާ އަށް އިތުބާރުކޮށް ކޯޗު ފުރަތަމަ 11 އިން ޖާގަ ދޭތީވެ ވަރަށް ބޮޑަށް ހިތްހަމަޖެހެ ކަމަށެވެ.

"އަހަރެން ބާސެލޯނާ އަށް ކުޅެން މިއީ ރިޓަޔާކޮށްގެން ހުރެފައި. އެކަމަކު މިވީ ކުރު މުއްދަތުގެ ތެރޭގައި ކޯޗު އަހަރެންނަށް އިތުބާރުކޮށްފައި ދަނޑަށް ނެރޭތީވެ އަހަރެން މިހުރީ ވަރަށް އުފަލުން. ޓީމަށް އަހަރެންނަށް ވެވެން އޮތް ހުރިހާ އެހީތެރިކަމެއް ދޭން ބޭނުން،" ޝެޒްނީ ބުންޏެވެ.

ބާސެލޯނާގެ އެއްވަނަ ކީޕަރަކީ ސްޕެއިނުގެ ޒުވާން ކީޕަރު އިކާނީ ޕެންޔާ އެވެ. އޭނާ ވެސް ވަނީ މި ސީޒަނުގައި މޮޅު ކުޅުމެއް ދައްކައިފަ އެވެ. މި ދެ ކުޅުންތެރިންނަށް ކުޅުމުގެ ފުރުސަތު ލިބެން ފެށީ ޓީމުގެ އެއްވަނަ ކީޕަރުކަން ކުރަމުން އައި ކެޕްޓަން ޖަރުމަނުގެ މާކް އަންދްރޭ ޓާސްޓެގަން އަށް އަނިޔާވެ މި ސީޒަނުގައި ނުކުޅެވޭނެކަން ޔަގީންވުމުންނެވެ.