ޔޫއެފާ ޗެމްޕިއަންސް ލީގުގައި ރޭ ޖަރުމަނުގެ ސަލްސްބަރގް އާއި ދެކޮޅަށް ރެއާލް މެޑްރިޑް ކުޅުނު މެޗު ފަސޭހަކަމާއެކު 5-1 ގެ ނަތީޖާއަކުން ކާމިޔާބުކޮށްފި އެވެ.
މެޑްރިޑްގެ ސެންޓިއާގޯ ބަރނަބިއު ސްޓޭޑިއަމްގައި ހަތްދިހަ ތިން ހާހަށްވުރެ ގިނަ މީހުންގެ ކުރިމަތީގައި ކުޅުނު މި މެޗުގެ 23 ވަނަ މިނިޓުގައި ރޮޑްރިގޯ ވަނީ ލަނޑެއް ޖަހާ އިދިކޮޅު ޓީމުގެ ގޯލު ހުޅުވާލާފަ އެވެ.
އަދި މެޗުގެ 34 ވަނަ މިނިޓުގައި އޭނާ ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް މެޗުގެ ނަތީޖާ 2-0 އަށް ބަދަލުކޮށްފަ އެވެ.
ރެއާލް މެޑްރިޑް އިން މެޗު ކޮންޓްރޯލް ކޮށްގެން ކުޅެފައިވާ މި މެޗުގެ ދެވަނަ ހާފުގެ ކުޅުން ފެށުނުތާ ތިންވަނަ މިނިޓުގައި ކިލިއަން އެމްބާޕޭ ވަނީ އިތުރު ލަނޑެއް ޖަހާފަ އެވެ. މި ލަނޑާއެކު އޭނާ ވެފައިވަނީ ޗެމްޕިއަންސް ލީގުގައި 75 ގޯލު ޖަހާފައިވާ އަށް ވަނަ ކުޅުންތެރިޔާއަށް ވެފައެވެ.
މި މެޗުގައި ރެއާލް މެޑްރިޑް އިން ޖެހި ހަތަރުވަނަ ލަނޑާއި ފަސް ވަނަ ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދީފައިވަނީ ވިނިޝިއަސް ޖޫނިއަރ އެވެ.
ސަލްސްބަރގް އިން މި މެޗުގައި ޖެހި ހަމައެކަނި ލަނޑު މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ފަސް މިނިޓަށް ވެފައިވަނިކޮށް އެ ޓީމަށް ކާމިޔާބު ކޮށްދިފައިވަނީ މެޑްސް ބިޑްސްޓްރަޕް އެވެ.
މި ނަތީޖާ އާއިއެކު އެންމެ ފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑަށް ވަނީ މުބާރާތުގެ ދެވަނަ ބުރުގެ ސީދާ ޖާގައެއް އަދި ކަށަވަރު ނުވި ނަމަވެސް ޕްލޭއޮފް މެޗެއް ކަށަވަރުވެފަ އެވެ. މި އަހަރުގެ ކުޅުން ފެށުމުގެ ކުރިން ޗެމްޕިއަންސް ލީގުގައި ރެއާލް މެޑްރިޑް ކުޅުނު ހަ މެޗުގެ ތެރެއިން ތިން މެޗުން ބަލިވެ ތިން މެޗުން މޮޅުވެފައިވާއިރު އެ ޓީމަށް އޮތީ މުބާރާތުގެ ދެވަނަ ބުރުގެ ޖާގައެއް ހޯދުމުގައި ދަތިތަކާއި ކުރިމަތިލާން ޖެހިފަ އެވެ.