ޚަބަރު

ފަހު ވަގުތު ފެނާންޑޭޒް ޖެހި ލަނޑުން ޔުނައިޓެޑް މޮޅުވެއްޖެ


ޔުއެފާ ޔޫރޮޕާ ލީގުގައި ރޭ ރޭންޖާސްއާ ދެކޮޅަށް ކުޅުނު މެޗުގެ ފަހު ވަގުތު ކެޕްޓަން ބްރޫނޯ ފެނާންޑޭޒް ޖެހި ލަނޑާއެކު 2-1 ގެ ނަތީޖާއަކުން މެންޗެސްޓާ ޔުނައިޓެޑް މޮޅުވެއްޖެއެވެ.

މި މެޗުން ޔުނައިޓެޑް މޮޅުވުމާއެކު އެ ޓީމަށް ވަނީ ލީގުގައި މިހާތަނަށް ކުޅުނު 7 މެޗުން 15 ޕޮއިންޓާއެކު ތާވަލުގެ ހަތަރުވަނަ މަގާމް ލިބި މުބާރާތުގެ ދެވަނަ ބުރުގެ ޖާގައެއް ކަށަވަރުވެފަ އެވެ. ރޭންޖާސްއަށް 7 މެޗުން ލިބިފައިވާ 11 ޕޮއިންޓާއެކު އެ ޓީމު އޮތީ ތާވަލުގެ 13 ވަނައިގަ އެވެ. އެހެންކަމުން އެ ޓީމަށް ޖެހޭނީ ދެވަނަ ބުރުގެ ޖާގައެއް ހޯދުމަށް ޕްލޭއޮފް ދެ މެޗު ކުޅުމަށެވެ.

ޔުނައިޓެޑްގެ އޯލްޑް ޓްރެފަޑްގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގައި އެއްވެސް ޓީމަކަށް ލަނޑެއް ޖެހިފައިނުވާއިރު ދެވަނަ ހާފުގެ ކުޅުން ފެށުނުތާ ހަތްވަނަ މިނިޓުގައި ރޭންޖާރސްގެ ބަޓްލޭންޑް އަތުން ބައިކޮޅަށް ވަން ލަނޑާއެކު ޔުނައިޓެޑަށް ވަނީ ކުރި ލިބިފަ އެވެ.

ރޭންޖާސް އިން މި މެޗުގެ ނަތީޖާ އެއްވަރުކޮށްފައިވަނީ މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ދެ މިނިޓަށް ވެފައިވަނިކޮށް ސައިރިއެލް ޑެސާސް ކާމިޔާބުކޮށްދިން ލަނޑުންނެވެ. މި ލަނޑާއެކު ރޭންޖާސްގެ ސަޕޯޓަރުންގެ ފޯރި ގަދަވެގެން ދިޔަތަން ވަނީ ފެނިގެންގޮސްފަ އެވެ. ނަމަވެސް މެޗުގެ ފުރިހަމަ ވަގުތުގެ ކުޅުން ނިމި އިތުރު ވަގުތުގެ ކުޅުމުގައި ޔުނައިޓެޑްގެ ކެޕްޓަން ބްރޫނޯ ފެނާންޑޭޒް ވަނީ ލަނޑެއް ޖަހާ އެ ޓީމަށް މި މެޗުން ތިން ޕޮއިންޓް ކަށަވަރުކޮށްދީފަ އެވެ.

ރޭންޖާސް އަތުން ޔުނައިޓެޑް މޮޅުވެ މުބާރާތުގެ ދެވަނަ ބުރުގެ ސީދާ ޖާގައެއް ލިބުމުގެ ފުރުސަތު ބޮޑުވެފައިވާއިރު މި މެޗުގައިވެސް އެ ޓީމުގެ އެންމެ މުހިންމު ކުޅުންތެރިޔާގެ ގޮތުގައި ބެލެވުނު ރަޝްފޯޑަށް ރުބެން އަމޮރިމް ބެންޗުންވެސް ފުރުސަތު ދީފައެއް ނުވެއެވެ. އަދި މިހާރު ކުރިއަށްދާ ކުޅުންތެރިން ގަނެ ވިއްކުމުގެ ބާޒާރު ނިމުމުގެ ކުރިން ވާނެ ގޮތެއް އަދި ބުނަން ނޭނގޭ ކަމަށްވެސް އަމޮރިމް ވަނީ ބުނެފަ އެވެ.