ޚަބަރު

ޔަމަންގައި ޚިދުމަތް ކުރަމުން ދިޔަ އދގެ ހަތް މުވައްޒަފުން ހިފަހައްޓައިފި


ޔަމަންގެ ވެރިރަށް ޞަންޢާގައި ހަރަކާތްތެރިވަމުން ދިޔަ އދގެ ހަތް މުވައްޒަފަކު ހިފަަހައްޓައިފިއެވެ. އދން ބުނީ، އެ މީހުން ހައްޔަރު ކޮށްފައި ވަނީ ޔަމަންގެ އުތުރުގައި ވެރިކަން ކުރާ ޙޫޘީން ކަމުގައެވެ. އެ ކަން ކުށްވެރިކޮށް، އެ މުވައްޒަފުން މިނިވަން ކުރުމަށް ބާރު އެޅުމުގެ ގޮތުން އދން ވަނީ ޔަމަންގެ އުތުރުގެ ސަރަޙައްދުތަކުގައި ދިރިއުޅޭ ނިކަމެތީންނަށް އިންސާނީ އެހީ ފޯރުކޮށްދިނުމަށް ހިންގަމުން ދިޔަ އޮޕަރޭޝަން ވަގުތީ ގޮތުން މެދުކަނޑައިލާފައެވެ.

އދގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިޔޯ ގުތެރޭޝް ވަނީ ޙޫޘީންގެ އެ އަމަލު އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރައްވާފައެވެ. އަދި، އެ މީހުން ވަގުތުން މިނިވަން ކުރުމަށް ގޮވައިލައްވާފައެވެ. އދން ބުނީ، އެ ހަތް މުވައްޒަފުން ހައްޔަރު ކޮށްފައި ވަނީ ޞަންޢާގައި މަސައްކަތް ކުރަމުން ދަނިކޮށް ކަމުގައެވެ.

"
އދއާއި އދގެ ބައިވެރިންގެ މުވައްޒަފުންނާ ދެކޮޅަށް ހިންގަމުންދާ މި ފަދަ އަމަލުތަކާ ގުޅިގެން ޔަމަންގެ އެތަކެއް މިލިޔަން ނިކަމެތީންނަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ނޭދެވޭ އަސަރު ކުރޭ،"
އދގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިޔޯ ގުތެރޭޝް

މި ކަމާ ގުޅިގެން ޙޫޘީންގެ ބާރުގެ ދަށުގައި އޮތް ސަރަޙައްދުތަކުގައި އދން ފޯރުކޮށްދެމުން ދިޔަ ޚިދުމަތްތައް ވަގުތީ ގޮތުން މެދުކަނޑައިލާފައިވާ ކަމުގައި އން ބުންޏެވެ. "ޣައިރުޤާނޫނީ ގޮތުން ހައްޔަރު ކޮށްފައިވާ އދގެ މުވައްޒަފުންގެ ރައްކާތެރިކަން ކަށަވަރުކޮށް، އެ މީހުން މިނިވަން ކުރުމަށް ހުރިހާ މަގަކުން މަސައްކަތް ކުރާނަން،" ގުތެރޭޝްގެ އޮފީހުން ނެރުނު ބަޔާނެއްގައި ހާމަކުރިއެވެ.

އދން ބުނީ، ހުސްވި ޑިސެންބަރު މަހުގެ ތެރޭގައި ވެސް އދގެ 11 މުވައްޒަފަކު ޙޫޘީންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމުގައެވެ. "އދއާއި އދގެ ބައިވެރިންގެ މުވައްޒަފުންނާ ދެކޮޅަށް ހިންގަމުންދާ މި ފަދަ އަމަލުތަކާ ގުޅިގެން ޔަމަންގެ އެތަކެއް މިލިޔަން ނިކަމެތީންނަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ނޭދެވޭ އަސަރު ކުރޭ،" ގުތެރޭޝް ވިދާޅުވިއެވެ. އދގެ ހަތް މުވައްޒަހަކު ހައްޔަރު ކުރުމާ ގުޅޭ ގޮތުން ޙޫޘީން ވަކި އެއްޗެއް ހާމަކޮށްފައެއް ނެތެވެ.

ޞަންޢާގައި ހުރި އެމެރިކާގެ އެމްބަސީގައި މަސައްކަތްކުރާ 20 މުވައްޒަފަކު ވެސް ތިބީ ޙޫޘީންގެ ބެލުމުގެ ދަށުގައެވެ. މީގެ ތިން އަހަރު ކުރިން ހައްޔަރު ކޮށްފައިވާ އެ މުވައްޒަފުންނަކީ ޔަމަނުގެ ރައްޔިތުންނެވެ. ޔަމަންގައި ހުންނަ އެމެރިކާގެ އެމްބަސީ ބަންދު ކޮށްފައި ވަނީ މީގެ ދަހަރެއްހާ ދުވަސް ކުރިންނެވެ.

ޔަހޫދީންނާ ދެކޮޅަށް ޙޫޘީން ހިންގަމުންދާ އަސްކަރީ ކެމްޕޭން

ޙޫޘީންނަކީ އީރާނުން ވާގިވެރިވާ އެކްސިސް އޮފް ރެސިސްޓެންސްގައި ހިމެނޭ ޖަމާޢަތެކެވެ. ފަލަސްޠީނުގެ ޣައްޒާގެ މުސްލިމުންގެ ނަސްލުހޭދު ކުރުމަށް ޔަހޫދީ ފައުޖުން ހިންގާފައިވާ ލާއިންސާނީ ޖަރީމާތަކާ ގުޅިގެން ޙޫޘީން ދަނީ ޔަހޫދީންނާ ދެކޮޅަށް އަސްކަރީ ހަރަކާތެއް ހިންގަމުންނެވެ. އެ ހަރަކާތުގެ ދަށުން، ޙޫޘީން ދަނީ ރަތް ކަނޑު ހުރަސްކޮށް ދަތުރު ކުރާ ޔަހޫދީންނާ ގުޅުން އޮތް އާގުބޯޓުފަހަރާއި، ޒަޔަނިސްޓު އިސްރާއީލަށް މުދާ އުފުލާ އުޅަނދުފަހަރަށް ޙަމަލާތައް އަމާޒު ކުރަމުންނެވެ. އެ ޖަމާޢަތުގެ ޙަމަލާތައް އަމާޒުކޮށްފައިވާ އުޅަނދުފަހަރުގެ އަދަދު 100އަށް އުފުލިފައިވާއިރު، އޭގެ ތެރެއިން ދެ އުޅަނދެއް ވަނީ ފައްތައިލާފައެވެ.

ޙޫޘީންގެ އަސްކަރީ އޮޕަރޭޝަނާ ގުޅިގެން ޔަހޫދީންގެ އެންމެ ބޮޑު މަދަދުގާރުން ކަމުގައިވާ އެމެރިކާއާއި އިނގިރޭސިވިލާތުން ވަނީ ޔަމަންގެ ޢާންމު ރައްޔިތުންނާ ދެކޮޅަށް އަސްކަރީ ހަރަކާތެއް ފަށާފައެވެ. އަދި، ޔަމަންގެ އެކި ސަރަޙައްދުތަކަށް ބޮން އަޅަން ފަށާފައެވެ. އެއާ އެކު، ޙޫޘީން ވެސް ވަނީ، އެމެރިކާއާއި އިނގިރޭސިވިލާތުގެ އަސްކަރީ މަނަވަރުތަކާއި، އެ ދެ ޤައުމާ ގުޅުން އޮތް އާގުބޯޓުފަހަރަށް ޙަމަލާތައް އަމާޒު ކުރަން ފަށާފައެވެ.

ނަމަވެސް، ޣައްޒާގައި ވެރިކަން ކުރާ ޙަމާސާއި ޔަހޫދީންނާ ދެމެދު ޖަނަވަރީ 19ވަނަ ދުވަހު ޙަމަލާ ބަދަލު ކުރުން މެދުކަނޑައިލުމުގެ އެއްބަސްވުމަކަށް އަމަލު ކުރަން ފެށުމާ އެކު، ޙޫޘީން ވަނީ އެމެރިކާއާއި އިނގިރޭސިވިލާތާ ދެކޮޅަށް ހިންގަމުން ދިޔަ އަސްކަރީ ހަރަކާތްތައް މެދުކަނޑައިލާފައެވެ.