ޚަބަރު

ޚިޔާނާތްތެރިވި މައްސަލައިގަ އަލްމަޝްއަރް ގްރޫޕްގެ ވެރިޔާއާއި އިތުރު ގްރޫޕްތަކަށް ދައުވާކުރަން ފޮނުވައިފި


  • އަލްމަޝްއަރް ގްރޫޕުން 27މީހުން އަތުން އޮޅުވާލައިގެން 5 ލައްކަ ރުފިޔާ ހޯދި

ޢުމުރާއަށް މީހުން ގެންދިއުމުގެ ނަމުގައި އަލްމަޝްއަރް ޕްރައިވެޓް ލިމިޓެޑުން އޮޅުވާލައިގެން ފައިސާ ހޯދި މައްސަލައިގައި ދަޢުވާ ކުރުމަށްއެދި ފުލުހުން ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވައިފިއެވެ.

ފުލުހުން މިއަދު ވިދާޅުވީ، 2024ވަނަ އަހަރު އުމުރާ އަށް މީހުން ގެންދާނެކަމަށް ބުނެ އަލްމަޝްއަރް ޕްރައިވެޓް ލިމިޓެޑުން 27 މީހެއްގެ އަތުން 500،000 އަށްވުރެ ގިނަ ރުފިޔާ ނަގައި، މަކަރާއި ހީލަތުން ފައިސާ ނަގައި އެފައިސާއަށް ޚިޔާނާތްތެރިވެފައިވާ މައްސަލައިގަ ދައުވާކޮށްދިނުމަށް އެދި މިމަހުގެ 19 ވަނަ ދުވަހު ޕްރޮސެކިއުޓަރ ޖެނަރަލް އޮފީހަށް ފޮނުވާފަވާކަމަށެވެ.

ފުލުހުން ވިދާޅުވީ މައްސަލައިގައި ދައުވާކުރަނީ މަސްއަރު ޕްރައިވެޓް ލިމިޓެޑްގެ ކުންފުނީގެ ވެރިޔާ، މ. ހަވީރީފިނި ޢަލީ ފާރިޝްގެ މައްޗަށެވެ. އަލްމަޝްއަރު ޕްރައިވެޓް ލިމިޓެޑުގެ އިތުރުން ޓްރިއާ ޕްރައިވެޓް ލިމިޓެޑާއި، ހާފްޓޯން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް މައްޗަށް ވެސް ދައުވާކޮށް ދިނުމަށް ފުލުހުން ވަނީ އެދިފައެވެ.

ރާއްޖެއިން މީހުން ޢުމްރާއަށް ގެންދިއުމަށް ނަގަންޖެހޭ ހުއްދަ ނެތި އަދި ޢުމްރާއަށް މީހުން ގެންދިއުމާ ބެހޭ އުސޫލާ ޚިލާފަށް އަލްމަޝްއަރު ޓުއާރސްއިން ޢަމަލުކޮށްފައިވާތީ އެ މައްސަލަ އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ފުލުހުންނަށް ހުށައެޅީ މިދިޔަ އަހަރު އޭޕްރިލް މަހުގެ 17ވަނަ ދުވަހުއެވެ.

އިސްލާމިކް މިނިސްޓްރީއިން ވަނީ އެ ގްރޫޕުން ޢުމްރާއަށް ގެންދިއުމުގެ ހުއްދަ ނެތި ޢުމްރާއަށް ގެންދިއުމާއި އޮޅުވާލައިގެން މީހުން އަތުން ފައިސާ ނެގުމާއި އަދި އެ ގްރޫޕުން ޢުމްރާއަށް ގެންދިޔަ ބަޔަކު ރާއްޖެ ނާދެވި ހާލުގަ ޖެހުނު މައްސައްވެސް ބަލާފައެވެ.