ޣައްޒާ ހަނގުރާމަ ފެށުނު ފަހުން އެ ސަރަޙައްދުގައި ވެރިކަން ކުރާ ޙަމާސްގެ އަސްކަރީ ގޮތްޕަށް އެތައް ހާސް ހަނގުރާމަވެރިން ގުޅިފައިވާ ކަމަށް އެމެރިކާގެ ޤަނޫނުހަދާ މަޖިލީހަށް ނިޞްބަތްވާ ދެ މަސްދަރަކުން ބުނެފިއެވެ.
ޖާސޫސީ އިދާރާތަކާ ޙަވާލާދީ އެ މަސްދަރުތަކުން ބުނީ ޣައްޒާގެ މުސްލިމުން ނަސްލުހޭދު ކުރުމަށް 2023ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 7ވަނަ ދުވަހު ޔަހޫދީން ހަނގުރާމަ ފެށި ފަހުން، ޙަމާސްގެ ދަށުން ޙަރަކާތްތެރިވާ ހަނގުރާމަވެރިންގެ ޢަދަދު 10,000އާއި 15,000އާ ދެމެދުގެ ޢަދަދަކުން އިތުރު ކޮށްފައިވާ ކަމަށެވެ. ފާއިތުވި 15 މަސް ދުވަހު ޣައްޒާގައި ދެމިއޮތް ހަނގުރާމައިގެ ޙާލަތުގައި, ހަމަ އެ ޢަދަދާ ގާތް ކުރާ މިންވަރަކަށް ޙަމާސްގެ ހަނގުރާމަވެރިން ޝަހީދުވެފައިވާ ކަމަށް ވެސް އެ އިދާރާތަކުން އަންދާޒާ ކުރެއެެވެ. އެއާއެކު ޙަމާސަކީ ޔަހޫދީންނަށް އޮތް ނުރައްކަލެއް ކަމަށް ދޭހަވާ ފަދަ މޭރުމަކުން އެ މަސްދަރުތަކުން ވަނީ ވާހަކަ ދައްކައިފައެވެ.
އެމެރިކާއިން މީގެ ކުރިން ޙިއްސާ ކޮށްފައިވާ ރަސްމީ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި އޮކްޓޯބަރު 7ގައި ހަނގުރާމަ ފެށުމުގެ ކުރިން ޙަމާސްގެ ހަނގުރާމަވެރިންގެ ގޮތުގައި 25,000އެއްހާ މީހުން ދިޔައީ ޙަރަކާތްތެރި ވަމުންނެވެ. އަދި ހަނގުރާމައިގެ ޙާލަތުގައި ޝަހީދުވި ޙަމާސްގެ ހަނގުރާމަވެރިންގެ ޢަދަދު 20,000އަށް އަރާނެ ކަމަށް ޔަހޫދީ އިދާރާތަކުން ވަނީ ލަފާ ކޮށްފައެވެ.
ޙަމާސަށް އަލަށް ގުޅޭ ހަނގުރާމަވެރިންގެ ޢަދަދާ ގުޅޭ ގޮތުން އެ ޖަމާޢަތުގެ އަސްކަރީ ގޮފީގެ ތަރުޖަމާނު އަބޫ ޢުބައިދާ މިދިޔަ ޖުލައި މަހުގެ ތެރޭގައި ވިދާޅުވީ އެ ޖަމާޢަތާ އެތައް ހާސް ހަނގުރާމަވެރިން ގުޅެމުންދާ ކަމަށެވެ. އެމެރިކާގެ ޖާސޫސީ ރިޕޯޓުތަކުގައި ފާހަގަ ކޮށްފައިވާ ގޮތުން ހަނގުރާމަވެރިންގެ ގޮތުގައި ޙަމާސަށް އަލަށް ގުޅިފައިވާ ހަނގުރާމަވެރިންގެ ތެރޭގައި ގިނައީ ޒުވާނުންނެވެ. އަލަށް ގުޅުނު ހަނގުރާމަވެރިންނަކީ ތަމްރީން ލިބިފައި ނުވާ ހަނގުރާމަވެރިންކަމަށާއި އެ މީހުންގެ ބޭނުން ހިފަނީ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް ކަމަށް އެ އިދާރާތަކުން ބުނެއެވެ.
ޣައްޒާ ހަނގުރާމައިގައި ޝަހީދުވި ޙަމާސްގެ ހަނގުރާމަވެރިންނާ އެއް ޢަދަދަށް އެ ޖަމާޢަތަށް އައު ހަނގުރާމަވެރިން ގުޅިފައިވާ ކަމަށް އެމެރިކާގެ ނިމިދިޔަ ވެރިކަމުގައި ޚާރިޖީ ވަޒީރުގެ މަޤާމުގައި ހުންނެވި އެންތަނީ ބްލިންކަން ވެސް ވަނީ ވިދާޅުވެފައެވެ. ޖަނަވަރީ މަހުގެ 14ވަނަ ދުވަހު އޭނާ ވިދާޅުވީ ހަނގުރާމައިގެ ޙާލަތުގައި ޙަމާސްގެ ހަނގުރާމަވެރިންގެ ޢަދަދު މަދުވިޔަ ނުދީ އެއް ހަމައެއްގައި ހިފެހެއްޓުމަކީ ޔަހޫދީންނާ ދެކޮޅަށް ޙަމާސުން ކުރާ މަސައްކަތް މެދުކެނޑުމެއް ނެތި އެތައް ޒަމާނެއް ވަންދެން ދިގުލައިގެން ދާނެ ކަމުގެ އިޝާރާތެއް ކަމަށެވެ. ޣައްޒާގައި ޔަހޫދީންގެ އަސްކަރީ އޮޕްރޭޝަނެއް ނިންމާލައި ފަހަތަށް ޖެހޭ ކޮންމެ ފަހަރަކު ޙަމާސުން އަނެއްކާވެސް އިންތިޒާމުވެލައި ޔަހޫދީންނާ ދެކޮޅަށް އަލުން ތެދުވާ ކަމަށް އޭނާ ވިދާޅުވިއެވެ.
މިހާރު އިސްތިޢުފާ ދީފައިވާ ޔަހޫދީންގެ އަސްކަރީ ވެރިޔާ ލިއުޓްނަންޓް ޖެނެރަލް ހާޒީ ހަލަވީގެ އިސްތިޢުފާގެ މެސެޖުގައި ބުނީ ޣައްޒާ ބިމާ ހަމަކޮށްލި ހަނގުރާމައިގައި ޙަމާސަށް ބޮޑެތި ގެއްލުންތައް ލިބިފައިވާ ކަމަށާއި ޙަމާސްގެ ގިނަ ޢަދަދެއްގެ އަސްކަރީ އިސް ލީޑަރުން ޝަހީދުވެފައިވާ ކަމަށެވެ. ޙަމާސް ބަލިކަށި ވެފައިވާ ކަމަށް ޔަހޫދީން ބުނަމުން ދިޔަ ނަމަވެސް ޔަހޫދީންނާ ޙަމާސާ ދެމެދު ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމެއް މިހާރު ޤާއިމު ކޮށްފައިވާއިރު, ޣައްޒާގައި ޙަމާސްގެ ބާރު ކުޑަ ވެފައިވާ ކަމަކަށް ނުފެނެއެވެ. ޙަމަލާ ބަދަލުކުރުން ހުއްޓާލާފައިވާ މި ޙާލަތުގައި ޙަމާސުން އަވަދިނެތި މަސައްކަތް ކުރަމުން ދަނީ ޣައްޒާގައި ސަލާމަތީ ފިޔަވަޅުތައް އަޅައި އަސާސީ ޚިދުމަތްތައް އަލުން ފޯރު ކޮށްދިނުމަށެވެ.