ލުބުނާނުގެ މުޖާހިދުންގެ ޖަމާޢަތް, ޙިޒްބުاللهއާއި ޔަހޫދީ ދައުލަތާ ދެމެދު ވެފައިވާ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާ އެއްގޮތަށް ޢަމަލު ކުރަން ދެކޮޅު ހަދައި, ޔަހޫދީ ފައުޖު ލުބުނާނުން ނުފައިބައި ޢާންމުންނަށް ޙަމަލާ ދޭން ފަށައިފިއެވެ.
ޔަހޫދީ ދައުލަތާއި ޙިޒްބުاللهއާ އަހަރަކަށް ވުރެ ގިނަ ދުވަސް ވަންދެން ހަނގުރާމަ ކުރަމުން ދަނިކޮށް އެމެރިކާއާއި ފަރަންސޭސިވިލާތުން އިސްވެ އޮވެ ހަނގުރާމަ ހުއްޓައިލުމުގެ އެއްބަސްވުމެއް ޤާއިމު ކުރީ މިދިޔަ ނޮވެމްބަރު މަހުގެ 27ވަނަ ދުވަހުއެވެ. އެ އެއްބަސްވުމުގެ ދަށުން ލުބުނާނުގެ ލީޠާނީ ކޯރުގެ ދެކުނުގެ ސަރަޙައްދުތަކުން ޙިޒްބުاللهގެ ހަނގުރާމަވެރިން ފައިބައި ހަތިޔާރުތައް އެހެން ސަރަޙައްދަކަށް ގެންދަން ޖެހެއެވެ. ހަމަ އެއާ އެކު ޔަހޫދީ ފައުޖު ވެސް ލުބުނާނުގެ ދެކުނުގެ ސަރަޙައްދުތަކުން ފައިބަން ޖެހެއެވެ. އެ ސަރަޙައްދުގައި ދެން ޙަރަކާތްތެރި ވާނީ ލުބުނާނުގެ އަސްކަރިއްޔާއިން ކަމަށް އެެއްބަސްވުމުގައި ބުނެފައި ވެއެވެ. އެ ކަންކަން ހާޞިލް ކުރަން ދީފައި ވަނީ އެއްބަސްވުން ޤާއިމު ކުރާ ތާރީޚުން ފެށިގެން 60 ދުވަހުގެ މުއްދަތެކެވެ. ޖަނަވަރީ މަހުގެ 26ވަނަ ދުވަހުގެ ހެނދުނު 7 ޖެހިއިރު އެ މުއްދަތު ވަނީ ހަމަވެފައެވެ.
ނަމަވެސް އެއްބަސްވުމަށް ޢަމަލު ނުކުރަން ބަހަނާ ދައްކައި ޔަހޫދީން ވަނީ ލުބުނާނުން ފޭބުމަށް ދެކޮޅު ހަދައިފައެވެ. ހަނގުރާމައިގައި ގެދޮރު ގެއްލިފައިވާ ލުބުނާނުގެ އެތައް ރައްޔިތުންނެއް ދެކުނު ލުބުނާނުގައި ހުރި އެ މީހުންގެ ރަށްތަކަށް އަނބުރާ ދިއުމުގެ އުންމީދުގައި ސަރަޙައްދީ ރަށްތައް ކައިރިއަށް ޖަމާވަމުން ދަނިކޮށް ޔަހޫދީން ވަނީ އެމީހުންގެ އަވަށްތަކަށް އަނބުރާ ނުދިއުމަށް ވެސް ޢަމުރު ކޮށްފައެވެ. އެއާއެކު އެ ސަރަޙައްދުތަކުގައި ވަނީ ނުތަނަވަސްކަން އުފެދިފައެވެ.
މި ޙާލަތުގައި ޔަހޫދީ ފައުޖުން ވަނީ ލުބުނާނުގެ ރައްޔިތުންނަށް އަމާޒުކޮށް ޙަމަލާތައް ދީ ޢާންމުންގެ އެގާރަ މީހުން ޝަހީދު ކޮށްލައިފައެވެ. އިތުރު 83 މީހަކަށް އެކިވަރުގެ އަނިޔާ ލިބިފައިވާ ކަމަށް ލުބުނާނުގެ ޞިއްޙީ ވުޒާރާއިން ބުނެއެވެ. ޔަހޫދީ ފައުޖުން އެމީހުންނަށް ޙަމަލާ ދީފައިވަނީ ދެކުނު ލުބުނާނުގެ 15 ސަރަޙައްދެއްގައި ހުރި ރަށްތަކަށް ވަނުމަށް މަސައްކަތް ކުރަމުން ދަނިކޮށް ކަމަށް އެ ވުޒާރާއިން ބުނެއެވެ. އެއްބަސްވުމާ އެއްގޮތަށް ޔަހޫދީން ދެކުނު ލުބުނާނުން ފައިބާފައި ނުވާތީ އެ ރަށްތަކަކީ އަދިވެސް ޔަހޫދީންގެ ބާރުގެ ދަށުގައި އޮތް ރަށްތަކެވެ.
ޙިޒްބުاللهން ވަނީ އެއްބަސްވުމުގައި ޝަރުތު ކޮށްފައިވާ ގޮތަށް ދެކުނު ލުބުނާނުން ޔަހޫދީ ފައުޖު ނުފޭބުމަކީ އެއްބަސްވުމާ ޚިލާފުވުމުގެ ޢަމަލެއް ކަމަށް ބުނެފައެވެ. ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާ އެއްގޮތަށް ޔަހޫދީން ޢަމަލު ކުރާކަން ޔަޤީން ކުރުމަކީ ލުބުނާނުގެ އައު ސަރުކާރުގެ ޒިންމާއެއް ކަމުގައި, މިހާރު ވަރަށް ބޮޑަށް ބަލިކަށިވެފައިވާ ޙިޒްބުاللهން ދަނީ ބުނަމުންނެވެ.
އެއްބަސްވުމާ ޔަހޫދީން ޚިލާފުވުމާ ގުޅިގެން ލުބުނާނުގެ ޤާނޫނު ހަދާ މަޖިލީހުގެ މެންބަރެއް ކަމުގައިވާ ޙިޒްބުاللهގެ ޙަސަން ފަޟްލުالله ވިދާޅުވީ އަމިއްލަ ވަޒަނުގައި ބަޔަކު ތިއްބާ ދެ ފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުމާ ޚިލާފުވީ ދުޝްމަނުން ކަމަށެވެ. އެ ބިމަކީ ލުބުނާނުގެ ރައްޔިތުންގެ އަމިއްލަ ބިމެއް ކަމަށާއި އެ ބިން އަނބުރާ ހޯދުމަށް ރައްޔިތުން ޤުރުބާންވަމުން ދާ ކަމަށް އޭނާ ވިދާޅުވިއެވެ. މި ޙާލަތުގައި ދައުލަތުން ޒިންމާ ޢަދާކޮށް އެއްބަސްވުން ތަންފީޒު ކުރަން މަސައްކަތްކުރަން ޖެހޭނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ޖަނަވަރީ މަހުގެ 9ވަނަ ދުވަހު ލުބުނާނުގެ ރައީސްގެ މަޤާމާ ޙަވާލުވެވަޑައިގެންނެވި ޖޫޒީފް ޢައޫން ވަނީ ލުބުނާނުގެ ދެކުނުގައި ތިބި ރައްޔިތުން މި ދަނޑިވަޅުގައި މަޑުމައިތިރިވެ ލުބުނާނުގެ އަސްކަރިއްޔާއަށް އިތުބާރު ކުރުމަށް އިލްތިމާސް ކުރައްވާފައެވެ. އޭނާ ވިދާޅުވީ ލުބުނާނުގެ އިސްތިޤުލާލާއި ސަރަޙައްދީ ނަޒާހަތްތެރިކަމަކީ އެ ކަމާމެދު ބަހުޘް ކުރެވޭނެ ކަންތައްތަކެއް ނޫން ކަމަށް ވިދާޅުވެފައެވެ. އަދި ޢާންމުންގެ ހައްޤުތަކާއި ކަރާމާތް ރައްކާތެރި ކުރުމަށްޓަކައި މައްސަލަ ހައްލު ކުރެއްވުމަށް އެންމެ މަތީ ފެންވަރުގައި މަސައްކަތް ކުރައްވަމުންދާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.