ޚަބަރު

މާލޭގައި އޭލެވެލް ކިޔެވޭނެ ޖާގަ އިތުރުކުރުމުގެ މަސައްކަތްތަކެއް މިއަހަރު ފެށޭނެ: ވަޒީރު ޑރ. ޝަފީޢު


  • ޒުވާނުންނަށާއި ތަޢުލީމީ ދާއިރާއަށް ދިމާވާ މައްސަލަތަކުގެ ހައްލަކީ އޭލެވެލް ކިޔެވުންކަމަށް ވިދާޅުވި

  • 2024 ވަނަ އަހަރުގެ ތަޢުލީމީ ދާއިރާގެ ރިވިއު އެކުލަވާލުމުގެ މަސައްކަތް ވަނީ ފަށާފައި

މަތީ ސާނަވީ ތަޢުލީމު ކިޔަވާ ދަރިވަރުންގެ އަދަދު އިތުރުކުރުމުގެ ގޮތުން މާލޭގައި އޭލެވެލް ކިޔެވޭނެ ޖާގަ އިތުރުކުރުމުގެ މަސައްކަތްތަކެއް މިއަހަރުގެ ތެރޭގައި ފެށޭނެކަމަށް ތަޢުލީމީ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ މިދިޔަ އަހަރުގެ ތަޢުލީމީ ދާއިރާ ކުރިއަށްދިޔަ ގޮތާ ބެހޭގޮތުން މަޝްވަރާކުރުމަށް "އެނުއަލް ޖޮއިންޓް އެޑިޔުކޭޝަން ސެކްޓަރ ރިވިއު"ގެ ނަމުގައި ކުރިއަށްގެންދާ ސަމިޓު ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.

އެނުއަލް ޖޮއިންޓް އެޑިޔުކޭޝަން ސެކްޓަރ ރިވިއުގެ ނަމުގައި ކުރިއަށްގެންދާ މި ސަމިޓުގައި ތަޢުލީމީ ދާއިރާގައި މަސައްކަތްކުރައްވާ ބައެއް ބޭފުޅުންނާއި ދައުލަތުގެ ބައެއް ވުޒާރާތަކުގެ އިސްވެރިންވެސް ބައިވެރިވެވަޑައިގަންނަވައެވެ.

މި ސަމިޓުގައި ވާހަކަފުޅުދައްކަވަމުން ތަޢުލީމީ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވީ މިހާރު ރާއްޖޭގެ ތަޢުލީމީ ދާއިރާއަށާއި ޒުވާނުންނަށް ދިމާވާ އެކި މައްސަލަތަކުގެ ހައްލަކީ މަތީ ސާނަވީ ތަޢުލީމަށް ކިޔަވާ ދަރިވަރުންގެ އަދަދު އިތުރުކުރުން ކަމަށެވެ. އެގޮތުން ސަރުކާރުގެ މި ސިޔާސަތާ ޙާސިލުކުރުމަށް މިދިޔަ އަހަރުގެ ތެރޭގައި މަތީ ސާނަވީ ތަޢުލީމު ކިޔަވާ ދަރިވަރުންގެ އަދަދު އިތުރުކުރުމަށް ޕައިލެޓު ޕްރޮގުރާމެއް ކުރިއަށްގެންދެވުނުކަން ވަޒީރު ފާހަގަކުރެއްވިއެވެ.

މާލެއާއި އަތޮޅުތައް ހިމެނޭހެން 23 ސްކޫލެއްގައި ކުރިއަށްގެންދެވުނު މި ޕައިލެޓު ޕްރޮގުރާމްގެ ނަތީޖާ ވަޒީރުގެ ވަހާކަފުޅުގައި ހިއްސާކުރެއްވިއެވެ. އެގޮތުން މި ޕްރޮގުރާމްގެ ސަބަބުން ސަރުކާރު ސްކޫލްތަކުގައި ކިޔެވި ދަރިވަރުންގެ ތެރެއިން މަތީ ސާނަވީ ތަޢުލީމު ކިޔަވަން ފެށި ދަރިވަރުންގެ އަދަދު 2023 ވަނަ އަހަރާ އަޅާބަލާއިރު މިދިޔަ އަހަރު 77 އިންސައްތަ އިތުރުކަން ވަޒީރު ފާހަގަކުރެއްވިއެވެ.

"ޕައިލެޓް ޕްރޮގުރާމްގެ ތެރެއިން މާލޭގެ ސްކޫލްތަކުގައި ކިޔެވި ދަރިވަރުންގެ ތެރެއިން މަތީ ސާނަވީ ތަޢުލީމު ކިޔަވަން ފެށި ދަރިވަރުންގެ އަދަދު 109 އިންސައްތަ އިތުރުކުރެވިއްޖެ. އަތޮޅުތެރޭގައި 54 ޕަސެންޓް މަތި ކުރެވިއްޖެ" ޕައިލެޓް ޕްރޮގުރާމްގެ ނަތީޖާ ޙިއްސާކުރައްވަމުން ވަޒީރު ވިދާޅުވިއެވެ.

މީގެ އިތުރުން މަތީ ސާނަވީ ތަޢުލީމު ކިޔެވުމަށް ހުރި ޖާގަ އިތުރުކުރުމަށް ކުރެވޭ މަސައްކަތްތަކަށްވެސް ވަޒީރުގެ ވާހަކަފުޅުގައި އަލިއަޅުވާލެއްވިއެވެ. އެގޮތުން ޖާގަ އިތުރުކުރުމުގެ އައު މަސައްކަތްތަކެއް މިއަހަރު މާލޭގައި ފެށޭނެކަމަށް ވަޒީރު ވިދާޅުވިއެވެ.

"ރައީސްގެ އިރުޝާދުފުޅާ އެއްގޮތަށް މިއަހަރު ޖާގަ އިތުރުކުރުމުގެ އިންފްރާސްޓްރަކްޗަރގެ އައު މަސައްކަތްތަކެއް ކުރިއަށްގެންދާނަން" ވަޒީރު ވިދާޅުވިއެވެ.

އެނުއަލް ޖޮއިންޓް އެޑިޔުކޭޝަން ސެކްޓަރ ރިވިއު ކުރިއަށްދަނީ އެއް ދުވަހުގެ މުއްދަތަކަށެވެ. ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ތަޢުލީމީ ވުޒާރާއިން ވިދާޅުވީ ތަޢުލީމީ ދާއިރާއަށް ދިމާވާ ދަތިތަކާއި އެ ދަތިތައް ހައްލުކުރުމަށް ކުރެވޭ މަސައްކަތްތަކާ ގުޅޭގޮތުން މި ސަމިޓުގައި މަޝްވަރާކުރާނެ ކަމަށެވެ. އަދި ނިމުނު އަހަރު ތަޢުލީމީ ދާއިރާއަށް އައި ކުރިއެރުންތަކާ ބެހޭގޮތުންވެސް މަޝްވަރާކޮށް، 2024 ވަނަ އަހަރުގެ ތަޢުލީމީ ދާއިރާގެ ފައިނަލް ރިވިއު އެކުލަވާލެވޭނެކަމަށްވެސް އެ ވުޒާރާއިން ވިދާޅުވިއެވެ.

ރިވިއުކުރުމުގެ މަސައްކަތް ކުރިއަށްގެންދަނީ ގްލޯބަލް ޕާޓްނަރޝިޕް ފޮރ އެޑިޔުކޭޝަން، ޖީޕީއީގެ އެހީތެރިކަމާއެކު ޔުނިސެފާ ގުޅިގެން ތަޢުލީމީ ވުޒާރާއިންނެވެ. މިއީ ޖީޕީއީގެ އެހީތެރިކަމާއެކު މިފަދަ ރިވިއުއެއް ކުރިއަށްގެންދާ ފުރަތަމަ ފަހަރެވެ. މި ރިވިއުގެ ޑްރާފްޓް މިހާރު އެކުލަވާލާފާވާއިރު ސަމިޓުގައި ކުރިއަށްދާނީ ފައިނަލް ރިވިއު އެކުލަވާލުމުގެ މަސައްކަތެވެ.