ޚަބަރު

ދޮޅު އަހަރަށް ފަހު ފަލަސްޠީނުގެ ރައްޔިތުން ޣައްޒާގެ އުތުރަށް


ފަލަސްޠީނުގެ ޣައްޒާގެ އުތުރުގެ ރަށްތަކުގައި ދިރިއުޅޭ ރައްޔިތުން އެނބުރި ވަޒަނަށް ދިޔުމަށް ހުރަސް އެޅުމަށް ފަހު، ޔަހޫދީން އެ ކަމުގެ ފުރުޞަތު ދޭން ފަށައިފިއެވެ. މީގެ ކުރިން ޔަހޫދީން ދިޔައީ ޣައްޒާގެ އުތުރާއި ދެކުނު ގުޅައިދޭ މައި މަގު ކަމުގައިވާ ޞަލާޙުއްދީން މަގަށް ނިރުބަވެރި ސިފައިންނާއި ހަތިޔާރު ޖަމާކޮށް، އެ ކަމަށް ހުރަސް އަޅަމުންނެވެ. ޔަހޫދީންގެ ބޭނުމަކަށްވީ، ޣައްޒާގައި ވެރިކަން ކުރާ ޙަމާސް ޖަމާޢަތުގެ ބެލުމުގެ ދަށުގައި ތިބި އަސީރުންގެ ތެރެއިން އިތުރު ހަ މީހަކު މިނިވަން ކުރުމަށް އެ ޖަމާޢަތަށް މަޖުބޫރު ކުރުވުމެވެ.

ޣައްޒާގެ އުތުރުގެ ރަށްތަކުގެ ރައްޔިތުން އެނބުރި ގެދޮރަށް ދިޔުމަށް މަސައްކަތް ފަށާފައި ވަނީ އެ ސަހަރުގައި ވެރިކަން ކުރާ ޙަމާސް ޖަމާޢަތާއި ޔަހޫދީންނާ ދެމެދު ސުލްޙައިގެ އެއްބަސްވުމަކަށް އަމަލު ކުރަން ފެށުމާ އެކުގައެވެ. އޭގެތެރޭގައި ގިނައީ ޣައްޒާގެ މުސްލިމުންގެ ނަސްލުހޭދު ކުރުމަށް ޔަހޫދީން ހިންގާފައިވާ ލާއިންސާނީ ޢުދުވާނުގެ ތެރެއިން ގެދޮރުން ނެރެފައިވާ މީހުންނެވެ. އަދި، ނިރުބަވެރި ޙަމަލާތަކުގައި ގެދޮރު ސުންނާފަތިކޮށް، ގެދޮރު ނެތިކޮށްލާފައިވާ މީހުންނެވެ.

2023 އޮކްޓޫބަރު 7ން މި އަހަރުގެ ޖަނަވަރީ 19އާ ދެމެދު، އެމެރިކާއިން ފޮނުވަމުން ދިޔަ ފަނާކުރަނިވި ހަތިޔާރު ބޭނުން ކޮށްގެން ހިންގި ޤަތުލުޢާންމުގައި ޝަހީދު ކޮށްލި މީހުންގެ އަދަދު 47,306އަށް އަރައެވެ. އަދި، ޒަޚަމު ކޮށްލާފައިވާ މީހުންގެ އަދަދު ވަނީ 111,483އަށް އުފުލިފައެވެ.

ޢުދުވާނުގައި ޣައްޒާގެ އުތުރުގައިވާ ރަށްތަކަށް ބޮޑެތި ގެއްލުންތަކެއް ދީފައިވާއިރު، އެނބުރި ވަޒަނަށް ދަތުރު ކުރުމަށް މަސައްކަތް ކުރަމުން ދިޔަ މީހުންނަށް ހުރަސް އެޅުމުގެ ގޮތުން ޔަހޫދީންގެ ނިރުބަވެރި ސިފައިން ވަނީ މަގުތައް ބަންދު ކޮށްފައެވެ. އަދި، ހުރަސްތައް ޖަހާފައެވެ. އެ މީހުން ހުއްޓުވުމަށް ޔަހޫދީން ދިޔައީ ހަތިޔާރުގެ ބިރު ދައްކަމުންނެވެ. އަދި، ބައެއް މީހުންނަށް ޙަމަލާދީ އެކަކު ޝަހީދު ކޮށްލިއެވެ. އަލް-ޢަވްދާ ހަސްފަތާލުން ބުނީ، އިތުރު 15 މީހުން ޒަޚަމު ކޮށްލާފައިވާ ކަމުގައެވެ.

ވަޒަނަށް އެނބުރި ދިޔުމަށް މަސައްކަތް ކުރަމުންދާ ޣައްޒާގެ ރައްޔިތުންނަށް ޔަހޫދީ ސިފައިން ހުރަސް އަޅަމުން ގޮސްފައި ވަނީ، އެއްބަސްވުމާ އެއްގޮތަށް ޙަމާސްގެ ބެލުމުގެ ދަށުގައި ތިބި އަސީރުންގެ ތެރެއިން އިތުރު ބަޔަކު މިނިވަން ކޮށްފައިވާ ދަނޑިވަޅެއްގައެވެ. ޔަހޫދީން އަމަލުތަކާ ގުޅިގެން އެއްބަސްވުން ނަގަހައްޓަން ކުރަމުންދާ މަސައްކަތްތަކަށް ހުރަސް އެޅެމުންދާ ކަމުގައި މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ބުންޏެވެ.

ޔަހޫދީންގެ އަމަލުތަކާ އެކު އެއްބަސްވުން ދަމަހައްޓަން ހުރަސްތަކެއް

އެއްބަސްވުން ދެމެހެއްޓުމަށް ކުރަމުންދާ މަސައްކަތްތައް ހަރުދަނާ ކުރުމަށް ބާރުއެޅުމުގެ ގޮތުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މެދުއިރުމައްޗަށް ކަނޑައަޅާފައި ހުންނަވާ މަންދޫބު ސްޓީވް ވިޓްކޮފް ޒަޔަނިސްޓު އިސްރާއީލަށް ވަޑައިގެންނެވުމަށް ހަމަޖެހިފައިވާ ކަމުގައި އިސްރާއީލުގެ މަޞްދަރުތަކުން ހާމަކުރިއެވެ. ޔަހޫދީންގެ ލާއިންސާަނީ ޖަރީމާތަކުގެ އެންމެ ބޮޑު މަދަދުގާރަކީ ވެސް އެމެރިކާއެވެ.

"ގިނަ އަދަދެއްގެ ބަޔަކު ތިބީ ޣައްޒާ ސިޓީއާއި އުތުރަށް ދަތުރު ކުރުމުގެ ހުއްދައިގެ ސިގުނަލަކަށް ބަލަން. އެއީ ނޫންތޯ ސޮއިކޮށްފައިވާ އެއްބަސްވުމުގައި އޮތް ގޮތަކީ؟ އެ މީހުންގެ ގެދޮރު އޮތް ހާލަތެއް ވެސް ނޭނގޭ. ނަމަވެސް، އެންމެން ވެސް ބޭނުމީ އެނބުރި ވަޒަނަށް ދާން،" ޣައްޒާ ސިޓީއަށް އެނބުރި ދިޔުމަށް މަސައްކަތް ކުރަމުންދާ ތަމީރް އަލް-ބުރާޢީ ބުންޏެވެ.

އެ މީހުންނަށް އެނބުރި ވަޒަނަށް ދަތުރު ކުރުމުގެ ފުރުޞަތު ޔަހޫދީން ދީފައި މި ވަނީ ދެ ދުވަހު އެ ކަމަށް ހުރަސް އެޅުމަށް ފަހުއެވެ. ޒަޔަނިސްޓު އިސްރާއީލުގެ ނިރުބަވެރި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ އޮފީހުން ބުނީ، ޙަމާސުން ރަހީނު ކޮށްފައިވާ އަސީރުންގެ ތެރެއިން އިތުރު ހަ މީހަކު މިނިވަން ކުރަން އެ ޖަމާޢަތުން އެއްބަސްވެފައިވާ ކަމުގައެވެ. މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ބުނީ، ޣައްޒާގެ އުތުރުގައި ދިރިއުޅޭ ރައްޔިތުންނަށް ޔަހޫދީ ސިފައިން ހުރަސް އަޅާފައި ވަނީ، އިތުރު އަސީރުން މިިނިވަން ކުރުމަށް ޙަމާސަށް މަޖުބޫރު ކުރުވުމުގެ ގޮތުން ކަމުގައެވެ.

2023ވަނަ އަހަރު ޣައްޒާ ޢުދުވާން ފެށުމާ އެކު ޔަހޫދީ ފައުޖުގެ ހައްދުފަހަނަ އެޅި ސިފައިން ވަނީ އެ ސަހަރުގެ އުތުރުގެ ސަރަޙައްދުތަކަށް އަރައިގަނެފައެވެ. އަދި، ނުރައްކާތެރި ޙަމަލާތަކެއްދީ، އެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުން، އެ މީހުންގެ ގެދޮރުން ނެރެފައެވެ. އަދި، ދެކުނުގައިވާ ރައްކާތެރި ހިސާބުތަކަށް ބަދަލުވުމަށް މަޖުބޫރު ކުރުވާފައެވެ. އެ ސަރަޙައްދުން މިލިޔަނަކަށް ވުރެ ގިނަ މީހުން ފައިބާފައިވާ ކަމުގައި މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ބުންޏެވެ.

އެ މީހުން އެނބުރި ވަޒަނަށް ދިޔުމަށް ހުރަސް އަޅާފައިވާ ސަބަބުތަކުގެ ތެރޭގައި، އަރްބެލް ޔަހޫދު ކިޔާ ޔަހޫދީއަކު މިނިވަން ކުރުމަށް ޙަމާސުން ދެކޮޅު ހެދުން ހިމެނެއެވެ. އަދި، ބާކީ ތިބި އަސީރުންގެ ހާލަތު ހާމަކޮށްދިނުމަށް ޙަމާސުން ފަސްޖެހުން ހިމެނޭ ކަމުގައި ވެސް ޔަހޫދީން ބުންޏެވެ. ނަމަވެސް، ޙަމާސުން ބުނީ، ޣައްޒާގެ އުތުރުގައި ދިރިއުޅޭ ރައްޔިތުންނަށް އެނބުރި ވަޒަނަށް ދިޔުމަށް ޔަހޫދީން ހުރަސް އަޅާފައި ވަނީ އެއްބަސްވުމާ ޚިލާފަށް ކަމުގައެވެ.