ޚަބަރު

ސޫރިޔާއާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުމަށް ވިލާތުގެ އިއްތިޙާދުން މަގުޗާޓެއް އެކުލަވާލަނީ


ސޫރިޔާއާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކަށް ލުއި ދިނުމަށް މަގުޗާޓެއް އެކުލަވައިލުމަށް ވިލާތުގެ އިއްތިޙާދުން އެއްބަސްވެއްޖެއެވެ.

ސޫރިޔާގެ އަހުލީ ހަނގުރާމައިގެ ޙާލަތުގައި އެ ޤައުމުގެ ވަކިވަކި ފަރުދުންނާއި އިޤްތިޞާދަށް އަމާޒުކޮށް ވިލާތުގެ އިއްތިޙާދުން ވަނީ ގިނަ ދަތިކުރުމުގެ ފިޔަވަޅުތަކެއް އަޅައިފައެވެ. އޭގެ ތެރޭގައި ސޫރިޔާއިން ތެޔޮ ބޭރު ކުރުން މަނާ ކުރުމާއި ބައިނަލްއަޤްވާމީ މާލީ ނިޒާމުތައް ބޭނުން ނުކުރެވޭ ގޮތް ހެދުން ހިމެނެއެވެ. ނަމަވެސް މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައި ސޫރިޔާގެ ރައީސްގެ މަޤާމުގައި ހުންނެވި ބައްޝާރު އަލް-އަސަދުގެ ވެރިކަން ކުއްލިގޮތަކަށް ނިމުމަކަށް އައިސް, އޭނާގެ ވެރިކަން ނިމުމަކަށް ގެނައުމަށް އިސް ދައުރެއް އަދާ ކުރި ހަޔިއަތު ތަޙްރީރު އަލް-ޝާމް (އެޗްޓީއެސް)ން ސޫރިޔާގެ ހިންގުމާ ޙަވާލުވުމުން ވިލާތުގެ އިއްތިޙާދަށް ނިޞްބަތްވާ ޤައުމުތަކުން ވަނީ އެ ޤައުމުތަކުން ސޫރިޔާއާ މެދު ޢަމަލު ކުރަމުން ދިޔަ ސިޔާސަތުތައް އަލުން މުރާޖަޢާ ކުރަން ފަށައިފައެވެ.

ތޭރަ އަހަރަށް ދެމިގެން ދިޔަ ސޫރިޔާގެ އަހުލީ ހަނގުރާމަ ނިމުމަކަށް އައުމުން އެ ޤައުމު އަލުން ބިނާކޮށް އާރާސްތު ކުރުމަށް ވިލާތުގެ އިއްތިޙާދަށް ނިޞްބަތްވާ ޤައުމުތަކުން އޮތީ ތައްޔާރަށެވެ. ނަމަވެސް ގިނަ ޤައުމުތަކަކުން ވަނީ ސޫރިޔާއާ ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތައް މާ އަވަސް އަރުވާލައިގެން އުވާލައިފި ނަމަ ސޫރިޔާގެ މައްޗަށް އޮތް އެ އިއްތިޙާދުގެ ނުފޫޒު ކުޑަ ވެދާނެ ކަމުގެ އިންޒާރު ދީފައެވެ. އޭގެ ބަދަލުގައި މަރުޚަލާތަކަކަށް ބަހާލައިގެން ފިޔަވަޅުތަކަށް މަޑުމަޑުން ލުއި ދޭ ނަމަ ސޫރިޔާގެ އައު ސަރުކާރުން އިންސާނީ ހައްޤުތައް ރައްކާތެރިވެ އިޚްތިރާމު ކުރުމަށް ބާރު އަޅައި, ގިނަ ބައެއްގެ ބައިވެރިވުން އޮންނަ ގޮތަށް ޤައުމު ހިންގުމަށް ބާރު އެޅޭނެ ކަމަށް އެ ޤައުމުތަކުން ޤަބޫލު ކުރެއެވެ.

ވިލާތުގެ އިއްތިޙާދުގެ ޚާރިޖީ ސިޔާސަތުތަކާ ބެހޭ އިިސްވެރިޔާ ކަޔާ ކަލަސް ވިދާޅުވީ ސޫރިޔާއާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކަށް ލުއި ދިނުމަށް މަގު ޗާޓެެއް ތައްޔާރު ކުރުމަށް އެ އިއްތިޙާދަށް ނިޞްބަތްވާ ޚާރިޖީ ވަޒީރުން ނިންމަވާފައިވާ ކަމަށެވެ. ވިލާތުގެ އިއްތިޙާދުން ބޭނުންވަނީ ވީ އެންމެ އަވަހަކަށް ފިޔަވަޅުތައް އުވާލުމަށްކަން ފާހަގަ ކުރައްވާ ކަލަސް ވިދާޅުވީ ސޫރިޔާގެ ސަރުކާރުގެ ޢަމަލުތައް ގޯސް މިސްރާބަކަށް ދާ ކަމަށް ފާހަގަ ވެއްޖެ ނަމަ ދަތި ކުރުމުގެ ފިޔަވަޅުތައް އަލުން އިޢާދަ ކުރެވޭނެ ކަމަށެވެ.