ޚަބަރު

އިންޑިޔާއާއި ޗައިނާއާ ދެމެދު ސީދާ ވައިގެ ދަތުރުތައް އަލުން ފަށަނީ


ފަސް އަހަރުގެ މެދުކެނޑުމަކަށް ފަހު އިންޑިޔާއާއި ޗައިނާއާ ދެމެދު ސީދާ ވައިގެ ދަތުރުތައް އަލުން ފެށުމަށް ދެ ޤައުމުން އެއްބަސްވެއްޖެއެވެ. މިއީ، 2020ވަނަ އަހަރު ދެ ޤައުމު ގުޅޭ ސަރަޙައްދީ ރޮނގު ކައިރީގައި، ދެ ޤައުމުގެ ސިފައިންގެ ދެމެދުގައި ހިނގި ޙަމަލާ ބަދަލު ކުރުންތަކަށް ފަހު، ގުޅުންތައް ރަނގަޅުވަމުން އަންނަ ކަމުގެ ނިޝާނެއް ކަމަށް ބެލެވެއެވެ.

ދެ ޤައުމުގެ ދެމެދުގައި ސީދާ ވައިގެ ދަތުރުތައް އަލުން ފެށުމާ މެދު މަޝްވަރާ ކުރުމަށް ނިންމާފައިވާ ކަން އިޢުލާނު ކޮށްފައި ވަނީ އިންޑިޔާގެ ޚާރިޖީ ވުޒާރާއިންނެވެ. އެ ވުޒާރާއިން ބުނީ، ވީ އެންމެ އަވަހަކަށް ވައިގެ ދަތުރުތައް އަލުން ފެށުމާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް ދެ ޤައުމުގެ މެދުގައި ބައްދަލުވުންތައް ބޭއްވުމަށް ތައްޔާރުވަމުންދާ ކަމުގައެވެ. އެ ވުޒާރާއިން މި ކަން ހާމަކޮށްފައި ވަނީ ޗައިނާގެ ޚާރިޖީ ވަޒީރު ޔޮންގ ޔީއާއި އިންޑިޔާގެ ފޮރިން ސެކްރެޓަރީ ވިކްރަމް މިސްރީއާ ދެމެދު ދާދި ފަހުން ބޭއްވި ބައްދަލުވުމަކަށް ފަހުއެވެ.

ދެ ޤައުމުގެ ދެމެދުގައި ސީދާ ވައިގެ ދަތުރުތައް އަލުން ފެށުމަށް ނިންމާފައިވާ ކަން ޗައިނާގެ ޚާރިޖީ ވުޒާރާއިން ވެސް ވަނީ ކަށަވަރު ކޮށްދީފައެވެ. މީގެ އިތުރުން، ދެ ޤައުމުގެ ދެމެދުގައި ނޫސްވެރިން ބަދަލު ކުރުމުގެ ޕުރޮގުރާމެއް ހިންގުމާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް ވަޒީރުންގެ ނައިބުންގެ ފެންވަރުގެ ބައްދަލުވުމެއް ބޭއްވުމަށް ތައްޔާރުވަމުންދާ ކަން ޗައިނާއިން ވަނީ ހާމަކޮށްފައެވެ.

2020ވަނަ އަހަރު ދެ ޤައުމުގެ ސަރަޙައްދީ ރޮނގުގައި ހިނގި ކުރިމަތިލުންތަކާ ގުޅިގެން ދެ ޤައުމުގެ ގުޅުމަށް ބޮޑު ހީނަރުކަމެއް ކުރިމަތިވިއެވެ. އޭގެ ނަތީޖާއެއްގެ ގޮތުން، އިންޑިޔާއިން ވަނީ އެ ޤައުމުގައި އިންވެސްޓު ކުރުމަށް އޮތް ފުރުޞަތުތައް ޗައިނާގެ ކުންފުނިތަކަށް ހަނިކޮށްފައެވެ. މީގެ އިތުރުން ޗައިނާގެ އެޕްލިކޭޝަންތައް ބޭނުން ކުރުމަށް ހުރަސް އަޅައި، ޢާންމު ދަތުރުފަތުރުތައް ވެސް މެދުކަނޑައިލިއެވެ. ނަމަވެސް، މުދާ އުފުލާ މަތިންދާބޯޓުތަކުގެ ދަތުރުތަކަށް ހުރަސް އަޅާފައެއް ނެތެވެ.

2024 އޮކްޓޫބަރަށް ފަހު ހަރުދަނާ ފިޔަވަޅުތަކެއް

ދެ ޤައުމުގެ ދެމެދުގައި ހީނަރުވެފައި އޮތް ގުޅުންތައް އަލުން އިޔާދަ ކުރުމަށް ފާއިތުވި ހަތަރު މަހެއްހާ ދުވަހުގެ ތެރޭގައި ހަރުދަނާ މަސައްކަތްތަކެއް ކޮށްފައިވާ ކަން ފާހަގަ ކޮށްލަން ޖެހެއެވެ. މި ގޮތުން، ހުސްވި އަހަރުގެ އޮކްޓޫބަރު މަހު ޗައިނާގެ ރައީސް ޝީ ޖިންޕިންގއާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ބައްދަލު ކުރައްވައި، ދޭދޭ ގުޅުންތައް ހަރުދަނާ ކުރުމާ ގުޅޭ ގޮތުން މުހިންމު މަޝްވަރާތެއް ކުރެއްވިއެވެ. އެއަށް ފަހު، ދެ ޤައުމުގެ ދެމެދުގައި މަތީ ފަންތީގެ އިތުރު މަޝްވަރާ ބައްދަލުވުންތައް ބާއްވާފައިވެއެވެ.

އިންޑިޔާގެ ފޮރިން ސެކްރެޓަރީ މިސްރީއާ އެކު ބޭއްވި ބައްދަލުވުމުގައި ޗައިނާގެ ޚާރިޖީ ވަޒީރު ވޮންގ ވަނީ ދެ ޤައުމުގެ ދެމެދުގައި ޚިޔާލާއި ވިސްނުން އެއްގޮތްވާ ކަންކަމުގައި އެއްގަލަކަށް އަރައި، ދެ ޤައުމުން ގުޅިގެން މަސައްކަތް ކުރަން ޖެހޭ ކަމަށް ވިދާޅުވިއެވެ. ވޮންގ ވިދާޅުވީ، ދޭދޭ ގުޅުންތައް ހަރުދަނާ ކުރުމުގެ ގޮތުން ދެ ޤައުމުގެ މެދުގައި އެއްބާރުލުން ދިނުން އިތުރު ކުރަން ޖެހޭ ކަމަށާއި، ޚިޔާލާއި ވިސްނުން އެއްގޮތްވާ ކަންތައްތަކުގައި ގުޅިގެން މަސައްކަތް ކުރުމަށް އިސްކަން ދޭން ޖެހޭ ކަމުގައެވެ. އަދި، ޝައްކު ކުރުމާއި، އެއް ޤައުމުން އަނެއް ޤައުމު އެކަހެރި ކޮށްލުމުގެ ގޮތުން ހިންގަމުންދާ އަމަލުތަކުން އެއްކިބާވާން ޖެހޭ ކަމުގައި ވެސް ވޮންގ ވިދާޅުވިއެވެ.

"އިޤުތިޞާދީ އަދި ވިޔަފާރީގެ ދާއިރާގައި ހުރި ކަންބޮޑުވުންތައް ޙައްލު ކުރުމަށް، އަދި ދެފުށް ފެންނަ ދުރު-ރާސްތާ ސިޔާސަތުތަކެއް ކުރިއެރުވުމަށް މުހިންމު މަޝްވަރާތަކެއް ކުރެވުނު،" އެ ބައްދަލުވުމާ ގުޅޭ ގޮތުން އިންޑިޔާގެ ޚާރިޖީ ވުޒާރާއިން ބުންޏެވެ.

ދެ ޤައުމުގެ ދެމެދުގައި ވައިގެ އުދުހުންތައް އަލުން ފެށުމަށް ޗައިނާއިން ވަނީ ހުސްވި އަހަރުގެ ޖޫން މަހު ވެސް ހުށަހަޅާފައެވެ. އެ ކަމަށް އެދި ޗައިނާގެ ސަރުކާރާއި އެއަރލައިންތަކުން ވެސް ވަނީ އިންޑިޔާ ސަރުކާރުގެ ކިބައިން އެދިފައެވެ. ދޭދޭ ގުޅުންތައް އެ ވަގުތު އޮތް ހާލަތަަށް ބަލައި، އިންޑިޔާއިން ވަނީ އެ ކަމަށް އިންކާރު ކޮށްފައެވެ. ނަމަވެސް، އެ ނިންމުން ބަދަލު ކުރުމާ ގުޅޭ ގޮތުން ސަރުކާރުން މަޝްވަރާ ކުރަމުންދާ ކަން ހުސްވި އަހަރުގެ އޮކްޓޫބަރު މަހު އެ ޤައުމުގެ މަޞްދަރުތަކުން ހާމަކުރިއެވެ.